އިސްރާއީލާއި އީރާނުން ކުރި ހަނގުރާމައިގައި އިސްރާއީލަށް ލިބިފައިވާ ގެއްލުން މީޑިއާގެ ކުރިމައްޗަށް

Loading

Facebook
Twitter
WhatsApp
އީރާނުން ހަމަލާދީ ރޯކޮށްލާފައިވާ އިސްރާއީލް ހައިފާގެ އެންމެ ބޮޑު އޮއިލް ރިފައިނަރީގެ ފޮޓޯއެއް

މިޒަމާނުގައި ބައިނަލް އަގްވާމީ މީޑިއާއަށް ފޮރުވައިގެން ގިނަ ދުވަސްތަކަކަށް އެއްވެސް ކަމެއް ސިއްރު ކުރުމަކީ ނުކުރެވޭނެކަމެކެވެ. ސިއްރުކުރަން އުޅުނުވަރަކުން އެކަމެއްގެ ހަގިގަތް ހޯދަން ކުރާ މަސައްކަތް ގިނަވާނެއެވެ. ބައެއްފަހަރު މުޅިން ހަގީގަތާ އެއްގޮތް ނޫން މައުލޫމާތު ހާމަކޮށްގެންވެސް އަސްލަށް ވާސިލުވެވޭތޯ މަސައްކަތް ކުރާނެއެވެ.   

                                                            

އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައިގާ އިސްރާއީލަށް ލިބުނު ގެއްލުންތައް ބައިނަލް އަގްވާމީ މީޑިއާއަށް ލިބިދާނެ ހުރިހާ މަގަކާއި ވަސީލަތެއް ވަނީ ބަންދުކޮށްފައެވެ. މީޑިއާއަށް ލިބެނީ އިސްރާއީލުން ސެންސަރ ކުރުމަށްފަހު ހާމަކުރަން ބޭނުންވާ މަންޒަރެކެވެ. އެހެންނަމަވެސް އެކި ސިފަސިފައިގާ ތަފާތު ޔުނިފޯރމްތަކުގައި ބައިނަލް އަގްވާމީ މީޑިއާތަކުން ހަގީގަތް ހޯދަން ކުރަމުންގެންދިޔަ މަސައްކަތަށް މިދިޔަ ހަފުތާ ނިމެން ކައިރިވެފައިވަނިކޮށް ކޮންމެވެސް ވަރެއްގެ އަލިވިލުމެއްވަނީ ލިބިފައެވެ. 12 ދުވަހުގެ ހަނގުރާމައިގާ އިސްރާއީލަށް ލިބުނު ގެއްލުންތައް އެންމެ ފުރަތަމަ ހާމަވެގެން ދިޔައީ ޖަރުމަނުގެ މީޑިއާއަކަށް ކަމުގައި ބުނެފައި ވެއެވެ. އޭގެ ފަހުން އެކިގޮތްގޮތުން އެ ގެއްލުންތައް ވަނީ ތަފާތު މީޑިއާތަކަށް ތިލަވެފައެވެ.              

އެންމެ ފަހުން އިސްރާއީލު ސަރުކާރުންވެސް 12 ދުވަހުގެ ހަނގުރާމައިގާ އެ ގައުމަށް ލިބުނު ގެއްލުންތައް ކަމަށް ބުނެ މީޑިއާއަށް މައުލޫމާތު ވަނީ ދީފައެވެ. އަދިވެސް އެއީ މުޅިން ތެދު ހަގީގަތް ކަމާދޭތެރޭ ބައެއް މީޑިއާތަކުން ސުވާލު އުފައްދާ ކަމަށްވެއެވެ.                                                   

12 ދުވަހުގެ ހަނގުރާމައިގާ އިސްރާއީލަށް ދިން ގެއްލުންތައް އީރާނުންވަނީ މަދު ބަސްކޮޅަކުން ދުނިޔެއަށް އަންގާ ދީފައެވެ. އީރާނުގެ ސުޕްރީމް ލީޑަރ ގެ ބަސްފުޅެއްގައި ވިދާޅުވެފައިވެއެވެ. ”އަހަރެން އިންޒާރެއް ނުދޭނަމެވެ. އޭގެ ބަދަލުގައި އަހަރެން ކުރާނީ ވައުދެކެވެ. ރަށުތެރޭން ސިއްރު އޭޖެންޓުން ހޯދައިގެން ސިއްރުން ފާރަލައިގެން ގައުމުގައި ތިބި ފާހަގަކުރެވޭ ޝަޚްސިއްޔަތުތައް މެރުމުގެ ފިނޑި އަމަލެއް އަހަރެން ނުހިންގާނަމެވެ. އަހަރެން ކުރިމަތިލާނީ ފިރިހެނެއްގެ ގޮތުގައެވެ. ވަކިވަކި ޝަޚްސިއްޔަތުން ފަހަތަކުން ނުދުވާނަމެވެ. ލުހެލާނީ އެމީހުންގެ ބިންގަލާވެސް އެކުގައެވެ. “ މިއީ 12 ދުވަހުގެ ހަނގުރާމައަށްފަހު އީރާނުގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ ވަރަށް ކުޑަ ތަންކޮޅެކެވެ.                                 

އެމެރިކާއާއި އިސްރާއީލުން ވެސް އެއްބަސްވެފައިވާގޮތުގައި ވައިޒްމަން އިންސްޓިޓިއުޓް އެތަނުގެ ހުރިހާ ވަސީލަތަކާއެކު އީރާނުގެ ހަމަލާގައި ބިމުގެ ވެއްޔަށް ހަދާލުމަކީ ސައިންސާއި ޓެކްނޯލޮޖީގެ ރޮނގުން އިސްރާއީލް މަދުވެގެން 70 އަހަރު ފަހަތަށް ކޮށްޕާލުމެކެވެ. ދުނިޔޭގެ އެންމެ މަޝްހޫރު 6 އިންސްޓިޓިއުޓްގެ ތެރޭގައި ގުނާލެވޭ ވައިޒްމަން އިންސްޓިޓިއުޓް ގޮއްވާލިއިރު އެތަނުގައި ތިބީ ކިތައް ސައިންސްވެރިންކަމެއް ކިތައް ތަޖްރިބާކާރު ޕީއެޗް ޑީ ހޯލްޑަރުން ކަމެއް އަދިވެސް ނޭގެއެވެ. ބުނެވޭ ގޮތުގައި އެ އިންސްޓިޓިއުޓްގައި ރެއާދުވާލު ތަހްލީލުތައް ކުރުމަށާއި އިތުރު ތަޖްރިބާއާއި ތަމްރީނު ލިބިގަތުމަށްޓަކައި އެތައް ސަތޭކަ ސްޕެޝަލިސްޓުން މަސައްކަތް ކުރަމުންގެންދެއެވެ. އެއީ ނާސާގެ ގޮތްޕެއްވެސް މެއެވެ. އިސްރާއީލުން އެންމެ މަތީ ސެކިއުރިޓީ ފޯރުކޮށްދީފައިވާ އެއް މަރުކަޒެވެ. އީރާނުން އެ އިމާރާތް އެކުގައި ގޮއްވާލާފައިވަނީ ހުސް ތޮށިގަނޑެއްގެ ގޮތުގައިކަން އެއްވެސް މީޑިއާއަކުން ގަބޫލެއް ނުކުރެއެވެ. ގޮއްވާލާފައިވާ ބިޔަ އިމާރާތުގެ ދަށުގައިމަރުވެފައިވަނީ ކިތައް ސްޕެޝަލިސްޓުން ކަމެއްނޭގެއެވެ.                                                 

12 ދުވަހުގެ ހަނގުރާމައިގާ އިސްރާއީލަށް ލިބުނު ކަމަށް ބުނެ ހާމަކޮށްފައިވާ ގެއްލުންތަކުގެ ތެރޭގައި ސިފައިން އިސް ޖެނެރަލުންގެ 6 މީހަކާއި މޮސާޑްގެ 32 އޭޖެންޓުން އަދި ޝިންބެޓް/ޝަބަކް ނުވަތަ އެ ގައުމުގެ ދާޚިލީ ސެކިއުރިޓީގެ  78 މީހަކު ހިމެނޭ ކަމަށް ބުނެފައި ވެއެވެ. އަދި އޭގެ އިތުރުން ނޭވީންގެ 27 އޮފިސަރަކާއި އެއާރފޯސްގެ 198 މެމްބަރުންވެސް މަރުވެފައިވާކަމަށް ބުނެފައި ވެއެވެ. އަދިވެސް އެއްގަމު ސިފައިންގެ 462 މީހަކާއި އާންމު ރައްޔިތުންގެ 423 މީހަކުވެސް އީރާނުގެ ހަމަލާތަކުގައި މަރުވެފައިވާކަމަށް ބުނެފައި ވެއެވެ.  މިއީ އެ ގައުމުގެ މިލިޓްރީ އަދި އެންމެ މުހިންމު އިންފްރާސްޓްރަކްޗަރތަކަށް ލިބުނު ގެއްލުންތައް ފޮރުވުމަށްފަހު ހަމައެކަނި އިންސާނުން މަރުވެގެންދިޔަ އަދަދު ކަމަށް ބުނެވެއެވެ. އީރާނުގެ ހަމަލާތަށް އަމާޒުކޮށްފައިވަނީ މިލިޓްރީ އަދި އިންޓެލިޖެންސް ހެޑްކުއާރޓަރތަކަށް އިސްރާއީލުގެ އިންޓެލިޖެންސުންވެސް ވަނީ އެއްބަސް ވެފައެވެ.     

އީރާނުން ދީފައިވާ ފަނާކުރުމުގެ ހަމަލާތައް ލޮލަށް ފެނުމުން އިސްރާއީލުގެ ރައްޔިތުންނަށް ލިބިގެންދިޔައީ ބިރުވެރި ސިހުމެއްކަމަށް ޚަބަރުތަކުގައި ބުނެފައި ވެއެވެ. އީރާނުގެ ހަމަލާތައް އަމާޒުވެ ވިރާނާ ކޮށްލާފައިވާ މިލިޓްރީ ކޮމާންޑް ސެންޓަރު ތަކާއި ދިފާއީ ވުޒާރާއާއި އެއާރބޭސްތަކާއި އިންޓެލިޖެންސް ހެޑްކުއާރޓަރާއި  ހަކަތަ އުފައްދައިދޭ މައިގަނޑު ވަސީލަތްތައް ފެނުމުން ބޭރުގައުމުތަކުގެ ވެރިންނަށް އެ މަންޒަރުތައް ގަބޫލުވެސް ނުކުރެވުނެވެ. އަދި އީރާނުން ދީފައިވާ ހަމަލާތަކުގެ ނުރައްކާތެރިކަން ގަބޫލުކުރަން ޖެހުނެވެ. އިސްރާއީލު އޮތީ ވީރާނާ ކޮށްލާފައެވެ.  އިސްރާއީލުގެ އެސްޕިއަނާޒް އަށާއި ކޮމާންޑް ސެންޓަރުތަކަށް ދިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ޒަމާންތަކެއް ހޭދަވެގެންދާނެކަމަށް އެބޭފުޅުން ދެކިވަޑައިގަންނަވައެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް