ޖޫން މަހުގެ 23 ވަނަ ދުވަހުގެ ހަވީރު ހުޅުމާލޭ ރީތިގަސް މަގާއި ކަށިމާ ހިނގުން ގުޅޭ ހިސާބުގައި ދެ ސައިކަލާއި ކާރެއް ޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށް މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މ. މަޑުއްވަރި / ކޮކްނަޓްވިލާ، އާދަމް ޖަނާން މުޙައްމަދު (26އ) ކަމަށާއި، މިއީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން މީހާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ އަނެއް ސައިކަލު ދުއްވަންއިން 38 އަހަރުގެ ދިވެހި ފިރިހެންމީހާގެ ފައި ތިން ތަނަކުން ބިންދައިގެން ގޮސްފައިވާކަމަށެވެ. އަދި އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށެވެ.
މި މައްސަލައާ ގުޅިގެން ޖޫން 26 ވަނަ ދުވަހު، ކޯޓު އަމުރެއްގެ ދަށުން އާދަމް ޖަނާން މުޙައްމަދު (26އ) ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުުރުމުން 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.