މައްޗަންގޮޅީ ގެއަކުން ވައްކަންކުރި މައްސަލައެއް ހުށަހެޅުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އެ ގެއިން ވަގަށްނެގި ބައެއް ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ، ޖޫން 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހުށަހެޅި މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން، އޭގެތެރޭން ބައެއް ތަކެތި ހޯދާފައިވަނީ ޖޫން 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.
މިހާތަނަށް ހޯދިފައިވާ ތަކެތީގެ ތެރޭގައި، އައިފޯނު، ލެޕްޓޮޕް، އެކި ބްރޭންޑުތަކުގެ އަވިއައިނު، ޕްރިންޓަރު، އެކި ބްރޭންޑުތަކުގެ ހާޑް، ސްޕީކަރު، އަތުކުރީ ގަޑި އަދި އެހެނިހެން ތަކެތި ހިމެނެއެވެ.
ގޭގެ ވެރިފަރާތާ ހަވާލާދީ ފުލުހުން ބުނީ، މި ތަކެތީގެ އަގު 60000 ރުފިޔާއަށްވުރެ ބޮޑުވާނެ ކަމަށެވެ. އަދި އެ ގެއިން ވަގަށް ނަގާފައިވާ ތަކެތީގެ ޖުމުލަ އަގު 72000 ރުފިޔާއަށްވުރެ ބޮޑުވާނެ ކަމަށެވެ.
މި ތަކެތީގެ ތެރޭން މިހާތަނަށް ހޯދިފައިނުވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި މައްސަލަ ދަނީ ތަޙުޤީޤުކުރަމުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.