ގެދޮރުވެރިޔާ ސްކީމުގެ އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންކަމާ ގުޅިގެން ބަންޑާރަނައިބުގެ ލަފާފުޅެއް ހޯދަނީ

Loading

July 10, 2025
profile
Facebook
Twitter
WhatsApp

ގެދޮރުވެރިޔާ ސްކީމުގެ އެއްބަސްވުމުގައި ހިމެނޭ ގާނޫނާ ފުށުއަރާ ބައެއް ނުކުތާތަކާ ގުޅިގެން ބަންޑާރަނައިބުގެ ލަފާފުޅެއް ހޯދުމަށް، ގެދޮރުވެރިކަމާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ، ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އެއްބަސްވުމާ ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

މި ނޫސްބަޔާނުގައި ބުނެފައިވަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާ ގުޅިގެން އަލުން ގުރުއަތު ނަގައި، އެ ފަރާތްތަކަށް ލިބުނު ޕްލޮޓް ކަނޑައަޅާފައިވާކަމަށެވެ.

އަދި ގުރުއަތު ނެގުމަށްފަހު، އޭރުގެ ސަރުކާރުން، ގޯތި ލިބުނު ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އަލުން ދިރާސާކުރިއިރު ގާނޫނާ ފުށުއަރާ ބައެއް ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެގޮތުން ބަލާއިރު، އޭރުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން، ގޯތި ލިބޭ ފަރާތްތަކުން ދޫކޮށްލަންޖެހޭނީ އެ ފަރާތްތަކަށް މާލޭ ސަރަހައްދުން (މާލެ، ހުޅުމާލެ އަދި ވިލިނގިލިން) ލިބިފައިވާ، 600 އަކަފޫޓަށްވުރެ ކުދި ބިންތައްކަން ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 11ވަނަ މާއްދާގެ (ހ)ގައި ވާގޮތުން، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދެވޭނީ، އެ މީހެއްގެ ނަމުގައި ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއް ގޯއްޗެއް، ނުވަތަ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިނުވާ ދިވެހި ރައްޔިތުންނަށްކަން ބަޔާކޮށްފައިވާކަމަށެވެ.

އަދި އެފަދަ ތަނެއް ލިބިފައިވާ މީހުންނަށް ގޯތި ދޫކުރެވޭނީ، އެ ތަންތަން ދޫކޮށްލުމުން ނުވަތަ ދޫކޮށްލަން ޝަރުތުކޮށްފައި ކަމުގައި ބަޔާންކޮށްފައި އޮންނަކަމަށެވެ.

އެހެންކަމާއެކު، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭން ދޫކޮށްފައިވާ ގިނަ ބިންތަކުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާތީއާއެކު، ހަމައެކަނި ގުޅީފަޅުގެ އެއްބަސްވުން ބަދަލުކޮށްގެން މުޅި މައްސަލައަށް ހައްލެއް ނުލިބޭނެކަމަށް މިނިސްޓްރީން ދެކޭތީ، އެކަމަށް ހައްލެއް ހޯދުމަށްޓަކައި ބަންޑާރަނައިބުގެ ލަފާފުޅެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް