އެމެރިކާއިން އީރާނަށް ހަމަލާދޭން ފޮނުވި ބީ-2 މަރުކާގެ ސްޓެލްތު ބޮމަރއަކަށް ވީގޮތެއް ނޭނގުނު

Loading

Facebook
Twitter
WhatsApp

އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދިނުމަށްޓަކައި މިސޯރީގައި އޮންނަ އެމެރިކާގެ ވައިޓްމަން އެއާރފޯސް ބޭސް އިން ބީ-2 މަރުކާގެ ސްޓެލްތު ބޮމަރ ހިމެނޭ ގޮތުގައި 2 ގުރޫޕެއް ފޮނުވިއެވެ. އެއް ގުރޫޕް ފޮނުވީ އީރާނުގެ އިންޓެލިޖެންސަށް އޮޅުވާލުމުގެ ބޭނުމުގައި ޕެސިފިކް ކަނޑާ ދިމާލަށެވެ. އަނެއް ގުރޫޕް ގައި ހިމެނޭ ބީ-2 މަރުކާގެ 7 ބޮމަރ ދަތުރުފެށީ ސީދާ އިރުމަތިން އީރާނާ ދިމާއަށެވެ.   

                              

ދެވަނަ ގުރޫޕްގައި ހިމެނޭ 7 ބޮމަރ 37 ގަޑިއިރުގެ ދިގު ދަތުރަކަށްފަހު އެ ލަޝްކަރަށް ހަވާލުކޮށްފައިވާ މިޝަން ފުރިހަމަކުރުމަށްފަހު ވައިޓްމަން އެއާރފޯސް ބޭސް އަށް އެނބުރި އައިކަމަށް 27 ޖޫންގައި ޔުރޭޝިއަން ޓައިމްސްގައި ޝާއިއު ކޮށްފައިވާ ރިޕޯރޓެއްގައި ބުނެފައި ވެއެވެ. އެހެންނަމަވެސް ޕަސިފިކް ކަނޑާ ދިމާލުން ދަތުރުކުރި ގުރޫޕްގެ މާގިނަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.                              

މިހާރު ލިބެމުންދާ މައުލޫމާތުތަކަށް ބަލާއިރު ޕެސިފިކް ކަނޑާދިމާލުން ދަތުރުކުރި ގުރޫޕްގެ ތެރެއިން އެއް ބޮމަރ އަށް މެދުވެރި ކުއްލި ހާލަތެއްގައި ހަވާއީ އަށް ޖައްސަން މަޖުބޫރު ވިއެވެ. އެކަމަކު އޭގެ އެއްވެސް ތަފްސީލެއް ނުލިބެއެވެ. ހޮނޮލުލޫގައި އޮންނަ ހިކްނަމް އެއާރ ފޯރސް ބޭސް އިން ހިއްސާކުރަމުންގެންދާ ހިކްނަމް އިންޓަރނޭޝަނަލް އެއާރޕޯރޓުގައި އެއް ބީ-2 ބޮމަރ ޖައްސާފައިވާކަން އެނގެއެވެ. އެ ބޮމަރ ދައްކުވައިދޭ ވީޑިއޯއެއް ވަނީ ފެންމަތި ވެފައެވެ. އެހެންނަމަވެސް އެ އެއާރކްރާފްޓް މިސްރާބު ބަދަލުކުރަންޖެހުނު ހާލާތު ހާމަކޮށްފައެއް ނުވެއެވެ. އަދި އެ ބޮމަރ ބީއްސާފައި އޮންނަން ޖެހޭނެ މުއްދަތެއްވެސް ހާމަ ކޮށްފައެއް ނުވެއެވެ. 

ބައެއް އެހެން މީޑިއާތަކުން ބުނެފައިވަނީ ބީ-2 މަރުކާގެ އެއް ބަންކަރ ބަސްޓަރ އަށް ވީގޮތެއް ނޭންގޭ ކަމަށެވެ.  ހަގީގަތް އެނގޭނީ އެމެރިކާއަށެވެ.                                                  

މީގެ ކުރިންވެސް ބީ-2 މަރުކާގެ ބޮމަރއަށް ކުއްލި ނުރައްކާތެރި ހާލަތުތަކެއް ވަނީ މެދުވެރި ވެފައެވެ. އޭގެތެރެއިން އެންމެ ފާހަގަކުރެވޭ ކާރިސާއަކީ 2008 ގައި ’ ސްޕިރިޓް އޮފް ކެންސަސް ’ ގެ ނަންދެވިފައިވި ބޮމަރ ގުއާމްގައި އޮންނަ އެންޑަރސަން އެއާރބޭސްއިން ނައްޓާލުމާއެކު ކްރޭޝްވެ އެއާރކްރާފްޓް އެއްކޮށް ހަލާކު ވެގެން ދިއުމެވެ. އޭގައި ތިބި މީހުން ސަލާމަތްކުރެވުނު ކަމަށް ބުނެފައި ވެއެވެ.                                

ބީ-2 މަރުކާގެ ސްޓެލްތު ބޮމަރ އަކީ އެމެރިކާ މިލިޓްރީގެ އެންމެ ކުރިއަރާފައިވާ ޓެކްނޯލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ އެއާރކްރާފްޓެކެވެ. ގިނަފަހަރަށް ބީ-2 މަރުކާގެ ބޮމަރ ބޭނުންކުރަނީ އިތުރު އެހެން ގޮތްތައް ފެންނާން ނެތުމުން ކަމަށް ބުނެއެވެ. އަދި އެމެރިކާ މިލިޓްރީގެ ފަޚްރު ކަމުގައި ބުނެފައި ވެއެވެ.           

މި މަޟޫއުގައި އެމެރިކާގެ މަޝްހޫރު ދި އެޓްލާންޓިކް ޑެއިލީ ނޫހަށްވެސް ބަލާލުން ރަނގަޅުވާނެއެވެ.        

އިސްރާއީލުން އީރާނަށް ދިން ހަމަލާއާއި ގުޅިގެން ފުށުނު ހަނގުރާމައިގެ 10 ވަނަދުވަހު އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ބީ-2 މަރުކާގެ ބަންކަރ ބަސްޓަރުން ހަމަލާދޭން ޖެހިލުންވެ ވަޑައިގެން ހުންނަވާމެ ރައީސް ޑޮނާލްޑް ޓްރަމްޕް އަމުރުކުރެއްވިއެވެ. އަދި ގިނަ އިރުތަކެއް ނުވެ އީރާނުގެ ނިއުކްލިއަރ ސައިޓްތައް ވުޖޫދުން ފޮހެލެވިއްޖެ ކަމަށް އިއުލާންކުރައްވައި އަވަސް އަވަހަށް ހަނގުރާމަ ހުއްޓާލައި ސުލަހައިގެ ވާހަކަތަކަށް ދައުވަތު ދެއްވައިފިއެވެ. މި ކަމުގައި ފޮރުވާފައި އޮތް ހަގީގަތްތަކެއް އޮންނާނެކަން އޭރުވެސް ދުނިޔޭގެ ބައެއް ލީޑަރުންނާއި އަދި މީޑިއާތަކުން ޝައްކުގެ ނަޒަރަކުން ބަލަން ފެށިއެވެ. ފަހަރެއަގައި ރައީސް ޓްރަމްޕް އަށް އެމެރިކާ މިލިޓްރީގެ ބާރު މާބޮޑަށް ތަސައްވުރު ކުރެވުނީ ކަމަށްވެސް ވެދާނެއެވެ.                                           

އިސްރާއީލުން އީރާނަށް ހަމަލާދޭންފެށީ އެމެރިކާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަމާއެކުގައެވެ. ހަމައެކަނި އެންމެ ރެއެއްގެ އެއްބައިވަންތަކަން ލިބޭނެކަމުގެ އުންމީދުގައެއް ނޫނެވެ. ޓްރަމްޕް ކަންތައް ކުރެއްވީ އާންމުގޮތެއްގައި އެމެރިކާގެ ލީޑަރުން ކަންތައް ކުރާގޮތަށެވެ. ހާގީގަތް ދެނެގަތުމުގެ ކުރިން މުލައްދަނޑީގެ ބާރުގެ މައްޗަށް ފަޚަރުވެރި ވެވެނީއެވެ. ޓްރަމްޕް ހީފުޅުކުރެއްވީ އެންމެ ރެއެއްގެ ހަމަލާއިން އީރާން ސައިޒަށް ކަނޑާ ލެވިދާނެކަމަށެވެ. އެކަމަކު އީރާނުގެ ސުޕްރީމް ލީޑަރ ވިދާޅުވެފައިވަނީ އަހަރެމެން ކަންތައް ކރާނެގޮތުގެ ވާހައެއް ނުދައްކާނެމެވެ. ކަންތައް ކޮށްނިންމާލާފައި ދެން އެކަމާބެހޭގޮތުން މަޝްވަރާކޮށް ވާހަކަ ދައްކާކަށްވެސް ބޭނުމެއް ނުވާނެއެވެ.                                                              

އެމެރިކާ މިލިޓްރީގެ ބާރު ދެއްކުމަށާއި އެހެންގައުމުތަކުން ’ މަ ބުނާގޮތްޖެހޭނީ ހަދަން  ’ ކަމަށްބުނެ މިހާތަނަށް އެތައް ގައުމަކަށް އަރައިގަތްނަމަވެސް އެންމެފަހުން ފައިބައިގެން އަންނަންޖެހިފައިވަނީ އެމެރިކާގެ އެތައް ސިފައިންނެއް މަރުވެ ދިއުމަށްފަހު ވެލި ކައިގެންނެވެ. ހަމައެކަނި ނަސްރެއް ލިބުނު ކަމަށް ބުނެވޭނީވެސް މުޅި ނޭޓޯއާއި އަރަބި ގައުމުތަކުގެ އެއްބާރު ލުމާއެކު އިރާގުގެ ރައީސްސައްދާމް ހުސައިންގެ ވެރިކަން ވައްޓާލުމަށް ކުރި ހަނގުރާމައިގައެވެ. އެ ކާމިޔާބީގައި އިރާގުގެ ރައްޔިތުންނަށް ލިބިދެވުނު އެއްވެސް ރަނގަޅެއް ނެތެވެ. ހިތާމަކީ މާޒީގެ ފިލާވަޅުތަކުން އެމެރިކާގެ ލީޑަރޝިޕް އަށް އެއްވެސް އަގުހުރި ފިލާވަޅެއް ދަސް ނުވި ކަމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް