ބިންވެރިޔާ ސްކީމުގެ ދަށުން ނިމިދިޔަ ސަރުކާރުން ދޫކޮށްފައިވާ ގޯތިތައް ލިބޭ މީހުން، ރާއްޖޭގެ އެއްވެސް ހިސާބަކުން ލިބިފައިވާ، ސަރުކާރުން ދޫކުރާ ފުލެޓެއް ނުވަތަ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން ލިބިފައިވާ ބައެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ދޫކޮށްލަން ޖެހޭނެކަމަށް، ގެދޮރުވެރިކަމާއި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މިހެން ބުނެފައިވަނީ، ގުޅީފަޅުން ދީފައިވާ ގޯތިތަކުގެ އެއްބަސްވުމަށް ގެނެވިފައިވާ ބަދަލާ ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ވުޒާރާއިން ނެރެފައިވާ ނޫސް ބަޔާނުގައި ވާގޮތުން، ނިމިދިޔަ ސަރުކާރުން، އޭރު ގޯތިތައް ދޫކުރިއިރު ގޯތި ލިބޭ ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ގާނޫނާ ފުށުއަރާ ބައެއް ކަންކަން ވަނީ ހިމަނާފައެވެ. މިގޮތުން، އޭރުގެ އެއްބަސްވުމުގައި ވަނީ، ދޫކޮށްލަންޖެހޭނީ ހަމައެކަނި މާލެ، ހުޅުމާލެ އަދި ވިލިނގިލިން ލިބިފައިވާ 600 އަކަފޫޓަށްވުރެ ކުދި ބިންތައް އެކަނި ކަމަށެވެ.
އެހެންކަމާއެކު، ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ފަރާތްތަކާއެކު ދެން ސޮއިކުރާނީ ގާނޫނާ އެއްގޮތަށް ބަދަލު ގެނެސްފައިވާ އެގްރީމެންޓުގައި ކަަމަށް، ގެދޮރުވެރިކަމާއި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.