ރާއްޖޭން ޗައިނާއަށް އެކްސްޕޯޓްކުރާ ކަނޑުމަސް ބޭނުންކޮށްގެން ޗައިނާގެ ކުންފުންޏަކުން ދަޅުމަސް އުފައްދައިފިއެވެ.
މިއީ އެ ކުންފުނިން އުފެއްދި ސާމްޕަލް ބެޗެކެވެ. މި ދަޅުތައް އުފައްދާފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ވެއިހައި ކިޔުޒީ ބްލޫސީ ފުޑްސް ކޮންޕެނީ ލިމިޑެޓްއާއި ޖިންގް ވެއިޑާއޯ ބްރޭންޑް ގުޅިގެންނެވެ.
ދިވެހި ސަރުކާރުން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަޟީލް ނަޖީބަށް ވަނީ އެ ކުންފުނީގެ ފަރާތުން މި ދަޅުމަސް ވެދުމަށްއަރުވާފައެވެ.
މިއީ ރާއްޖެއާ ޗައިނާ ދެމެދު ވެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން ތަޢާރަފުވެގެންދިޔަ ކަމެކެވެ. މި އެއްވަސްވުން އެކުލަވާލައި، އެއަށް އަމަލުކުރަންފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މި އެއްބަސްވުމުގެ ދަށުން، ސީފުޑްގެ 296 ބާވަތެއް އެއްވެސް ޑިއުޓީއަކާނުލައި ޗައިނާއަށް އެކްސްޕޯޓްކުރެވޭނެއެވެ. އަދި އެފަދަ ބާވަތްތައް ރާއްޖެގެނެސް، ޑަބްލިއުޓީއޯގެ މިންގަނޑަށް ފެތޭގޮތަށް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ ފުރުސަތުވެސް ދިވެހި ވިޔަފާރިތަކަށް ލިބޭނެއެވެ.