ހާއްސަ ރެޕޮޓަރ ފްރެންޗެސްކާ އަލްބަނީޒް ތައްޔާރުކޮށް އެކުވެރި ދައުލަތުން އާންމުކުރި ރިޕޯޓެއްގައި، އިޒްރޭލުން ޣައްޒާގައި ހިންގާ ޤަތުލުއާންމުގައި ބައިވެރިވުން އޮތް ބައިނަލްއަޤްވާމީ 48 ކުންފުންޏެއްގެ ނަން އާންމުކޮށްފިއެވެ.
މިކުންފުނިތަކުގެ ތެރޭގައި، އެފް-35 ފައިޓަރ ޖެޓްސް ތައްޔާރުކުރާ އެމެރިކާގެ ލޮކްހެޑް މާރޓިން ކުންފުންޏާއި، އިޓަލީގެ އަސްކަރީ ޓެކްނޮލޮޖީ ކުންފުނި، ލިއަނާޑޯ އާއި، ބުލްޑޯޒަރުފަދަ ތަކެތި އުފައްދާ ކެޓަރޕިލަރ، އެޗްޑި ހްޔުންޑައި އަދި ވޮލްވޯގެ އިތުރުން، މަޝްހޫރު ޓެކް ކުންފުނިތައް ކަމުގައިވާ މައިކްރޮސޮފްޓާއި، ގޫގްލް ހިންގާ އަލްފަބެޓް ކުންފުނި އަދި އެމެޒޮންގެ ނަން ހިމެނެއެވެ. މީގެއިތުރުން، ބުކިންގް-ޑޮޓް-ކޮމް އާއި އެއަރބީއެންބީ ފަދަ ކުންފުނިތަކާއި، އިންވެސްޓްމަންޓް ޖަޔަންޓްސް ކަމުގައިވާ ބްލެކްރޮކް އަދި ވެންގާޑް ވެސް ހިމެނެ އެވެ. މިކުންފުނިތަކުގެ މައްޗަށް ކުރެވެނީ އަސްކަރީ އޮޕަރޭޝަންތަކާއި، އިޒްރޭލީ ސެޓްލްމަންޓް އިތުރުކުރުމުގައި ސީދާ ބޭނުންކުރާ ހަތިޔާރާއި، ސަވައިލެންސް ޓެކް އާއި، ލޮޖިސްޓިކަލް ސަޕޯޓް ފޯރުކޮށްދިނުމުގެ ތުހުމަތުތަކެވެ.
ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން، ހަނގުރާމައިގެ ޖަރީމާތަކަށް އެހީތެރިވުމުގެ ސަބަބުން މި ކުންފުނިތަކުން ޖިނާއީ ޒިންމާއެއް އުފުލަން ޖެހިދާނެކަމަށް ރިޕޯޓުގައި ބުނެފައިވާއިރު، ޑައިވެސްޓްމަންޓަށް ގޮވާލައި، ގަވާއިދުތައް ހަރުކަށި ކުރުމަށް ވެސް ރިޕޯޓުގައި ގޮވާލާފައިވެއެވެ. އިޒްރޭލުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެގައުމުގެ އަމަލުތައް ދިފާޢުގައި ވާހަކަދައްކާފައެވެ.
ގާނޫނީ ގޮތުން ތަންފީޒު ނުކުރެވުނު ނަމަވެސް، އިޒްރޭލުގެ އަސްކަރިއްޔާ އާއި އާބާދީތަކާ ގުޅުންހުރި މައްސަލަތަކުގެ ފާރަވެރިކަން ވަރުގަދަވަމުންދާއިރު، މި ރިޕޯޓުގެ ސަބަބުން އިޒްރޭލަށް ވާގިވެރިވަމުންދާ ކުންފުނިތަކަށާއި ސަރުކާރުތަކަށް ކުރާ ޕްރެޝަރު އިތުރުވެގެން ދެއެވެ.