މެނޭޖިންގ ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގަތްއިރުވެސް އެ މަގާމުގައި ގިނަ ދުވަހު ހުންނެވުމުގެ ވިސްނުންފުޅު ނެތްކަމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު މަޢުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މަޢުރޫފް ވިދާޅުވީ، އޭނާ މި މަޤާމާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚާއްސަ ފުރުސަތެއްގެ ބޭނުން ހިއްޕެވުމަށްޓަކައި ކަމަށެވެ.
އަދި ހަވާލުވެވަޑައިގަތީ މުހިންމު ލަނޑުދަނޑިތަކެއް ހާސިލުކުރެއްވޭނެކަމުގެ އުންމީދުގައި ކަމަށާއި، މީގެތެރޭން ގިނަ ކަންކަން ހާސިލުވެވަޑައިގެންފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅުމާލެ އުފެއްދުމުގެ މަސައްކަތުގައިވެސް މަޢުރޫފް ވަނީ އިސްކޮށް އުޅުއްވާފައެވެ. އޭގެ ސައުވީސް އަހަރު ފަހުން އެޗްޑީސީގެ އެމްޑީގެ މަޤާމު ރައީސް ހުށަހެޅުއްވީ، ރިޓަޔަރކުރައްވަން ނިންމަވާފައި ވަނިކޮށް ކަމަށް މަޢުރޫފް ވަނީ ވިދާޅުވެފައެވެ.
މަޢުރޫފް ވިދާޅުވީ، މަޤާމާ ހަވާލުވެވަޑައިގަތްއިރުވެސް، ގިނަ ދުވަހު މަސައްކަތްޕުޅު ނުކުރެއްވޭނެކަން އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ކުރައްވާ ހިތްޕުޅުވާ ކަމަކަށް ވާތީ އެ ފުރުސަތު ގަބޫލުކުރެއްވީ ކަމަށެވެ.
ރިޓަޔަރކުރައްވަނީ ކުރިމަތިވެވަޑައިގަތް ޕްރެޝަރުގެ ސަބަބުން ކަމަށް ދެކެވޭ ވާހަކައާ ގުޅޭގޮތުން ޝޯގެ ޕްރެޒެންޓަރު ސުވާލު ދެންނެވުމުން މަޢުރޫފް ވިދާޅުވީ، އެފަދަ މަޤާމެއްގައި ހުންނަވާއިރު ހުރިހާ ވައްތަރެއްގެ ޕްރެޝަރެއްވެސް ކުރިމަތިވާނެ ކަމަށެވެ. އެއީ މަޤާމާ އެކީގައި އަންނަ އެއްޗެއް ކަމަށެވެ.
އަދި ރިޓަޔަރކުރެއްވި ނަމަވެސް އެ ކުންފުންޏާ އެއްކޮށް ދުރަށް ވަޑައިގަތުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށާއި، އެޑްވައިޒަރީ ފެންވަރުގެ މަގާމެއް އަދާކުރެއްވުމުގެ ޝައުޤުވެރިކަން އެބަހުރި ކަމަށް މަޢުރޫފް ވަނީ ވިދާޅުވެފައެވެ.