އައިއީއޭއީގެ ”ފާރަ ކުއްތާ“ އަށް އެއްބާރުލުން ނުދިނުމަށް އީރާނުގެ މަޖިލީހުން ނިންމުމާގުޅިގެން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ސިއްރު ޔަގީންކުރެވޭ ދުވަހަކާ ހަމަޔަށް މީގެ ފަހުން އީރާނުން އެއްބާރުލުން ނުދޭނެކަމަށް ވިދާޅުވެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ސޯޝަލް މީޑިގައި ޕޯސްޓްކުރައްވައިފިއެވެ.
އީރާން މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ އައިއޭއީއޭ އިން އީރާނުގެ ނިއުކްލިއަރ ސައިޓްތައް އިންސްޕެކްޓް ކުރުމަށްފަހު އެ ރިޕޯރޓް އެހެން ގައުމުތަކަށް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިއީ ވާޖިބު އަދާކުރުމުގައި ރަފައެލް ގްރޮއްސީގެ އިޚްލާސްތެރި ކަމެއް ނެތް ކަމުގެ ހިތާމަވެރި ހަގީގަތެކެވެ. އީރާނުގެ ނިއުކްލިއަރ މައުލޫމާތުތައް އިސްރާއީލުގެ ވެރިންނަށް ހާމަކޮށްދިނުމަށްފަހުގައިވެސް އިސްރާއީލުން ދިން ހަމަލާތަކާ ބެހޭގޮތުން އެންމެ ބަހެއްވެސް ރަފައެލް ގްރޮސީ ބުނެފައި ނުވުމަކީ އޭނާ ވިކިފައިހުރި މިންވަރު ދޭހަވެގެންދާ މިންވަރުވެސް އަނގައިދޭ ހެއްކެއް ކަމުގައި ވިދާޅުވިއެވެ.
”އީރާނުގެ ނިއުކްލިއަރ މައުލޫމާތުތައް އިސްރާއީލުގެ ވެރިންނަށް ގްރޮއްސީ ހާމަކޮށް ދެމުން ގެންދިއުމަކީ އީރާނުން އައިއީއޭއީ އާއި ގުޅުން ކަނޑާލުމުގެ ސަބަބުކަން އޭނާ ދަންނަން ޖެހޭނެއެވެ. އެމެރިކާއިން ބޮން އެޅުމުން އީރާނަށް ލިބިފައިވާ ގެއްލުންތައް އީރާނުގެ ރައްކާތެރިކަމަށްޓަކައި ބަލަން ބޭނުންކަމަށް ރަފައެލް ގްރޮއްސީ ބުނިއިރު އަހަރެމެން އޭނާއަށް އިތުބާރު ކޮށްފާނެކަމަށް ހީކުރަނީ ހެއްޔެވެ؟ އީރާނުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަފައެލް ގްރޮއްސީގެ އެހީއެއް ބޭނުމެއް ނޫން ކަމަށާއި އީރާނުގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އީރާނަށް އެނގޭ“ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
އެމެރިކާއާއެކު އަލުން ނިއުކްލިއަރ މަޝްވަރާ ކުރިއަށް ގެންދިއުމުގެ ވާހަކަތަކެއް މީޑިއާތަކުގައި ފެތުރިގެންދާ މިވަގުތުގައި އެމެރިކާއާއެކު އަލުން މަޝްވަރާއަށް ދިއުމުގެ ވިސްނުމެއް އީރާނުން ނުގެންގުޅޭ ކަމަށްވެސް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ ވިދާޅުވެފައެވެ.
ޔުނައިޓެޑް ނޭޝަންސްގެ މިނިވަން އޭޖެންސީއެއް ކަމުގައި ބެލެވޭ އައިއޭއީއޭ އާއެކު އެއްބާރުލުން ދިނުން ފެންނަކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނިކޮށް އެމެރިކާގެ ހަމަލާގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އެއްކޮށް ވީރާނާވެގެން ގޮސްފައި ނުވިޔަސް ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށް ގްރޮއްސީ ވަނީ ބުނެފައެވެ.
އެމެރިކާއިން ބަންކަރ ބަސްޓަރ ބޭނުންކޮށްގެން އީރާނަށް ހަމަލާ ދިނުމުގެ ކުރިންވެސް ވީ ނުވީ ތަނެއް ނޭނގޭ ކަމަށް ސުވާލު އުފެދިފައިވާ އީރާނުގެ ޔުރޭނިމްއާ ބެހޭ ގޮތުން ރޮއިޓާރސްއަށް މައުލޫމާތު ދިން އީރާނުގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ”އެ ހުރި ތަނެއް ހޯދަން އުޅުން ހުއްޓާލުމަށާއި އަދި އީރާނުގެ ބައެއް އިސް ވެރިންނަށްވެސް އެ ހުރިތަނެއްގެ މައުލޫމާތު އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ. އެކަމަކު އެ ހުރި ތަނެއްގައި ވަރަށް ރައްކާތެރިކަމާއެކު ބެހެއްޓިފައި ހުންނާނެއެވެ.“ މީގެ ފަހުން އައިއޭއީއޭ ގެ ފާރަ ކެމެރާއަކަށް އިންސްޕެކްޓަރުންނަކަށް އަދި ގްރޮއްސީ އަކަށް އީރާނުގެ ބިމުން ޖާގައެއް ނެތެވެ.