މިނިވަންކަން ބޭނުންނަމަ ސަލާންޖެހުން ހުއްޓާލަން ޖެހޭނެ 

Loading

Facebook
Twitter
WhatsApp

ހުޅަނގު އެފްރިކާގެ ބުރުކީނާފާސޯގެ ރައީސް ކެޕްޓަން އިބްރާހީމް ޓްރާއޯރޭ ގެ ވާހަކަ އޮތީ ފަހަކަށް އައިސް މީޑިއާއިން ފެނުން ވަރށް ގިނަވެފައެވެ. ފަރަންސޭސި މާސްޓަރުން ދެކޮޅަށް ތެދުވަން ކެރުނު ޖިހާދީއެއްގެ ގޮތުގައިވެސް ސިފަކޮށްފައި ވެއެވެ. މިލިޓްރީގައި ކެޕްޓަނެއްގެ މަގާމު ލިބުމަކުން ސަރުކާރެއް ހިންގަން ނޭގޭނެ ކަމުގެ އިލްޒާމްތައްވެސް އަޅުވާފައި ވެއެވެ. ރަނުގެ މުއްސަނދިކަން ލިބިފައިވާ ހުޅަނގު އެފްރިކާގެ އެ ގައުމުގެ އިގްތިސާދު ކުރިއެރުމަށްޓަކައި ކުރަމުންގެންދާ މަސައކަތްން އަޅުގަނޑުމެންވެސް އިބްރަތް ލިބިގަތުން ރަނގަޅުވާނެއެވެ.  ސުރުޚީގައި އިޝާރާތްކޮށްފައިވާ ފަދައިން ތަރައްގީ ގެނައުމަކީ ސަލާން ޖަހައިގެން ކުރަންވާ ވަރުގެ ކަމެއް ނޫނެވެ.   

                                                    

ހުޅަނގު އެފްރިކާގައި ފުރަތަމަ ފަހަރު ބުރުކީނާފާސޯގައި ކިއާކާ ގޯލްޑް ޕްރޮޖެކްޓްގެ ދާށުން ރަން އުފެއްދުން ކާމިޔާބީ އާއެކު ފާހަގަކޮށްފިއެވެ. ކިއާކާގައި އެންމެ ފުރަތަމަ ވިރުވާ އަޅާލި ގޯލްޑް ބާރ ގައި 5.7 ކިލޯގްރާމުގެ ބަރުދަން ހުރިކަމަށް ވެއެވެ. ކިއާކާ މަޝްރޫއު ނިންމާލާފައިމިވަނީ ކަނޑައަޅާފައިވާ ތާރީޚަށްވުރެންކުރިން އަދި އަންދާޒާ ކޮށްފައިވާ ބަޖެޓަށްވުރެންވެސް ޚަރަދު ކުޑަކޮށެވެ.                                  

ބުރުކީނާފާސޯގައި ރައީސް އިބްރާހިމް ޓްރައޯރޭ ވަނީ ރަންކޮނުމުގެ މަސައްކަތަކީ އެ ގައުމުގެ ބާރުގެ ދަށުގައި އޮންނަ އަދި އެ ގައުމުގެ އިގްތިސާދަށް ފައިދާ ކުރަނިވި ގޮތެއްގައި ހިންގޭ އިންޑަސްޓްރީއަކަށް ހައްދަވާފައެވެ. ކިއާކާ ޕްރޮޖެކްޓްގެ ދަށުން ފުރަތަމަ ފަހަރު ރަންވިރުވާ އެޅުމަކީ ހުޅަނގު އެފްރިކާގެ މިގައުމުގެ ތަރައްގީގެ ގައި އެޅުނު ވަރަށް ކާމިޔާވު ފިޔަވަޅެއް ކަމަށް ބުރުކީނާފާސޯއިން ރަން ކޮނުމުގެ ހުއްދަ ދީފައިވާ އޮސްޓްރޭލިއާގެ މައިނިންގް އެމް އެކްސްގެ ޗެއާރމަން ރިޗަރޑް ހައިޑް ބުނެފައިވެއެވެ. އަދި އެ ކުންފުނީގެ އަމާޒަކީ 2030 ވަނަ އަހަރާހަމަޔަށް ގާތްގަނޑަކަށް 16 ޓަނުގެ ރަން އުފެއްދުމެވެ.                                

ފުރަތަމަފަހަރު ރަން ވިރުވާ އަޅާލެވިފައި މިވަނީ ކިއާކާ ޕްރޮޖެކްޓްއަށް ތިން އަހަރުވީ ފަހުންނެވެ. މިއީ މުޅިން އަލަށް ފަށައިގަތް މަޝްރޫއެއްގައި ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަކޮށް މަޝްރޫއުގައި ހިއްސާކުރާ ހުރިހާ ފަރާތަކަށް ވަކިވަކިން ހައިޑް ތައުރީފް ކޮށްފައިވެއެވެ.                                     

ހުޅަނގު އެފްރިކާގެ ބުރުކީނާފާސޯގައި ރަން ކޮނެގެން ނެގުމުގެ އިންޑަސްޓރީ ހިނގަމުން ދިޔައީ ކެނެޑާގެ ބީ-2ގޯލްޑް ކޯރޕްރޭޝަނާއި އެ ކޯރޕަރޭޝަންގެ ޕާރޓްނަރ ދެކުނު އެފްރިކާގެ ގެމްސް މައިނިންގ އެފް އެންޑް އައިގެ ބާރުގެ ދަށުގައެވެ. 2021 ވަނަ އަހަރު ނޮވެމްބަރ މަހުގެ ތެރޭގައި ކިއާކާ ޕްރޮޖެކްޓްގެ %90 ހުޅަނގު އެފްރިކާގެ ބުރުކީނާފާސޯގެ ބާރުގެ ދަށަށް ގެނެސް ބާކީ %10 އަކީ ބުރުކީނާފާސޯ ސަރުކާރުގެ ހިއްސާ ކަމަށް ވަނީ ކަނޑައަޅާފައެވެ. 2024 ގައި ބުރުކީނާފާސޯ ސަރުކާރުންވަނީ ސަރުކާރުގެ ހިއްސާ ކަމުގައި ކުރިން ހަމަޖެހިފައިވާ %10 އަލުން މުތާލިއާކޮށް އެއްވެސް އަގަކާނުލައި ހިލޭ ލިބޭ ހިއްސާގެ ގޮތުގައި  %15 އަށް ބަދަލުކުރުމާއެކު މުސްތަގްބަލްގައި އަދިވެސް އިތުރު %15 ހިއްސާ ސަރުކާރުގެ ބާރުގެ ދަށަށް ގެނެވޭގޮތަށް ގާނޫނު އިސްލާހް ކޮށްފައެވެ. ހަމައެއާއެކު ރަންކޮނެ ނެގުމާއި ވިރުވާއެޅުމުގެ އިންޑަސްޓްރީގެ ހުރިހާ ދާއިރާއެއްގައި ބުރީކާ ފާސޯގެ ރައްޔިތުން ބައިވެރިކުރުން އިތުރުކުރުންވެސް ވަނީ ލާޒިމް ކޮށްފައެވެ. ބުރުކީނާފާސޯ ސަރުކާރުގެ އަމާޒަކީ ރަން ކޮނެގެން ނެގުމާއި އަދި ވިރުވާ އެޅުމުގެ އިންޑަސްޓްރީއަކީ ސަރުކާރަށް ދެމެހެއްޓެވިގޮތެއްގައި ލިބެމުންދާނެ އާމްދަނީއެއްކަން ކަށަވަރު ކުރުމެވެ. އަދި އެއީ ރައްޔިތުންގެ ތިޖޫރީގައި ރައްޔިތުންނަށްޓަކައި ޚަރަދުކުރުމަށް ރައްކާކުރެވޭ އެއްޗެއްކަންވެސް ކަށަވަރު ކުރުމެވެ. ބުރުކީނާފާސޯ ސަރުކާރުގެ ހިސާބުތަކުން އެނގެން އޮތް ގޮތުގައި އެގައުމުގެ ޖީ ޑީ ޕީ ގެ %80 އަކީ ރަނުގެ އިންޑަސްޓްރީން ލިބިދޭ އާމްދަނީއެވެ. އެހެންނަމަވެސް މިއަދާ ހަމަޔަށްވެސް ގައުމުގެ ޖީ ޑީ ޕީ އަށް ވަންނަނީ އެންމެ %14 އެވެ. ބާކީ ބޭރުވެގެންދަނީ ދޮންމީހުންނަށެވެ.

ކިއާކާއިންރަނުގެ އިންޑަސްޓްރީއަށް ބޭނުންވާ ސައިޓުގެ މަސައްކަތް ތާވަލް ކުރެވިފައިވާ މުއްދަތުގެ ކުރިން 2025 ވަނައަހަރުގެ 2 ވަނަ ހާފުގެތެރޭގައި ވަނީ ނިންމާލާފައެވެ. ކިއާކާގެ ފުރަތަމަ ރަން ވިރުވާ އަޅާލުމަކީ ހަމައެކަނި އެކުންފުނީގެ ކާމިޔާބީއެއް ނޫނެވެ. ހުޅަނގު އެފްރިކާގެ އެ ގައުމުގެ މައިނިންގެ މުއްސަނދިކަން ހަމަހަމަކާމާއި އަދުލުވެރިކަމާއެކު ބޭނުންކުރެވޭނެ ކަމުގެ ޔަގީންކަން އޮޅުންބޮޅުންތަކުގެ ތެރޭގައި ހިނގަމުންދާ ޖިއޯޕޮލިޓިކްސް ޒަމާނެއްގައި އިންވެސްޓަރުންނަށްވެސް ލިބިގެންދިޔުމަކަށް ވެގެން ދިޔައެވެ.                        

ރަން ކޮނެގެން ނެގުމާއި ވިރުވާއެޅުމުގެ ގާނޫނަށް 2024 ވަނަ އަހަރު ގެނައި އިތުރު ބަދަލުތަކުގެ ތެރޭގައި ކޮނެގެންނަގާ ރަން ވިރުވާއެޅުމާއި ޕްރޮސެސްކުރުމުގެ ތެރެއިން ބައެއް ބުރުކީނާފާސޯގައި ކުރުން ލާޒިމްކޮށްފައި ވެއެވެ. އަދި މައިންކޮށްގެން ރަން ނެގުމުގެ ކޮންޓްރެކްޓްތަކުގެ މުއްދަތު ކުރުކުރުމުގެ ބާރު ސަރުކާރަށް ވަނީ ދީފައެވެ.  އަދި ރަންކޮނުމުގެ ވަރަށް ގިނަ އިންޑަސްޓްރީތަކެއްވެސް ވަނީ ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައެވެ.

އެންމެ ހަފުގެ ޚަބަރުތަކުގައި ބުނެފައިވަނީ ބޭރުގެ ޚިދުމަތަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި ވައްކަން ކުރުމުގެ މަގު ބަންދުކުރުމަށްޓަކައި ސަރުކާރުން ރަން ވިރުވާ އެޅުމުގެ ރިފައިނަރީތައް ގާއިމް ކުރަން ފަށައިފިއެވެ. އަދި ކުދިކުދި ކުންފުނިތަކަށް މީގެ ކުރިން ދީފައިވާ ހުއްދަތައްވެސް ވަނީ ބާތިލު ކުރަން ފަށާފައެވެ. ބުރުކީނާފާސޯގެ އަމާޒަކީ ރަން އުފެއްދުމަކީ އެ ގައުމުގެ މައިގަނޑު އިގްތިސާދަށް ހެދުމާއެކު ގައުމުގެ ތަރައްގީގައި ރަނުގެ ހިއްސާ އިތުރު ކުރުމެވެ.                                                            

ބުރުކީނާފާސޯ ސަރުކާރުގެ ސިޔާސަތުން އެފްރިކާގެ ގައުމުތައް ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް ތަޖުރިބާކާރުންގެ ރައުޔުގައި ހާމަކޮށްފައި ވެއެވެ. މިނިވަންކަން ބޭނުންނަނަ ސަލާންޖެހުން ހުއްޓާލަން ޖެހޭކަމަށްވެސް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.        

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް