ބީއެމްއެލް މެދުވެރިކޮށް ބޭރުގެ ބައެއް ސައިޓްތަކުން ކުރާ ވިޔަފާރިތަކަށް %30ގެ ފީއެއް ނަގަނީ

Loading

June 30, 2025
profile
Facebook
Twitter
WhatsApp

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖޭން ބޭރުގެ ބައެއް ސައިޓްތަކުން ކުރާ މުޢާމަލާތްތަކަށް 30 އިންސައްތައިގެ ފީއެއް ނަގާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފީ ނެގުމަށް ހަމަޖެހިފައިވަނީ ވިޔަފާރީގެ ބޭނުމަށް ރާއްޖޭން ބޭރުން މުދާ ގެނައުމަށް ބައެއް ސައިޓްތަކުން ކުރާ ވިޔަފާރިން ކަމަށެވެ.

އެގޮތުން ފީ ނެގުމަށް ހަމަޖެހިފައިވަނީ؛ ޓީމޫ، ޝީއިން، އަލީ ބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭން ކަމަށް ބީއެމްއެލުން ބުނެއެވެ.

ނަމަވެސް، ހޮޓާ ބުކްކުރުމާއި، ޓިކެޓު ނެގުން، އަދި ސަބްސްކްރައިބްކުރުން ފަދަ އާންމު ބޭނުންތަކަށް ކުރާ މުޢާމަލާތްތަކުން ފީ ނުނަގާނެކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

މިގެ އިތުުރުން، އެ ބޭންކުން މިހާރު ވަނީ ބޭރުގެ އޭޓީއެމްތަކުން ފައިސާ ނެގޭނެ އަދަދު 125 ޑޮލަރަށް ކުޑަކޮށްފައެވެ. އަދި އޭޓީއެމްތަކުން ފައިސާ ނަގާއިރު ޗާޖްކުރާނީ 10 ޑޮލަރު ކަމަށް ބޭންކް އޮފް މޯލްޑިވްސް ވަނީ ބުނެފައެވެ.

ބީއެމްއެލުން ބުނެފައިވަނީ، މިގޮތަށް ނިންމާފައިވަނީ ބައެއް ފަރާތްތަކުން، ރާއްޖޭން ބޭރަށް ދާ މީހުންގެ އަތަށް ކާޑު ދީގެން ފައިސާ ނަގާކަން ފާހަގަކުރެވިފައި ވާތީ ކަމަށެވެ.

އެހެން ނަމަވެސް، މިއީ ބޭރު ގައުމުތަކަށް ބޭސްކުރުމަށް ދާ ދިވެހިންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމެއްކަމަށް ބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކަންބޮޑުވުން ފާޅުކުރާ އާންމުން ބުނަނީ، އެފަދައިން ކަންކަން ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން މާ ރަނގަޅުވާނެ ކަމަށާއި، ބަޔަކު ކުރާ ކަމެއްގެ ސަބަބުން އެންމެންނަށް ދަތިވާނެ ގޮތަށް ކަންކަން ކޮށްގެން ނުވާނެކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް