އީރާނުން ޖީޕީއެސް ބޭނުންކުރުން ހުއްޓާލައިފި

Loading

Facebook
Twitter
WhatsApp
ޖީ ޕީ އެސް މަސައްކަތްކުރާގޮތުގެ ނަމޫނާއެއް

ދުނިޔޭގެ މޫސުމާއި ދަތުރުފަތުރާއި ގައުމުތަކުގެ ސަލާމަތާ ރައްކާތެރިކަމަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ވަގުތުން ވަގުތަށް ދެނެގަތުމުގެ ވަސީލަތެއްގެ ގޮތުގައި ދުނިޔޭގެ ބިމުން ފެށިގެން ގާތްގަނޑަކަށް 11000 މޭލު މަތީގައި 31 ޖީޕީއެސް (ގްލޯބަލް ޕޮޒިޝަނިންގ ސިސްޓަމް) ސެޓެލައިޓް ވަނީ ގާއިމް ކުރެވިފައެވެ. އޭގެތެރެއިން އެންމެ މުހިންމު ސެޓެލައިޓް ތަކަކީ އެމެރިކާގެ ޖީޕީއެސް އާއި ޔޫރަޕްގެ ގަލީލިއޯ އާއި ރަޝިޔާގެ ގްލޯނަސް އާއި އަދި ޗައިނާގެ ބައިޑޯ އެވެ. 

                                          

ޗައިނާގެ ބައިޑޯ ނެވިގޭޝަނަލް ސެޓަލައިޓް ސިސްޓަމް (ބީޑިއެސް) އަކީ އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި އިގްތިސާދީ އަދި ސޯޝަލް ބޭނުންތަކަށްޓަކައި އެހެން އެއްވެސް ގައުމެއްގެ ބައިވެރިވުމަކާނުލައި ޗައިނާއިން އަމިއްލައަށް އުފައްދައި އޮޕަރޭޓް ކުރަމުން ގެންދާ ނިޒާމެކެވެ.                        

ޖީޕީއެސް އަކީ ކޮންމެ ގައުމަކުން އަދި ކޮންމެ ފަރުދަކަށްވެސް މިނިވަންކަމާއެކު ބޭނުންކުރެވޭނެ ނިޒާމެކެވެ. ހިލޭ ސާބަހަށް ބޭނުންކުރެވޭނެ ނިޒާމެކޭވެސް ބުނެވިދާނެއެވެ. އެކަމަކު ދިވެހިން ބުނެ އުޅޭ ފަދައިން ބިސްމަޅި ޖަހާފައި މެނުވީ ހިލޭ ސާބަހަށް އެފަދަ ޚިދުމަތެއް ދީފާނެކަން ގަބޫލުކުރަން އުދަނގޫ ވަނީއެވެ.

އިރާގުގެ ރައީސް ސައްދާމް ހުސައިންގެ ފާޚާނާއަށްވެސް ފާރަލައިގެން ބަލަމުންގެންދިޔަ ވާހަކަތަކެއް އަޑު އިވިގެންދިޔައީ އަޅުގަނޑުމެންގެ ހަޔާތުގައެވެ. އަދި އެ މަނިކުފާނު ފިއްލަވާ އޮންނެވި ތަނަކާއި ލީބިޔާގެ ލީޑަރ މުއައްމަރ ގައްޒާފީ އޮންނެވިތަން ދެނެގަތީވެސް އެބުނާ ހިލޭ ސާބަހަށް ފޯރުކޮށްދޭ ޚިދުމަތް ބޭނުންކޮށްގެންނެވެ.  މިހާރުވެސް އިންޓަރނެޓް ބަލާލާއިރަށް އެންމެ ފުރަތަމަ ލޮލުގައި އަޅައިގަންނަނީ ކޮންމެވެސް އެޕަކުން ކޮންމެ ތަނެއްވެސް ބަލާލެވިދާނެ ކަމުގެ އިޝްތިހާރުތަކެވެ. އަޅުގަނޑުމެންނަކީ މާގިނަ އެއްޗެހިތަކެއް ފޮރުވައިގެން ގެންގުޅޭ ބަޔަކަށް ނުވެދާނެއެވެ. އެހެންވީމާ ޖެހިލުންވާނެ ސަބަބެއްވެސް ނެތެވެ.                                

ވަރަށް ފަހުން މީޑިއާއިން ފެނިފައިވާ ބައެއް ރިޕޯރޓްތަކުގައި އީރާނަށްވެސް މިކަން ރޭކާލާފައި ވަނީ 12 ދުވަހުގެ ހަނގުރާމައަށް ފަހުގައެވެ. ނިއުކްލިއަރ ސައިޓްތަކާއި ގައުމުގެ ސަލާމަތާބެހޭ އެންމެހާކަންތައް އޮތީ އެމެރިކާ ޖީޕީއެސްގެ ވަގުލޮލުގެ ކުރިމަތީގައި ހާމައަށް ފެންނާށެވެ. އީރާނަށް ކުރިއްސުރެންވެސް މިކަން ފާހަގަކުރެވިފައި އޮވެދާނެއެވެ. އެކަމަކު ބައިނަލްއަގްވާމީގޮތުން ލިބިދޭން މަޖްބޫރުކުރާ ރައްކާތެރިކަމެއްގެ އިތުބާރުގައި އެހެން މަގެއް ފެންނަންދެން ތިބީ ކަމަށްވެސް ވެދާނެއެވެ.                                        

ޔޫއެން ހަކަތައަށް ފާރަލާ ކުއްތާގެ ފަރާތުން އީރާނުގެ ނިއުކްލިއަރ ސިއްރުތައް ބޭޒާރުވަމުންދާކަން ކަށަވަރު ކުރެވުމާއެކު އެމެރިކާގެ ޖީޕީއެސް ނިޒާމް ބޭނުންކުރުން އީރާނުން ހުއްޓުމަކަށް ގެނެސް ޗައިނާގެ ބައިޑޯއަށް ބަދަލުކޮށްލި ވާހަކަ މީޑިއާތަކުން ވަނީ ފެނިފައެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި މިހާރު ޖީޕީއެސް އަކުން އީރާނުގެ އެއްވެސް އެއްޗެއް ނުފެންނާނެއެވެ. އަދި ނިއުކްލިއަރ ސައިޓްތަކުގެ ކެމެރާތަކަށްވެސް ފާރައެއް ނުލެވޭނެކަމަށް ބުނެފައި ވެއެވެ. އަދި އެމެރިކާގެ ޖީޕީއެސް އީރާނަށް ނިންވާލައި އީރާނަކީ އެއްވެސް އަމާޒެއްނެތި ލާހޫރޭ ގައުމަކަށް ހަދާލެވިދާނެކަމުގެ ބިރުވެސް ނެތިގެން ދިޔައީއެވެ.                            

ޗައިނާގެ ބައިޑޯއިން އިންކްރެޕްޓެޑް ލޮކޭޝަނާއި އޮފްލައިން މެސެޖް ލިބިގަތުމާއި އަދި އެންޓައި-ޖޭމިންގެ ވަސީލަތްތައް އީރާނަށް ފުރިހަމައަށް ލިބިގެންދާނެއެވެ. ސައިބަރ ލީކްތަކާއި ގްލޯބަލް ޓެންޝަން އަދި ޑިޖިޓަލް އިންޒާރު ކެނޑިނޭޅި ލިބެމުންދާ ޒަމާނެއްގައި އީރާނު ފަދަ ގައުމެއް ދެމިއޮތުމަށްޓަކައި އިތުބާރުކުރެވޭ އިންޓަރނެޓްގެ ވަސީލަތްތައް ކޮންމެހެންވެސް ބޭނުންވާނެ ކަމަށް މީޑިއާތަކުން ފާހަގަކޮށްފައި ވެއެވެ.        

ދުނިޔޭގެ 140 ގައުމަކުން މިހާރު ޗައިނާ ބައިޑޯ ބޭނުންކުރަމުންދާއިރު ގިނަ ތަޖްރިބާކާރުން ދެކޭ ގޮތުގައި އީރާނުން ޖީޕީއެސް އާއި ދުރަށްދިއުމާއި ބަދަލުގައި ޗައިނާގެ ބައިޑޯ އިޚްތިޔާރު ކުރުމަކީ އެ ގައުމަށް ކުރިމަތިލާންޖެހިފައިވާ ހާލަތްތަކުގައި ސިޔާސީގޮތުން ކުރިއަށް އެޅި މުހިންމު ފިޔަވަޅެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް