އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާދިން 8 މަހުގެ ކުއްޖަކު ނިޔާވުމާ ގުޅިގެން އެ ހޮސްޕިޓަލުން ބަޔާނެއް ނެރެފިއެވެ.
އެ ހޮސްޕިޓަލުން ބަޔާނެއް ނެރެފައި މި ވަނީ، އެ ކުއްޖާއަށް ފަރުވާދިނުމުގައި އައިޖީއެމްއެޗުން އިހުމާލުވެފައިވާކަމަށް ތުހުމަތުކޮށް، ޢާއިލާއިން ސޯޝަލްމީޑިއާގައި ކޮށްފައިވާ ޕޯސްޓަކާ ގުޅިގެންނެވެ.
މި މައްސަލާގައި ޢާއިލާގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަން:
- ކުއްޖާގެ ހާލު ބޮޑުވެ، ސީޕީއާރް ދެމުންދިޔައިރު އަނގައިންނާއި ނޭފަތުން ލޭ ފައިބަމުންދިޔަކަން ޞިއްޙީ އެހީތެރިންނަށް އެނގިފައިނުވުން.
- ކޮންމެ ދުވަހަކު ހެނދުނު ޞިއްޙީ އެހީތެރިންގެ ޓީމުން ގަވައިދުން ކުއްޖާ ޗެކްކުރަމުން ގެންދިޔައިރު، ކުއްޖާއަށް ވަމުންދާ ގޮތުގެ މަޢުލޫމާތު ބެލެނިވެރިންނަށް ދީފައިނުވުން.
- ކުއްޖާ އައިސީޔޫއަށް ލައިދޭން އެދުމުން، އައިސީޔޫ ފުލްވެފައިވާ ކަމަށް ބުނެ، އެކަން ކޮށްދީފައި ނުވުން.
- ކުއްޖާގެ ހާލަތު ގޯސްވެ ލޯހުޅުވައިނުލެވޭ ހިސާބަށް ދިއުމުން، ނަރުހުންގެ އެހީތެރިކަމަށް އެދުމުން ”ބިޒީ“ ކަމަށް ބުނެ އެހީތެރިކަން ދީފައި ނުވުން.
- ހަމައެކަނި އިންފެކްޝަނެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ބުނި ނަމަވެސް، ކުއްޖާ ދުޅަވެ ފުފިގެން ސިފަ ނޭނގޭވަރުވެފައި އޮތުމުން، އެކަން ގަބޫލުކުރަން ދަތިވުން.
މިކަމާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޞިއްޙީ ފަރުވާ ދިނުމާގުޅޭގޮތުން ހުށަހެޅޭ ކޮންމެ ޝަކުވާއެއްވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ.
އެގޮތުން، މި މައްސަލާގައި ކަން ހިނގާފައިވާ ގޮތްވެސް އެ ހޮސްޕިޓަލުން ބަލާފައިވާކަމަށެވެ. އެގޮތުން ބެލި ބެލުމުން އެނގުނުގޮތުގައި، ކުއްޖާގެ ބަލީގެ ހާލަތު ހުރިގޮތުން ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމަކުން އައީ ކުއްޖާގެ ހާލަތު މޮނީޓަރުކޮށް ގާތުން ބަލަމުންނެވެ. އަދި ކަމާގުޅޭ ޓެސްޓުތައް ހަދައި، ފަރުވާއަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަމުން ދިޔަކަމަށް ބުނެފައިވެއެވެ.
އަދި އެ ޑިޕާޓްމަންޓުގެ ޞިއްޙީ އެހީތެރިންގެ އިތުރުން ކުޑަކުދިންގެ ޑޮކްޓަރުން އައީ ގަވައިދުން ކޮންމެ ދުވަހަކުވެސް ވޯޑަށް ޒިޔާރަތްކޮށް، ކުއްޖާގެ ހާލަތު ބަލަމުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އައިސީޔޫއަށް ބަލިމީހަކު ލާންޖެހޭ ހާލަތެއްގައި އެ ހޮސްޕިޓަލުގެ އައިސީޔޫގައި ޖާގަ ނެތްނަމަ، މާލޭގެ އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަށް ގެންދިއުމުގެ އިންތިޒާމު އައިޖީއެމްއެޗުން ހަމަޖައްސައިދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ބަލިމީހަކަށް ޖެހިފައިވާ ހުމެއް ނުވަތަ އިންފެކްޝަނެއްގެ ސަބަބުން ދިމާވާ އެހެން ނުރައްކާތެރި ހާލަތުތަކަކީ ފުރާނައަށް ނުރައްކާވާފަދަ، އަދި ދުރާލައި ދެނެގަންނަން ނޭނގޭ ކަންކަން ކަމަށާއި، އަދި މިފަދަ ބަލިތަކުގައި ކުއްލިއަކަށް ހާލަތު ނުރައްކާވާ ފަހަރު އަންނަކަމަށްވެސް ބަޔާނުގައިވެއެވެ.
މިފަދަ ކޮންމެ ކަމަކާ ގުޅިގެން މައްސަލަ ތަޙުޤީޤުކޮށް، އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރާނެ ކަމުގެ ޔަގީންކަން ދޭކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.