ޣައްޒާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ތިން ޖަމާއަތަކާ ގުޅިގެން އިޒްރޭލުން މަސައްކަތް ކުރަމުންގެންދާ ކަމަށް އިޒްރޭލުގެ މީޑިއާއަކުން ބުނެފިއެވެ.
އިޒްރޭލުގެ ސިފައިންނަށް އެއްބާރުލުން ދެމުންގެންދާ މި ޖަމާއަތްތަކަށް ފައިސާދީ ފަންޑު ކުރަނީ ފަލަސްތީނު އޮތޯރިޓީން ކަމަށް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން ދެ ޖަމާއަތަކީ ފަތަހު ހަރަކާތާ ގުޅިފައިވާ ދެ ޖަމާއަތެއް ކަމަށާއި ޣައްޒާ ސިޓީ އާއި ޚާން ޔޫނިސްގައި ހަރަކާތްތެރިވާ ޖަމާއަތްތަކެއް ކަމަށް އިޒްރޭލުން ވަނީ ރިޕޯޓުކޮށްފައެވެ.
މިގޮތުން، އެމީހުންގެ ލީޑަރުން ކަމަށްވާ އުތުރުގެ، ރާމީ ޚަލާސް އާއި ދެކުނުގެ، ޔާސިރު ޚަނީޑެކް އަކީ ފަލަސްތީނު އޮތޯރިޓީން މުސާރަ ނަގާ ބައެއްކަން ހާމަކޮށް، ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރޭލުގެ ސިފައިންނާ އެކު އެމީހުން ގެންދަނީ ކޯޑިނޭޓް ކުރަމުންނެވެ.
މީގެއިތުރުން، ޕޮޕިއުލަރ ފޯސަސްގެ ނަމުގައި ޔާސިރު އަބޫ ޝަބާބު އިސްކޮށް ހުރެ ހިންގާ، ތިންވަނަ ގްރޫޕަކީ އިރުމަތީ ރަފާހް އަށް ނިސްބަތްވާ ގްރޫޕެއްކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ. މި ޖަމާއަތަކީ ސީދާ އިޒްރޭލުން ބާރުހޯދާ ޖަމާއަތެއް ކަމަށް ބުނާއިރު، އެ ބައިގަނޑުގައި ގާތްގަނޑަކަށް 300 ހަނގުރާމަވެރިން ތިބި ކަމަށް ލަފާކުރެވެއެވެ. މިޖަމާއަތަކީ ހަމާސްއާ ކުރިމަތިލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ޖަމާއަތެއްކަށް ކަމަށް ރިޕޯޓްތައް ބުނާއިރު، އަސްކަރީ ރޭޑްތަކާއި ހަމަނުޖެހުންތަކާއި އިންސާނީ އެހީތައް ފޭރުމުގައި ވެސް މިޖަމާއަތުގެ ބައިވެރިވުން އޮތްކަމަށް ރިޕޯޓުތައް ބުނެއެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި މި މިލިޝިއާތައް ހަރަކާތްތެރިވަނީ އިޒްރޭލުގެ އަސްކަރީ މަގާމުތަކާ ވަރަށް ގާތުން، ލޮޖިސްޓިކަލް އަދި ހަތިޔާރީ އެހީތެރިކަން ހޯދައިގެންނެވެ. އެމީހުންގެ އަމަލުތަކުގެ ތެރޭގައި ހަމާސްއާ ކުރިމަތިލުމާއި، ޣައްޒާގައި އެހީ ބެހުމަށް ހުރަސްއެޅުން ހިމެނެއެވެ.
މިކަމާއި ގުޅުގެން، ހަމާސްއިން ވަނީ އިޒްރޭލުގެ ސިފައިންނާ ގުޅިގެން މަސައްކަތްކުރާ ފަރާތްތަކަށް އިންޒާރުތަކާއި އަލްޓިމޭޓަމްތައް ދީފައެވެ. މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތަށް ޖަމާއަތްތައް އުފެއްދުމާއި، އެއްބާރުލުން ދިނުމަކީ، ޣައްޒާގެ ރެޒިސްޓެންސް ގްރޫޕްތަކުގެ މަސައްކަތް ބަލިކަށިކޮށް ބައިބައި ކުރުމުގެ ސްޓްރެޓެޖީއެއްގެ ބައެއް ކަމަށް ވެދާނެއެވެ.