މިދިޔަ މޭ މަހުގެ 27ވަނަ ދުވަހު، ގދ. ތިނަދޫގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާ ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ކައިރިން ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ސައިކަލު ދުއްވަން އިނީ ހާދިސާގައި އަނިޔާވި އަންހެންމީހާއެވެ.
އޭނާއަށް، ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ފަހުން ވަނީ އިމަޖެންސީގައި މާލެ ގެނެސް، އައިޖީއެމްއެޗުގައި ފަރުވާދީފައެވެ.
ޚަބަރު ލިބިފައިވާގޮތުގައި، ސިކުނޑީގެ އޮޕަރޭޝަނަކަށްފަހު އިންފެކްޝަނެއް އުފެދުމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސްވެގެން ފަރުވާދެމުންދިޔައީ އައިސީޔޫގައެވެ.
ފުލުހުން ކުރިން ބުނީ އެކްސިޑެންޓުވި ކާރު ދުއްވަންއިން މީހާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ސުވާލުކޮށްފައިވާ ކަމަށާއި، އެ މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށެވެ.