ސާރާ

Loading

Facebook
Twitter
WhatsApp

ހަނގުރާމައެއްގައި ބައިވެރިވުމަށް ދިޔަ، ސާރާ ކިޔާ ޒުވާން އަންހެން ސިފައިންގެ މީހަކު، ދިޔަތާ އެއްއަހަރުފަހުން އެއްދުވަހަކު އޭނާގެ ގެޔަށް ފޯނު ކުރިއެވެ. އޭނަގެ ބައްޕަ ފޯނު ނެގުމުން ސާރާ ވަރަށް އުފަލުން ވާހަކަދައްކާލުމަށްފަހު ބުންނެވެ. ”ބައްޕާއެވެ. އަޅުގަނޑު މާދަމާ ގެޔަށް އެބަދަމެވެ.“ މި ވާހަކަ އަޑު އިވުމުން ކައިރީގައި އިން ސާރާގެ މަންމަ ވަރަށް އުފާވެލާފައި ބުންޏެވެ.“ތިޔައީ ހާދަ އުފާވެރި ޚަބަރެކެވެ. ދަރިފުޅަށް އެންމެ މީރު ކާއެއްޗެތި ހަދައިގެން މަންމަ އާއި ބައްޕަ ދަރިފުޅަށް އިންތިޒާރު ކުރާނަމެވެ.“
އެވަގުތު ސާރާ ބުންޏެވެ.“މަންމާއެވެ. އަދި ވާހަކައެއް އެބައޮތެވެ. އަޅުގަނޑު ދާނީ އެކަންޏެއްނޫނެވެ. އަޅުގަނޑާއެކު ރައްޓެހި އަންހެން ސިފައިންގެ ކުއްޖަކުވެސް އެބަދެއެވެ. ހަނގުރާމައިގައި ގެއްލުން ލިބި އޭނާގެ އެއްފައި ވަނީ ބުރިކޮށްފައެވެ. އަދި އޭނަގެ އެއްލޮލަށްވެސް މިހާރު ނުފެނެއެވެ. އޭނަގެ ގާތް މީހުންނެއް ނުތިބެއެވެ. އެހެންވީމަ އަޅުގަނޑުމެންގެ ގޭގައި، އަޅުގަނޑުމެންނާއެކު އުޅެން އޭނާ ގެންދަން އަޅުގަނޑު ގަސްތު ކުރަމެވެ.“
ސާރާ މިހެން ބުނުމުން ފޯނުގެ އަނެއްކޮޅުގައި ތިބި މަންމައާއި ބައްޕަ އިރުކޮޅަކަށް ހިމޭން ވިއެވެ.އިރުކޮޅަކުން ބައްޕަބުންޏެވެ. ”ތިޔަކަން ވާނީ ވަރަށް އުނދަގޫ ނިންމުމަކަށެވެ. ތިޔަފަދަ ބަލި މީހަކު ގޭގައި ގެންގުޅެން ވަރަށް އުދަނގޫ ވާނެ ނޫންހެއްޔެވެ.މިއީ ހޮސްޕިޓަލެއް ނޫނެވެ.“
މަންމައާއި ބައްޕަގެ ޖަވާބު އަޑުއިވި ސާރާ ހިމޭން ވިއެވެ.އަދި އިރުކޮޅަކުން ބުންނެވެ.“އެންމެ ރަނގަޅެވެ. އަޅުގަނޑު މަންމައާއި ބައްޕަގެ ތިޔަ ނިންމެވުން ގަބޫލު ކުރަމެވެ.“ މިހެން ބުނުމަށްފަހު ފޯނު ބޭއްވިއެވެ.


އެދުވަހު ފޯނުކޮށްފަ މާދަމާ ގެޔަށް ދާނަމޭ ބުނި ނަމަވެސް ސާރާ ނާދެއެވެ. އެތައް ހަފްތާއެއްވީއިރުވެސް ނާދެއެވެ. މިކަމާ ކަންތައް ބޮޑުވެގެން ސާރާގެ މަންމައާއި ބައްޕަ ކަމާބެހޭ ހުރިހާ އިދާރާތަކަކާގުޅައިގެން ސާރާ ފެނޭތޯ އެކި ތަންތަން ބަލަމުން ގެންދިޔައެވެ.
އެންމެ ފަހުން އެސިޓީގެ އެންމެ އަރިމަތީގައިވާ ކުޑަކުޑަ އެޕާޓްމަންޓެއްގައި ހުރިކަމަށް އެމީހުންނަށް ޚަބަރު ލިބިގެން ގޮސް އެތަނުގެ ދޮރުގައި ޓަކި ޖަހާލިއެވެ. އެވަގުތު އެތެރޭން މަޑުމަޑުން އަންހެނަކު ދޮރު ހުޅުވާލިއެވެ. އެއީ ސާރާއެވެ. ސާރާގެ އެއްފައެއް ނެތެވެ. އެހެން ކަމުން ވަނީ މަސްނޫއީ ފައެއްޖަހާފައެވެ. ހުރީ އަސާގަނޑެއް ހިފައިގެންނެވެ.
މަންމައާއި ބައްޕަ ފެނުމުން އޭނާ ރޯން ފެށިއެވެ. އެވަގުތު އެމީހުންނަށް އިހުސާސްވީ ސާރާގެ އެއްލޯވެސް ނެތް ކަމެވެ. މަންމައާއި ބައްޕައަށްވެސް ލިބުނު ޝޮކުން އަނގަމަތީ އަތް އެޅައިގެން ތިބެ ރޯން ފެށުނެވެ.ސާރާ ގެޔަށް ދާއިރު ގެންދާނަމޭ ބުނި ރައްޓެހި ކުއްޖާއަކީ ޚުދް އޭނާއެވެ.
އެވަގުތު ދެމީހުން އެތެރެޔަށް ވައްދާ ރޮމުން ރޮމުން ސާރާ ވާހަކަތައް ކިޔާދިނެވެ. ހަނގުރާމައިގައި ގެއްލުން ލިބެން ދިމާވި ހާދިސާގެ ވާހަކަ ކިޔާދީ،ނަމަވެސް ފުރިހަމަ އަވަސް ފަރުވާ ލިބުނު ކަމަށް ބުންޏެވެ. އަދި މަރުނުވެ ސަލާމަތްވީތީ ހެއްދެވި ފަރާތަށް ޝުކުރުކުރާ ކަމަށް ބުންޏެވެ.
މީގެ އިތުރުން އޭނާއަށް މިހާލު މެދުވެރިވެފައި ވީނަމަވެސް މަންމައާއި ބައްޕަ އޭނާދެކު ކުރިންވެސް ވަމުން އައި ލޯބި އަދިވެސް އެގޮތުގައި ވާނެ ކަމަށް އުންމީދު ކޮށް ފޯނު ކުރި ދުވަހު އެވާހަކަ އެގޮތަށް ބުނީ ކަމަށް ސާރާ ބުންޏެވެ.
ސާރާގެ ވާހަކަ އިވި މަންމައާއި ބައްޕަވަރަށް ދެރަވިއެވެ. އަދި އެފަދަ ގޮތަކަށް އެދުވަހު ޖަވާބު ދެވުނީތީ ހިތާމަ ކުރާކަމަށް ބުނެ ސާރާގެ ކިބައިން މައާފަށް އެދުނެވެ. އަދި ސާރާ ހުންނަންވާނީ އަމިއްލަ ގޭގައި ކަމަށް ބުނެ، އެޕާޓްމަންޓްގެ ކުލީގެ ކަންތައް ހަމަޖެއްސުމަށްފަހު ސާރާ ގޮވައިގެން މަންމައާއި ބައްޕަ ގެޔަށް ދިޔައެވެ.
ތިމާއަށް ވެސް ކުރިމަތިވެދާނެފަދަ ބަދުނަސީބު ކަންކަން އަނެކާއަށް ކުރިމަތިވުމުން، އޯގާތެރިވެ ހަމްދަރުދީ ވުމަކީ އިންސާނިއްޔަތަށްޓަކާވެސް އަޅުގަނޑުމެންގެ ކިބައިގައި ހުންނަންޖެހޭ މާތް ސިފައެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް