ނިއު އެމެރިކާ ޕާރޓީގެ ނަމުގައި އިލޯން މަސްކް ސިޔާސީ ޕާރޓީއެއް އުފައްދަނީ

Loading

Facebook
Twitter
WhatsApp

ރައީސް ޓްރަމްޕް އާ ދޭތެރޭ ޖެހުނު މައްސަލައަށްފަހު ދުނިޔޭގެ އެންމެ މުއްސަނދިމީހާ އުމުރުން 54 އަހަރުގެ އިލޯން މަސްކް ސިޔާސީ ޕާރޓީއެއް އުފައްދަން ނިންމައިފިއެވެ. މިއިން އެނގިގެންދާ ވަރަށް މުހިންމު 2 ހަގީގަތެއް ފާހަގަކުރެވެއެވެ. ފުރަތަމަކަމަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާއަށް ވުމަކުންވެސް ހިތްހަމަ ނުޖެހޭ ކަމެވެ. ދެވަނަ ކަމަކީ  ސިޔާސީ ވެށީގައި އިތުބާރު ނުކުރެވޭ ކަމެވެ. ފަހުން މި ބުނި ހަގީގަތް ދިވެހިންގެތެރޭގައިވެސް ތަޖްރިބާ ކުރަންޖެހޭތަން ފެންނަނީ މަދުންނެއް ނޫނެވެ. 

                                   

ރައީސް ޑޮނާލް ޓްރަމްޕްގެ އެންމެ އަރިހުން ފެނުނު އިލޯން މަސްކް އާ ދޭތެރޭ އުފެދުނު ޚިލޔާލު ތަފާތުވުން ބޮޑުވެ އެކުވެރި ކަމާއި ރަޙްމަތްތެރިކަމުގައި އެޅުނު ރެނދުތައް ފުޅާވެ ބިޔަ ބޮޑު ދެކޮޅުވެރިކަމަކަށް ބަދަލުވެގެން ދިއުމުން ސިޔާސީ ޕާރޓިއެއް އުފެއްދުމަށް ނިންމައި މިދިޔަ ހޮނިހިރު ދުވަހު މަސްކް ވަނީ އިއުލާން ކޮށްފައެވެ. އެހެންނަމަވެސް ޑޮނާލްޑް ޓްރަމްޕްގެ ރިޔާސަތުގައި ހިންގަމުން ގެންދާ ނުކިއްސަރު ކަންތައްތައް ހަމަޔަކަށް އެޅުވުމުގެ ބޭނުމުގައި އުފައްދަން ބޭނުންވާ މި ޕާރޓީ ކުރަންބޭނުންވާ ކަންތައްތަކުގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.                                                                

މިދިޔަ ހުކުރު ދުވަހު އިލޯން މަސްކް އެމެރިކާގައި ތިންވަނަ ސިޔާސީ ޕާރޓީއެއް އުފައްދަން ފެނޭތޯ އޭނާއަށް ތާއީދުކުރާ މިހުންކުރެން އޭނާގެ އެކްސް އެކައުންޓުގައި ވަނީ ސުވާލު ކޮށްފައެވެ. އެމެރިކާ މިހާރު ކުރިއަށްދާ ގޮތުން ބާރުގަދަ އެންމެ ސިޔާސީ ޕާރޓީއަކުން ކުރާ ބޭކާރު ހޭދަތަކާއި ރިޝްވަތާއި މައްކާރީ ނުހުއްޓެވޭނެއެވެ. ގާނޫނީ ބާރުތައް ރައްޔިތުންގެ މެދުގައި ހަމހަމަ ކަމާއެކު ބެހިގެންދާނެގޮތެއް ހޯދަން އެބަ ޖެހެއެވެ. އެމެރިކާ މިއޮތީ ގައުމުދަރަނިވެރިވެ ބޭންކްރަޕްސީ އިއުލާންކުރަން ޖެހިފައެވެ. މިހާލަތުގައިވެސް ބުނަންވީ އެމެރިކާއަކީ ޑިމޮކްރެސީ ނެގެހެއްޓުމުގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި އޮތް ގައުމު ކަމަށްހެއްޔެވެ ؟ މިއަދު މި އުފައްދާ ނިއު އެމެރިކަން ޕާރޓީން މި ގައުމުގެ ރައްޔިތުން އަތުން ބީވެގެންދާ މިނިވަންކަމާއި ޑިމޮކްރެސީ އަނބުރާ ގެނެސްދޭނެއެވެ. އިލޯން މަސްކުގެ ޕޯސްޓުގައި ލިއެފައި ވެއެވެ.                              

ހަމައެކަނި 2 ސިޔާސީ ޕާރޓީ އަކުން ލިބޭނީ އަދި މިހާތަނަށް ލިބުނީ ކޮން ޑިމޮރެސީއެއްތޯ އާއި ރައްޔިތުންގެ މެދުގައި ހަމަހަމަކަން އޮތީ ކިހާ މިންވަރަކަށްތޯ މަސްކުގެ ޕޯސްޓުގައި ސުވާލުކޮށްފައިވެއެވެ. އިލޯން މަސްކުގެ ޕޯސްޓްތައް ބަލާ މީހުންގެ އަދަދު މިހާރު އުޅެނީ 1.2 މިލިއަން ގައެވެ.                          

އެމެރިކާއަށް ތިންވަނަ ސިޔާސީ ޕާރޓީ ބޭނުންވެފައިވާކަން އިލޯން މަސްކް ފުރަތަމަފަހަރު ހާމަ ކޮށްފައިވަނީ  “ ބިގް ބިއުޓިފުލް ބިލް “ ގެ ނަމުން މަޝްހޫރުވެފައިވާ ގާނޫނަކީ ރައްޔިތުންނަށް ފައިދާއެއް ނުކުރާނެ ބޭކާރު ޚަރަދުތަކަށް މަގު ފަހިކޮށްދޭނެ އެއްޗެއް އެނގުނު ހިސާބުންނެވެ.                             

ރޭޒަރު ތިލައެއްގެ ހަނި މިޔަމަތިން ލިބޭވަރުގެ އަޣްލަބިއްޔަތެއް ލިބުމުންވެސް ޓްރަމްޕް ދެކޭނީ އެމެރިކާގެ މުޅި ރައްޔިތުންވެސް އޭނާބޭނުންކަމެއް ކުރަން ރުހުން ދިނީ ކަމަށެވެ.                              

އިލޯން މަސްކް ބޭނުންވާ ރިޔާސީ ކެންޑިޑޭޓަކަށް ޚަރދު ކުރާނެ ފައިސާ އޭނާއަށް ލިބިފައި އެބަހުއްޓެވެ. އެހެންނަމަވެސް ޕާރޓީއެއް އުފެއްދުމުގައި ގިރާކުރަންޖެހޭ ގާނޫނީ އިންތަކެއް އަދި އެބަހުއްޓެވެ. އެ ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި ފެޑެރަލް އަދި ސްޓޭޓް ސަރުކާރުގެ މަދަދު އެނާއަށް ބޭނުންވާނެއެވެ. ރައީސް ޓްރަމްޕް މިހާރުވެސް މަސައްކަތްކުރަމުން ގެންދަވަނީ އިލޯން މަސްކް އަކީ އެމެރިކާއަށް އުފަން ރައްވެއްސެއް ނޫންކަމަށް ވިދާޅުވެ އިލޯން މަސްކް އޭނާގެ ގައުމު ދެކުނު އެފްރިކާއަށް ފޮނުވާލެވޭނެ މަގެއް ހޯދުމަށެވެ.             

ފެޑެރަލް އިލެކްޝަން ކޮމިޝަނުން ހޮނިހިރު ދުވަހުގެ ނިޔަލަށް އިލޯން މަސްކް ގެ ނިއު އެމެރިކާ ޕާރޓީގެ ރަޖިސްޓަރީ ހަދާދީފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް