ސައޫދީ އަރަބިއްޔާގެ ޖިއްދާއިން ފުރައިގެން ލަންޑަން އަށް ދަތުރުކުރި ސައޫދީ އެއާލައިން ”ސައުދިއްޔާ“ގެ މަތިންދާބޯޓެއްގައި ޑިއުޓީގައި ހުރި ކެބިން މެނޭޖަރު ކުއްލިގޮތަކަށް މަރުވެއްޖެއެވެ. ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ކެބިން މެނޭޖަރު މުހްސިން ބިން ސައީދު އަލްޒަހްރާނީ މަރުވެފައި ވަނީ ސިއްހީ ކުއްލި މައްސަލައެއް ކުރިމަތިވުމުން ކެބިން ކްރޫ އަދި ބޯޓުގައި އެ ވަގުތު ތިބި ޑޮކްޓަރުންނާއި ނަރުހުން ފަރުވާދީދީ އޮއްވާ ކަމަށް ވެއެވެ.
ހާދިސާ ކުރިމަތިވުމަށްފަހު ބޯޓުވަނީ އިމަޖެންސީކޮށް މިސްރުގެ ކައިރޯ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައެވެ.ނަމަވެސް ބޯޓު ޖެއްސި އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ވެއެވެ.
އަލްޒަހްރާނީ ގެ ކުއްލި މަރާއި ގުޅިގެން ސައުދިއްޔާ އިންވަނީ އެއީ ވަރަށްވެސް ހިތާމަވެރި ވަގުތުކޮޅެއް ކަމަށް ސިފަކޮށްފައެވެ.އަދި ގެއްލިގެން އެދިޔައީ ނެޝަނަލް ކެރިޔަރގައި މަސައްކަތް ކުރަމުން އަންނަ ޓީމްގެ މުހިންމު މެމްބަރެއް ކަމަށް ބުނެފައި ވެއެވެ.
އެކުގައި މަސައްކަތް ކުރާ ފަރާތްތަކުން ވެސް ބުނެފައިވާ ގޮތުގައި އަލްޒަހްރާނީ އަކީ މަސައްކަތަށް ވަރަށް ފަރުވާތެރި،ވަރަށް ޕްރޮފެޝަނަލް، އަދި ހުރިހާ އެންމެންގެ އިހްތިރާމާއި ލޯބި ލިބިގެންވާ، މަސައްކަތުގައި ހަރުދަނާ އުސޫލް ތަކެއް ހިފަހައްޓަމުން ގެންދިޔަ ފަރާތެކެވެ.
މިސްރުގައި ހުންނަ ސައޫދީ އެމްބަސީ އާއި ސައުދިއްޔާ ގުޅިގެން މިހާރު ގެންދަނީ އަލްޒަހްރާނީގެ ހަށިގަނޑު އަބުރާ ގައުމަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.
އެ އެއާލައިނުން ވަނީ މިހާދިސާއާއި ގުޅިގެން ފްލައިޓް ކްރޫ އިން ދިން އަވަސް ފަރުވާއަށާ އަދި ބޯޓުތެރެކޮންޓްރޯލް ކުރިގޮތުން،ފަސިންޖަރުންނާއި ކްރޫއަށް ތައުރީފް ކޮށްފައެވެ. އަދި މެދު ކެނޑުނު ނަމަވެސް މާބޮޑު މައްސައްސަލަ ތަކެއްނެތި ދަތުރު އަނެއްކާވެސް ކުރިޔަށް ގެންގޮސްފައިވާތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން އަލްޒަހްރާނީގެ އާއިލާ އަށާ އެކުގައި މަސައްކަތްކުރާ އެންމެނަށް ތައުޒިޔާ ރައްދު ކޮށްފައި ވެއެވެ.އމީގެ އިތުރުން އަލްޒަހްރާނީގެ އާއިލާއަށް ހުރިހާ ގޮތަކުން އެހީތެރި ވެދޭނެ ކަމަށް ސައުދިއްޔާ އެއާލައިނުން ބުނެފައިވެއެވެ.