އައްޑޫ ސިޓީ، ހަންކެޑެއަކީ ހަލާލު ފަތުރުވެރިކަން ތަރައްޤީކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ހަލާލު ފަތުރުވެރިކަން ތަރައްޤީކުރާ ރަށެއްގެ ގޮތުގައި ހަންކެޑެ ކަނޑައަޅުއްވާފައި މި ވަނީ، ފަތުރުވެރިކަން ތަރައްޤީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުންނެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ، ރައީސްގެ މި ނިންމެވުމާ ގުޅިގެން، މި މަޝްރޫޢު ތަންފީޒުކުރުމުގެ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާކަމަށެވެ.
ހަލާލު ފަތުރުވެރިކަމަކީ ޚާއްޞަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، އަދި އެހެން ހުރިހާ މެހުމާނުންނަށްވެސް މެހުމާންދާރީ އަދާކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޚިދުމަތެއް ކަމަށާއި، މި ކޮންސެޕްޓް ތަންފީޒުކޮށް ތަރައްޤީކުރެވޭ ރިސޯޓު އޮޕަރޭޝަންސްގެ މަރުހަލާގެތެރޭން ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ހަންކެޑެ މަޝްރޫޢާއެކު ރާއްޖޭގެ ޓޫރިޒަމް ސިނާއަތު ސިންދަފާތުކުރުމަށް އިތުރަށް މަގު ފަހިވެގެންދާނެ ކަމަށާއި، އަދި މި ފަދައިން ތަރައްޤީކުރާ ރިސޯޓުތަކުގެ ސަބަބުން މި ސަރަހައްދުގައި ވަޒީފާ އުފެދި، އިޤްތިޞާދީ ދުވެލި ހަލުވިވެގެންދާނެ ކަމަށް، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ބުނެއެވެ.