މީގެ ފަސް އަހަރު ކުރިން ކަނޑުމަތީގެ އެކްސިޑެންޓެއްގައި ގެއްލުނު، ބ. އޭދަފުށީ މުޝްތަރީގޭ ނަޞްރުﷲ ޢަބްދުﷲގެ މައްޗަށް، ޖޫން 27ވާ ހުކުރު ދުވަހު ޣައިބަށް ކަށުނަމާދުކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ހުކުރު ނަމާދަށްފަހު ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ބ. އޭދަފުށީ މަސްޖިދު ސުލްޠާން މުޙައްމަދު މުޢީނުއްދީނުގައާއި، މަސްޖިދު ޔޫސުފުގައާއި އަދި މަސްޖިދު މުޙައްމަދު ޢަލީގައި ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.
ނަޞްރުﷲ ގެއްލިފައިވަނީ އޭނާގެ އަންހެނުންގެ ދެ ބޭބެއާއެކު ބ. ދަރަވަންދޫން މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް، އޭދަފުށިން ދަރަވަންދުއަށް ދަތުރުކުރަމުންދިޔަ ލޯންޗެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައެވެ.
ބ. ދޮންފަނު ކައިރީގައި ހިނގި މި ހާދިސާގައި އޭނާ ގެއްލުނީ ވިއްސައިގެން ގޮސް މޫދަށް ވެއްޓިގެން ކަމަށް މަޢުލޫމާތުލިބެއެވެ.
އޭނާ ހޯދުމަށް ކަނޑުމަގުންނާއި ވައިގެ މަގުންނާއި ރޮބޮޓް ބޭނުންކޮށްގެން ސިފައިން އޭރު ކުރި މަސައްކަތުން އޭނާ ފެނިފައެއް ނުވެއެވެ.
![]()
