ވިޔަފާރީގެ އާ އެއްބަސްވުމަކާއި ނުލައި އެމެރިކާގެ ޓެރިފްތަކުގެ ނުރައްކާ އިންޑިއާއަށް!

Loading

Facebook
Twitter
WhatsApp

އެމެރިކާއިން ވަނީ އިންޑިއާގެ ވިޔަފާރީގެ ހުރަސްތަކަށް ލުއި ދިނުމަށް ނުވަތަ ލުއި ނުދީފިނަމަ އެކްސްޕޯޓުން %26 އާއި ހަމައަށް ޓެރިފް ނެގުމާއި ގޅޭގޮތުން ވަކިގޮތެއް ނިންމުމަށް ޖުލައި މަހުގެ 9 ވަނަ ދުވަހުގެ މުއްދަތެއް އިންޑިއާއަށް ދީފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޑިއާގެ ވިޔަފާރީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ، އެގައުމަކީ ”ޓެރިފް ކިންގް“ ކަމަށް ވިދާޅުވެ، އިންޑިއާގެ މާކެޓްތަކަށް ފުޅާ ދާއިރާއެއްގައި ވަދެވޭނެ ގޮތް ހެދުމަށް ޑިމާންޑް ކުރައްވާފަ އެވެ.


ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ބޭނުންވާކަން ހާމަކުރައްވައި، ”އެއާ ފޯސް ވަން“ ގައި ހުންނަވައި ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އެދޭގޮތަށް އެއްބަސް ނުވެއްޖެނަމަ ބޮޑެތި ބަދަލުތަކެއް އަދާކުރަން ޖެހިދާނެ ކަމުގެ އިންޒާރު އިންޑިއާއަށް ދެއްވާފައެވެ. އިންޑިއާގެ މުދަލުން 10 އިންސައްތައިގެ ޓެރިފެއް ނަގަން އެމެރިކާއިން ފަށާފައިވަނީ އޭޕްރީލް މަހުގައެވެ. އަދި އާ އެއްބަސްވުމަކަށް ނާދެވޭނަމަ މިއަދަދު ވަރަށް ބޮޑަށް އިތުރުވެދާނެ ކަމަށް އެމެރިކާއިން ގެންދަނީ ބުނަމުންނެވެ.
އިންޑިއާގެ މަޝްވަރާވެރިން މިހާރު ގެންދަނީ، ވޮޝިންޓަންގައި ތިބެގެން އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ކުރަމުންނެވެ. ކަދުރު، ޕިސްޓާޗިއޯ، އަދި ހަކަތަ އުފައްދާ އުފެއްދުންތައް ފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީތައް ކުޑަކުރުމަށް އިންޑިއާއިން ހުށަހަޅާފައިވީނަމަވެސް އެމެރިކާއިން ދަނީ ކާރު، ދަގަނޑު، އަދި ކިރު ފަދަ މުހިއްމު މާކެޓްތަކަށް ވަދެވޭނެގޮތް ހެދުމަށް ޕްރެޝަރު ކުރަމުންނެވެ.
އިންޑިއާގެ އޮފިޝަލަކު ފާހަގަކުރެއްވި ގޮތުގައި ނާޒުކު ދާއިރާއެއްގެ ގޮތުގައި ބަލާ ދަނޑުވެރިކަމުގެ ޕްރޮޑަކްޓްތަކަށް އެގައުމުން އެއްވެސް ލުޔެއްނުދޭނެއެވެ. ސޯޝަލް މީޑިއާގައި އާންމުންގެ ރިއެކްޝަން ބައިބައިވެފައިވާއިރު، އިންޑިއާގެ ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެމެރިކާގެ ވިޔަފާރި ޖަމާއަތްތަކުން ޓްރަމްޕްގެ ވަރުގަދަ އުސޫލްތަކަށް ތާއީދުކުރެއެވެ.
މޫޑީސް ހިމެނޭ ގޮތަށް، އެނަލިސްޓުން ލަފާކުރާ ގޮތުގައި، ދާދި ފަހުން %20 ގެ ޓެރިފް ގަބޫލުކުރި ވިއެޓްނާމާއި ހިލާފަށް، އިންޑިއާއިން ވޯސްޓް-ކޭސް-ސިނާރިއޯއިން ސަލާމަތްވެދާނެ އެވެ. ނަމަވެސް ގިނަ ކަންތައްތަކެއް ބިނާވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެމެރިކާގެ ޑިމާންޑްތަކަށް ރައްދު ދެއްވާ ގޮތުގެ މައްޗަށެވެ.
އިންޑިއާގެ ވިޔަފާރީގެ ސިޔާސަތުތަކުގައި ޒަމާނުއްސުރެ ދަނޑުވެރިންނާއި، ސިނާއަތްތައް ހިމާޔަތް ކުރުމަށް ބޮޑު ޓެރިފްތަކެއް ހިމަނާފައވާއިރު، އެޕްރީލް މަހުގެ ދެވަނަ ދުވަހު އިއުލާންކުރި ޓެރިފްގެ އެންމެ ފަހު ބުރު ޖުލައި 9 އަށް ފަސްކުރީ މަޝްވަރާތަކަށް ވަގުތު ދިނުމުގެ ގޮތުންނެވެ. މި ހަލަބޮލިކަމުގެ ސަބަބުން މާލީ ބާޒާރުތަކަށް އަސަރުކޮށްފައިވާއިރު، އިންޑިއާގެ ސެންސެކްސްގައި ތަފާތުތަކެއް ވަނީ ފެނިފައި ވާކަމަށާއި، ޓީސީއެސް އާއި އެވިނިއު ސުޕަމާޓްސް ފަދަ ކުންފުނިތަކުން ތިބީ ކުއާޓަރުގެ އާމްދަނީއަށް ތައްޔާރުވެގެން ކަމަށް ޚަބަރުތައް ބުނެއެވެ.
މިގޮތުން، ރިއޯ ޑި ޖެނީރޯގައި ބައްދަލުކުރާ ބްރިކްސް ގައުމުތަކުންވަނީ އެމެރިކާއިން ނަގާ ޓެރިފްތަކަކީ ”ޣައިރު ގާނޫނީ“ އެއްޗެއް ކަމަށްބުނެ ފާޑުކިޔާފައެވެ. އެހެންނަމަވެސް، އިންޑިއާއިން މަޝްވަރާތައް ކުރިއަށް އެގެންދަނީ، އެގައުމުގެ ”2030 ވަނަ އަހަރުގެ ނިޔަލަށް 500 ބިލިއަން ޑޮލަރުގެ ވިޔަފާރި“ އަމާޒަށް ފޯކަސްކޮށްގެންނެވެ.
އޮބްޒާވަރުން ބުނާ ގޮތުގައި މިހާރު އުފެދިފައިވާ މައްސަލައަކީ ހަމައެކަނި ވިޔަފާރީގެ ޚިޔާލުތަފާތުވުމަކަށްވުރެ މާ ބޮޑު ކަމެއް ކަމަށާއި، އިންޑިއާގެ އިގްތިސާދާއި ދުނިޔޭގެ ޕާޓްނަޝިޕްތަކަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް