މިސައިލް އަދި ޑްރޯން ކެޕޭސިޓީ ފުޅާކުރުމުގައި އީރާނަށް އެހީތެރިވުމަށް ޗައިނާއިން ނިންމައިފިއެވެ.
މިސައިލް އަދި ޑްރޯން ޕްރޮގްރާމްތައް އިތުރަށް ފުރިހަމަ ކުރުމަށް އީރާނަށް އެހީތެރިވުމަށް ޗައިނާއިން އެއްބަސްވެފައިވާއިރު، މިއީ ދެގައުމުގެ އަސްކަރީ އެއްބާރުލުން ދިނުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ. އީރާނުން ވައިގެ ދިފާއީ ނިޒާމުތަކާއި، އަސްކަރީ ތައްޔާރީތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާއިރު، މި ޕާޓްނަޝިޕްގެ ސަބަބުން މެދުއިރުމަތީގެ ސްޓްރެޓެޖިކް ބެލެންސަށް އަސަރުކުރާނެ ކަމަށް ބެލެވެއެވެ.
މި ފިޔަވަޅު އަޅާފައި މިވަނީ، ދާދިފަހުން އިސްރާއީލާއެކު ފަށާފައިވާ ހަނގުރާމައިގައި، އީރާނުން ބޭނުންކުރަމުން އަންނަ ރަޝިޔާގެ ޒަމާންވީ ދިފާއީ ނިޒާމުތަކާ ގުޅިގެން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުމުންނެވެ. ނަތީޖާއެއްގެ ގޮތުން ތެހެރާނުން މިހާރު ހޯދަމުންދަނީ ޗައިނާގެ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީތަކެވެ. އޭގެ ތެރޭގައި ޖޭ-10ސީ ފަޔަރ ޖެޓްތަކާއި އެޗްކިއު-9 އެއާ ޑިފެންސް ސިސްޓަމްތައް ހިމެނެއެވެ. އީރާނުގެ އޮފިޝަލުން ވަނީ ޗައިނާގެ އިތުބާރާއި އިނޮވޭޝަނަށް އިތުބާރު ފާޅުކޮށް، މި ޕާޓްނަޝިޕަކީ އިތުބާރު ބޮޑުވެ، ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހިއްސާކުރާ ނިޝާނެއްގެ ގޮތުގައި ދެކިފަ އެވެ.
މި އެއްބަސްވުމުގެ ސަބަބުން، ޗައިނާއަށް މެދުއިރުމަތީގައި އެގައުމުގެ ނުފޫޒު އިތުރުކުރުމުގެ ފުރުސަތު ލިބިގެންދާއިރު، އެގައުމުގެ ހަކަތައާބެހޭ މުހިންމު މަސްލަހަތުތަކެއްވެސް ހިމާޔަތްކުރުމުގެ މަގުފަހިވެގެންދެއެވެ. އީރާނުގެ އަސްކަރިއްޔާއަށް ޗައިނާއިން ދޭ އެއްބާރުލުމުގެ ސަބަބުން އީރާނާއި ޕާކިސްތާން މެދުވެރިކޮށް ބިމުގެ ވިޔަފާރީގެ ރައްކާތެރި މަގުތަކެއް އުފެއްދުމަށް އެހީތެރިވެދެއެވެ. މިއީ ދުނިޔޭގެ ފިތުނަތަކުގެ އަސަރު ފޯރާފާނެ ކަނޑުގެ މަގުތަކަށް ވުރެ މާ ސްޓޭބަލް ރޫޓުތަކެކެވެ.
ޗައިނާއާ ދިމާލަށް އީރާނުން އެނބުރުމަކީ އިއްތިހާދުތައް ބަދަލުވަމުންދާކަން ހާމަކޮށްދޭ ކަމަކަށްވާއިރު، ފާއިތުވި އަހަރުތަކުގައި އީރާނާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ހީނަރުވެފައިވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއިއެކު، އިސްރާއީލަށް އިންޑިއާއިން އެއްބާރުލުން ދިނުމުގެ ސަބަބުންނެވެ. މިއާއި ހިލާފަށް، ހުޅަނގުގެ ޕްރެޝަރަށް ބޯލެނބުމެއްނެތި ޗައިނާއިން މިވަނީ އީރާނަށްކުރާ ތާއީދު ދެމެހެއްޓުމުގެ ގޮތުން، ސްޓްރެޓެޖިކް ޕާޓްނަޝިޕެއް ހުށަހަޅައިފައެވެ.
ޗައިނާގެ ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ވަނީ އީރާނުގެ ކެތްތެރިކަމާއި، ޗައިނާގެ ސްޓޭންޑަށް ތައުރީފުކޮށް، އެ އިއްތިހާދަށް ވަރުގަދަ ސަޕޯޓެއް ދައްކައިފައެވ އާންމުންގެ ކޮމެންޓްތަކުން ދައްކުވައިދެނީ ބައިނަލްއަގްވާމީ އެކުވެރިކަމަށް ޗައިނާއިން ވަރުގަދަ އަދި ވަފާތެރި އުސޫލަކަށް ފަޚުރުވެރިވާ ކަމެވެ.
މި ޕާޓްނަޝިޕްގެ ސަބަބުން ހަމައެކަނި އަސްކަރީ ނޫން ގޮތްގޮތުން ވެސް މި ސަރަހައްދަށް އަސަރު ފޯރާފާނެ އެވެ. ޗައިނާގެ ތާއީދާއެކު މެދުތެރޭ އޭޝިއާ އާއި ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޯރިޑޯ (ސީޕީއީސީ) ގައި އީރާނަށް ބޮޑު ދައުރެއް އަދާކުރެވިދާނެ އެވެ. މި އެލައިންމަންޓަކީ ޔޫރޭޝިއާގެ ގުޅުން ބަދަހިކުރުމާއި، ދިގު މުއްދަތުގެ ސަރަހައްދީ ހަމަޖެހުން ކުރިއެރުވުމަށް ޗައިނާއިން ގެންގުޅޭ އަމާޒަށް ބާރުލިބޭ ގުޅުމެކެވެ.
ދެ ގައުމުގެ ގުޅުން ފުންވަމުންދާއިރު، މި ޕާޓްނަޝިޕް ފެނިގެންދަނީ ހަމައެކަނި ދިފާއީ އިސްނެގުމެއްގެ ގޮތުގައެއް ނޫނެވެ. އަދި މިއީ ސަރަހައްދީ އެއްބާރުލުމާއި، އިގްތިސާދީ ތަރައްގީ ކުރިއެރުވުމަށް ކުރާ ފުޅާ މަސައްކަތެއްގެ ގޮތުގައި އޮބްޒާވަރުން ދެކެއެވެ. މިއީ އެކި ގައުމުތަކުގެ މެދުގައި ބެލެންސްޑް ބާރެއް އޮންނަ މެދުއިރުމައްޗަކާއި ދިމާލަށް ވާސިލުވުމަށްޓަކައި އަންނަ ބޮޑު ބަދަލެއްގެ ބައެއްގެ ގޮތުގައި އޮބްޒާވަރުން ދެކެއެވެ.