ހޫތީ މުޖާހިދުންގެ ފުރަތަމަ ހަމަލާ މި މަހު އަމާޒުވެފައިވަނީ ކޯރޑެލިއާ މޫން ނަމަކަށްކިޔާ 907 ފޫޓު ދިގު 165 ފޫޓު ފުޅާ 163000 ޓަނުގެ ތެޔޮ ޓޭންކަރަކަށް ކަމުގައި ޖެރޫސަލަމް ޕޯސްޓުން ރިޕޯރޓް ކޮށްފިއެވެ. އެ ބޯޓަށް ހަމަލާ އަމާޒު ވެފައިވަނީ ޔަމަނުގެ ހުދައިދާ ބަނދަރުން ފަންސާހަކަށް މޭލު ދުރުންނެވެ. ބޯޓަކި 2006 ވަނަ އަހަރު ބަނދެފައިވާ ބޯޓެކެވެ. ބޯޓަށް ހޫތީ މުޖާހިދުންގެ ހަމަލާ އަމާޒުވުމާއެކު ބޯޓު ގޮވައި މުޅި ބޯޓުގައި ރޯވެއްޖެއެވެ. ހުދައިދާ ބަނދަރަކީ އެމެރިކާ ނޭވީންނާއި އިސްރާއިޅުގެ ވައިގެ ހަމަލާތަކުގައި އެތައްފަހަރަކު ވީރާނާ ކޮށްލާފައިވާ ސަރަހައްދެކެވެ. ހުދައިދާ ބަނދަރު މިހާރުވެސް އޮންނަނީ ހޫތީ މުޖާހިދުންގެ ބާރުގެ ދަށުގައެވެ.
މީގެ ކުރިން މިދިޔަ އަހަރު ޑިސެމްބަރ މަހުގެތެރޭގައި ހޫތީ މުޖާހިދުން ޑްރޯން ބޯޓާއި ރޮކެޓް-ޕްރޮޕެލްޑް ގްރެނޭޑް ބޭނުންކޮށްގެން ދިން ހަމަލާގައި ލައިބޭރިއާގައި ރަޖިސްޓަރީ ކޮށްފައިވާ ބަލްކް ކެރިއަރ މެޖިކް ސީ އަށް އަމާޒުވެ އެބޯޓު މިހާރުވެސް އަނދަމުން ދާކަމަށް އަމްބްރޭ އިން ރިޕޯރޓް ކޮށްފައި ވެއެވެ. މެޖިކް ސީ އަކީ 600 ފޫޓު ދިގު ގާތްގަނޑަކަށް 100 ފޫޓު ފުޅާ 63000 ޓަނުގެ ބޯޓެކެވެ.
ހޫތީ މުޖާހިދުންގެ ފަރާތުން އަލް އަޚްބާރަށް ދިން ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލާއި އެމެރިކާއަކީ އިސްލާމުންގެ ދުޝްމިނުން ކަމަށާއި ކިތަންމެ ވަރަކަށް ފިއްތުން ކުރިމަތި ކުރުވި ނަމަވެސް އަހަރެމެންގެ އަޒުމަށް ބަދަލެއް ނާންނާނެ ކަމަށާއި އަދި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ކުރަމުން ގެންދާ ޖިހާދަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރެވޭ ދުވަހަކާހަމަޔަށް އިސްރާއީލާއި އެމެރިކާ ގުޅުންހުރި އެއްވެސް އުޅަނދަކަށް ރެޑްސީ އަމާން ނުވާނެއެވެ.
ރެޑް ސީގެ މި ހަމަލާތަކާގުޅިގެން އިސްރާއީލުން ވިއްސަކަށް އެފް-35 މަރުކާގެ ޖެޓް ބޭނުންކޮށްގެން ހޫތީ މުޖާހިދުންގެ ސަރަހައްދަށް ބިޔަ ހަމަލާތަކެއް އިއްޔެ ދީފައިވާ ކަމަށް ބައެއް އެހެން ޚަބަރުތަކުގައި ބުނެފައި ވެއެވެ. އެހެންނަމަވެސް ހޫތީ މުޖާހިދުންގެ ރައްދުގެ ސަބަބުން އޭގެ ތެރެއިން ގިނަ އަދަދެއްގެ ޖެޓް އަނބުރާ ފޮނުވާލި ކަމަށްވެއެވެ. އަދި އޭގެ ކުޑައިރުކޮޅެއްފަހުން އިސްރާއީލުގެ ބެންގޫރިއަން އެއާރޕޯރޓަށާއި އަޝްދުދުގެ ބަނދަރާއި މިލިޓްރީ ބޭސް އަދި އައިލާތުގެ ބަނދަރަށާއި ޕަވަރ ސްޓޭޝަނަށް ހޫތީ މުޖާހިދުން ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.
އެމެރިކާއާއި އިސްރާއީލުން ތުހުމަތު ކުރާގޮތުގައި ހޫތީ މުޖާހިދުންނަށް މިވަރުގެ ރައްދެއް ނުދެވޭނެއެވެ. އަދި ހޫތީ މުޖާހިދުންގެ ރައްދު ދިނުމުގައި އީރާނާއި ރަޝިޔާގެ ބައިވެރިވުން އޮންނާނެ ކަމަށް ތުހުމަތު ކުރެއެވެ.
ހޫތީ މުޖާހިދުންގެ ހަމަލާތައް ވީޑިއޯ ކުރުމާއި ޕޮޓޯ ނެގުން އިސްރާއީލު ސަރުކާރުން ވަނީ މަނާ ކޮށްފައެވެ. އަދި އެ އަމުރާ ޚިލާފްވި މީހަކު ނުވަތަ ބަޔަކު އިސްރާއީލަށް ޣައްދާރުވީ ކަމުގެ ކުށުގައި ޖަލަށް ލެވޭނެކަން ވަނީ އާންމުކޮށް އަންގާފައެވެ.