އިންޑިޔާގެ ގުޖުރާތުގައި ބްރިޖަކުން ބައެއްވެއްޓި ބުދަދުވަހު ހިނގި ހާދިސާގައި މަރުވި މީހުންގެ އަދަދު 15އަށް އަރައިފިއެވެ. މިހާދިސާއަށްފަހު ސަލާމަތްވި ބައެއްމީހުން ބުނެފައިވާ ގޮތުގައި ބްރިޖްގެ ބައެއް ވެއްޓުމުގެ ކުރިން ބާރު ގޮވުމެއްކަހަލަ އަޑެއް އިވިފައިވެއެވެ.އަދި ބައެއްމީހުން ބިންހެލުމެއް އައީ ކަމަށް ހީކުރިކަމަށްވެސް ޚަބަރުތައް ބުނެފައި ވެއެވެ.
ގުޖްރާތު ސަރުކާރުން ބުނެފައިވާ ގޮތުގައި ބްރިޖްގެ ބައެއް ވެއްޓެން ދިމާވި ސަބަބު އަދިވެސް ނޭގެއެވެ. އެކަން ބެލުމަށް ތަހުގީގު ކުރަމުން ދާކަމަށް ބުރާސްފަތި ދުވަހު ބުނެފައި ވެއެވެ.
އިތުރު ދެމީހުންނާއެކު ވޭން އެއްގައި ބްރިޖްމަތިން ދަތުރުކުރި މީހަކު ބުނި ގޮތުގައި ބްރިޖް ”ފެޅުނު“ ކަހަލަ ބާރު އަޑުފަށެއް އިވުމަށްފަހު ބްރިޖްގެ ބައެއް ތިރީގައިވާ ކޯރަށް ވެއްޓިގެން ދިޔައިރު ބައެއްވެހިކަލްތައް ވެސް ކޯރު ތެރެޔަށް ވެއްޓިފައި ވެއެވެ. މިގޮތުން ވެއްޓުނު ވެހިކަލްތަކުގެ ތެރޭގައި ލޮރީ އާއި ކާރު އަދި ޓުކްޓުކް ހިމެނެއެވެ.
ސަލަލާމަތްވި އަންހެނަކު ކިޔާދިން ގޮތުގައި އޭނާވެސް ދަތުރު ކުރި ކާރު ކޯރަށް ވެއްޓުމުގެ ސަބަބުން އާއިލާގެ ހަމީހުން މަރުވެފައި ވެއެވެ. ސަލާމަތަށް އެދި ވަރަށް ބޮޑަށް ހަޅޭއްލެވި ކަމަށާ ނަމަވެސް އެހީވާން ބަޔަކަށް ދެވުނު އިރު މީހުން މަރުވެފައިވާކަމަށް އޭނާ ކިޔާދީފައި ވެއެވެ.
ސެންޓްރަލް ގުޖްރާތު އާއި ވަޑޯޑަރާ ޑިސްޓްރިކްޓް ގުޅުވާދޭ، އެޅިތާ މީހާރު 40 އަހަރު ވެފައިވާ ބްރިޖް ގައި ކޮންމެ ދުވަހަކުވެސް ގިނަބަޔަކު ދަތުރު ކުރެއެވެ. ގިނަ ބަޔަކު ކިޔާދިން ގޮތުގައި ބްރިޖަކީ ވަރަށް ފެންވަރު ދަށްކޮށް އަޅާފައިވާ ބްރިޖެކެވެ. އަދި އެތައް ދިމާލަކުން ދަގަނޑުތައް ނިކުމެފައި ހުންނަ ކަމަށާ، އަދި ބަރު ލޮރީއެއް ދާނަމަ ބްރިޖް ތެޅޭކަމަށްވެސް އާންމުން ކިޔާދީފައި ވެއެވެ.
2022 ވަނަ އަހަރުވެސް ހަމަ ގުޖްރާތުގައި ސަސްޕެންޝަން ބްރިޖެއް ވެއްޓުމުގެ ސަބަބުން 135 މީހުން މަރުވެފައި ވެއެވެ.