އިޒްރޭލާ އިރާނާ ދެމެދު ކުރިޔަށް ދިޔަ 12 ދުވަހުގެ ހަނގުރާމައިގައި ޝަހީދުވި އިސް މިލިޓަރީ ކޮމާންޑަރުންނާއި ނިއުކްލިއަރ ސައިންޓިސްޓުން ހިމެނޭހެން 60 މީހެއްގެ ޖަނާޒާ މިއަދު ރަސްމީ އިއްޒަތުގައި ބާއްފާފައިވެއެވެ. ވެރިރަށް ތެހްރާންގެ މެދުތެރޭގައިވާ ގަބުރުސްތާނެއްގައި ޖަނާޒާ ކުރިޔަށް ދިޔައީ ގިނަ ބައެއްގެ ހާޒިރުގައެވެ. ކަޅުހެދުމުގައި އެއްވެފައިވާ މީހުން ވަނީ މަރުވި މީހުންގެ ފޮޓޯތަކާއި އަދި އިރާނުގެ ދިދަ ބޭނުންކޮށް ހިތާމަ ފާޅުކުރުމުގެ ޝުއޫރުތައް ފާޅުކޮށްފައެވެ.
މިއަދު ފަސްދާނުލެވުނު އެންމެ އިސް ބޭފުޅުންގެތެރޭގައި އެންމެ އިސް މިލިޓަރީ އޮފިސަރު އަދި އިރާނުގެ ހަތިޔާރު އެޅި ބާރުތަކުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބަޤޭރީ ހިމެނެއެވެ. މީގެ އިތުރުން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސްގެ ކޮމާންޑާ އިންޗީފް ހުސެއިން ސަލާމީ އަދި ތެހެރާންގެ އާޒާދް ޔުނިވަސިޓީގެ އެންމެ އިސްވެރިޔާ މުހައްމަދު މެހްދީ ތެހްރާންޗީ އާއިއެކު އެތައް ނިއުކްލިއަރ ސައިންޓިސްޓުންނެއް ހިމެނެއެވެ.
ހަމަލާތައް މެދުކަނޑާލިކަން އިއުލާން ކޮށްފައިވަނީ އެމެރިކާއިން އެކަމުގެ ތެރެޔަށް ވަދެ، އިރާންގެ ނިއްކްލިއަރ ތަންތަނަށް ދިން ވަރުގަދަ ހަމަލާތަކަށް ފަހުއެވެ.
އެމެރިކާގެ ހަމަލާތަކުން އިރާންގެ ނިއުކްލިއަރ މަރުކަޒުތައް މުޅިން ހަލާކު ނުވާކަމަށް ބައެއް ރިޕޯޓްތައް ބުނާއިރު، އިރާންގެ ބައެއް މިނިސްޓަރުން ހިމެނޭހެން އެތައް އިސްފަރާތްތަކަކުން ވަނީ ނިއުކްލިއަރ ސައިޓްތަކަށް ބޮޑެތި ގެއްލުންތަކެއްލިބި އެތަންތަން ބޭނުން ނުކުރެވޭ ވަރު ވެފައިވާ ކަމަށް ބުނެފައެވެ.
އަނެއްކޮޅުން، އިރާންގެ މައި ތިން ނިއުކްލިޔަރ މަރުކަޒަށް އެމެރިކާއިން ދީފައިވާ ޙަމަލާތަކުގައި އެތަންތަން ހަލާކުވެފައި ނުވާނަމަ، އަނެއްކާ ވެސް އީރާނަށް ޙަމަލާ ދޭން ފަސްނުޖެހޭނެ ކަމުގައި ވިދާޅުވެ ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ.
ބީބީސީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އިރާނަށް ޔުރޭނިއަމް ފައްކާކުރުމުގެ މަސައްކަތް އަދިވެސް ކުރިޔަށް ގެންދެވޭނެކަމުގެ އިންޓެލިޖަންސް މައުލޫމާތު ލިބިއްޖެ ނަމަ އެއްވެސް ސުވާލެއް ނެތި އަނެއްކާވެސް އިރާނަށް ބޮން އަޅާނެ ކަމުގައެވެ.
އަދި ސުޕްރީމް ލީޑަރު އާޔަތު އަލީ ޚާމަނާއީ އާ ނިސްބަތްކޮށް، އިޒްރޭލާއެކުކުރި ހަނގުރާމަ އިރާނަށް ކާމިޔާބުވިކަމަށް ޚާމަނާއީ ވިދާޅުވުމަކީ، އެއީ ކަނޑައެޅިގެން ދޮގެއްކަން އިނގޭ އިރުވެސް، ޚާމަނާއި ކުރެއްވި ”ކޮސް“ ކަމެއް ކަމަށް ޓްރަމްޕް އޭނާގެ ޕްލެޓްފޯމް ޓުރުތު ސޯޝަލްގައި ލިޔެފައިވެއެވެ. އަދި ޚާމަނާއި ހުންނެވި ތަން އިނގުނު ކަމަށާ، އަދި މަރާނުލާ ދޫކޮށްލާ، ”އަނިޔާވެރި“ މަރަކުން ޚާމަނާއި ސަލާމަތް ކޮށްދިނީ ޓްރަމްޕް ކަމަށް އޭނާ ލިޔެފައި ވެއެވެ.
މިއާއެކު ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވަނީ ޚާމަނާއީއާ ނިސްބަތްކޮށް އަދަބު ކުޑަކޮން ޓްރަމްޕް ކޮމެންޓް ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. މިކަމުގައި ޓްރަމްޕް ހަގީގަތުގައިވެސް ”ޑީލް“ އެއް އެކުލަވާލުމުގެ ނިޔަތެއް އޮތްނަމަ ޚާމަނާއީ އަށް ހުތުރު ބަހުން އެއްޗެތި ކިއުން ޓްރަމްޕް ދޫކޮށްލަން ޖެހޭކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެފައި ވެއެވެ. އަދި ބިރު ދެއްކުމާއި ހުތުރު އިބާރާތް ބޭނުން ކުރުމަކީ އިރާނުގެ ހިއްވަރުގަދަ ރައްޔިތުން ފަސޭހައިން ބަލައިގަންނާނެ ކަންތައްތަކެއް ނޫން ކަމަށް ވެސް އޭނާ އެކްސްގައި ލިއުއްވާފައި ވެއެވެ.
ޚާރިޖީ ވަޒީރު އަރަޤްޗީ ކުރިންވަނީ އެމެރިކާގެ ހަމަލާތަކުގައި އިރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ސީރިއަސް ގެއްލުންތަކެއް ލިބިފައިވާކަމަށް ވިދާޅުވެފައެވެ.