އިންޑޮނީޝިޔާއިން ޣައްޒާގައި އަޅާދީ ހިންގަމުން އައި ހޮސްޕިޓަލުގެ ޑައިރެކްޓަރުގެ ގެޔަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ޑައިރެކްޓަރ ޑޮކްޓަރ މަރުވާން ސުލްތާން އާއި އޭނާގެ އާއިލާގެ އެތައްބަޔަކު ޝަހީދު ކޮށްލައިފިއެވެ.
ޣައްޒާ ސިޓީގައި ހުންނަ ޑޮކްޓަރ މަރުވާން ސުލްތާންގެ ގެޔަށް ދިން ހަމަލާ ކުށްވެރި ކުރަމުން ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޑޮކްޓަރ މަރުވާން އަކީ ސިއްހީ ހިދުމަތުގައި އިޚުލާސްތެރިކަމާއިއެކު ގިނަ އަހަރުތަކެއްވަންދެން މަސައްކަތް ކުރަމުން އައިސްފައިވާ ފަރާތެކެވެ. އަދި އެފަދަ ރަހުމު ކުޑަގޮތަކަށް މެޑިކަލް ދާއިރާގެ އިސްފަރާތްތަކަށް ހަމަލާދެމުންދާތީ އެކަން ކުށްވެރި ކުރާކަމަށް ހަމާސްޖަމާއަތުން ހިންގަމުން އަންނަ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
މިހަމަލާއަށް ފަހު އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ހަމަލާދިނީ ޣައްޒާސިޓީގައި ހަރަކާތްތެރި ވަމުން އައި ހަމާސްޖަމާއަތުގެ އިސް ޓެރަރިސްޓަކަށް ކަމަށާ ހަމަލާގައި ކަމާނުބެހޭ ބައެއް އާންމުން މަރުވެފައިވާކަމަށް ބުނާ ރިޕޯޓްތައް ރިވިއު ކުރަމުން ދާކަމުގައެވެ.
ހަމަލާއަށް ފަހު ޑޮކްޓަރ ސުލްތާންގެ އަންހެން ދަރިފުޅު ލުބްނާ އަލް ސުލްތާން މައުލޫމާތު ދިން ގޮތުގައި އެފް-16 މިސައިލް އެއް އަރާފައިވަނީ ބައްޕަގެ ސީދާ ކޮޓަރިއަށް އަދި ސީދާ ބައްޕަ އޮތް އެނދަށް ކަމުގައެވެ.އެހެންކަމުން ހަމަލާގައި ބައްޕަ ޝަހީދުވީ ކަމަށް އޭޕީ އަށް މައުލޫމާތު ދެމުން އޭނާ ބުނެފައިވެއެވެ. މިހަމަލާގައި އާއިލާގެ އިތުރު ބަޔަކުވެސް ޝަހީދު ވެފައި ވެއެވެ.
ޑޮކްޓަރ ސުލްތާން ހިންގެވި އިންޑޮނީޝިއަން ހޮސްޕިޓަލަށް ތަކުރާރުކޮށް އިޒްރޭލް ސިފައިން ހަމަލާދީ ތަން ބޭނުން ނުކުރެވޭވަރަށް ހަލާވުމާއި ގުޅިގެން ހޮސްޕިޓަލް ހުރި ބަންދު ކޮށްފައެވެ. އެހޮސްޕިޓަލް ބަންދު ކުރުމާއި ގުޅިގެން އުތުރު ޣައްޒާގައި މިއަދު ރަގަޅަށް މަސައްކަތްކުރާ އެއްމެ ހޮސްޕިޓަލެއްވެސް ނެތް ކަމަށް ޚަބަރުލިބެއެވެ.
އަނެއްކޮޅުން ރައްކާތެރި ޒޯން ތަކެއްގެ ގޮތުގައި ކަނޑައަލާފައިވާ ބައެއް ތަންތަނަށް ބުރާސްފަތި ދުވަހު އިޒްރޭލުން ދިން ހަމަލާތަކެއްގައި ކުޑަކުދިން ހިމެނޭހެން ފަސްމީހުން ޝަހީދުވެފައި ވެއެވެ. ރައްކާތެރި ޒޯންއަށް ހަމަލާ ދިނީ ކާނެ އެއްއެއްޗެއް ހޯދުމަށް ފަލަސްތީން ރައްޔިތުން އެއްވެފައިވާ ތަނަކަށް ކަމަށް ޚަބަރުލިބެއެވެ.
އޭގެ ކުރިން ބުދަދުވަހުގެ މެންދުރެއްހާއިރަށް ހިގި 24 ގަޑިއިރުގެތެރޭގައި އިޒްރޭލުގެ ރަހުމެއްނެތް ހަމަލާތަކުގައި ޣައްޒާގެ އެކި ހިސާބުން 139 މީހުން ޝަހީދުކޮށްލާފައިވާކަމަށް ޚަބަރުލިބެއެވެ.