އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް ނިންމާލެވޭނެކަމަށް، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެ ސްކޫލުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު، ޕީއެސްއެމަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ވަޒީރު ވިދާޅުވީ، މިއީ ޒަމާނި ވަސީލަތްތަކާއެކު ބިނާކުރާ ސްކޫލެއް ކަމަށެވެ. މިގޮތުން، އެ ސްކޫލުގައި 42 ކްލާސް ރޫމާއި މަލްޓިޕަރޕަސް ހޯލަކާއި 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ހުންނާނެކަމަށެވެ.
މީގެ އިތުރުން އެ އިމާރާތުގައި ޖާގަ ތަނަވަސް، އަންޑަރ ގްރައުންޑް ޕާކިންގއެއްވެސް ހިމެނޭނެކަމަށް ވަޒީރު ވިދާޅުވިއެެވެ.
ޢަރަބިއްޔާ ސްކޫލުގެ މަސައްކަތް ކުރަމުންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އާ ހަވާލުކޮށްގެންނެވެ.