އިޒްރޭލަށް ޖާސޫސް ކޮށްދިން އިރާނުގެ އިތުރު 3 މީހަކަށް މަރުގެ އަދަބުދީ 700އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

އިރާނާ އިޒްރޭލާ ދެމެދު ކުރިޔަށް ދިޔަ 12 ދުވަހުގެ ހަނގުރާމަ އާއި ގުޅިގެން،އިޒްރޭލަށް ޖާސޫސް ކޮށްދިންކަމުގެ ކުށް އިރާންގެ ބައެއްގެ މައްޗަށް ސާބިތުވެ، 6 މީހަކަށް މަރުގެ އަދަބު ދީ، އަދި ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ.މަރުގެ އަދަބުދިން 6 މީހުންގެ ތެރެއިން ތިން މީހުންނަށް ފުރަތަމަ އަދަބު ދީފައިވަނީ ހަމަލާތައް ކުރިޔަށް ދަނިކޮށެވެ. އަނެއް ތިން މީހުންނަށް އަދަބު ދީފައިވަނީ ހަމަލާތައް ނިމުމަކަށް އައި ފަހުން ބުދަދުވަހު އެވެ. މަރުގެ އަދަބު ދީފައިވާ މީހުންގެތެރޭގައި، އެ ޤައުމުގެ އިސް އޮފިޝަލަކު ޝަހީދު ކޮށްލުމަށް ބޭނުން ކޮށްފައިވާ ހަތިޔާރާއި އެހެނިހެން ސާމާނު އެތެރެ ކުރުމުގައި ޔަހޫދީންނާ ބައިވެރިވެ، މޮސާދަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ތިން މީހުން ހިމެނެއެވެ.


އިރާނުގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި އިޒްރޭލުގެ އެޖެންޓުންނަށް،އިރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ އެތެރޭގެ މައުލޫމާތު ފުރިހަމަޔަށް ލިބިގެން މެނުވީ މިފަދަ ސީދާ ހަމަލާތަކެއްދީ އިސް ބައެއް ކޮމާންޑަރުންނާއި އިސް ނިއުކްލިއަރ ސައިންޓިސްޓުން މަރާލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.އެހެން ކަމުން އެހާ އަމާޒަށް ހަމަލާ ދިނުމަށް އެހީތެރިވެދިންކަމަށް ތުހުމަތު ކުރެވުނު އިރާނުގެ އެކިފަރާތްތަކާ ދެކޮޅަށް ވަނީ ޝަރީއަތް ކޮށް ކުށް ސާބިތުވެފައެވެ.
މަރުގެ އަދަބު ދެވުނު 6 މީހުންގެ އިތުރުން އެގައުމުގެ އެކި ހިސާބަށް ނިސްބަތްވާ އެތައްސަތޭކަ މީހުން ވަނީ އިޒްރޭލުގެ އިންޓެލިޖަންސްއަށް ސިއްރު އެކި މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި ހައްޔަރުވެސް ކޮށްފައެވެ.އަދި ހައްޔަރު ކުރެވުނު ގިނަ ބައެއްގެ އިއުތިރާފް ބަޔާންތައް ދައުލަތުގެ ޓީވީން ދަނީ ދުރަށްދައްކަމުންނެވެ.
އިރާނުގެ މިނިސްޓްރީ އޮފް އިންޓެލިޖަންސުން ބުނެފައިވާ ގޮތުގައި ހަމަލާތައް ހުއްޓާލުމަށްފަހުވެސް،ސީއައިއޭ،މޮސާދު،އަދި އެމް-ސިކްޓީން ފަދަ ހުޅަގުގެ އަދި އިޒްރޭލުގެ އިންޓެލިޖަންސް ނެޓްވާކްތަކާ ދެކޮޅަށް އަދިވެސް އިރާނުން ގެންދަނީ ”ހަނގުރާމައެއް“ ކުރަމުންނެވެ.
އިރާނުގެ ”ފާސް“ ނޫސް އެޖެންސީން ބުނެފައިވާ ގޮތުގައި 13 ޖޫންގައި ހަމަލާތައް ފެށިފަހުން އިޒްރޭލުގެ ޖާސޫސީ ނެޓްވަރކް އައީ އިރާނުގެ އެތެރޭގައި ވަރަށް ފުޅާދާއިރާއެއްގައި ހަރަކާތްތެރިވަމުންނެވެ.އަދި 12 ދުވަހުގެ ހަމަލާތައް ކުރިޔަށް ދިޔައިރު،އިޒްރޭލުގެ ޖާސޫސުންނަށް އެއްބާރުލުން ދިންކަމަށް ތުހުމަތު ކުރެވުނު އިރާނުގެ 700އަށް ވުރެގިނަ މީހުން ވަނީ ހައްޔަރު ކޮށްފައެވެ.އަދި ގައުމުން ބޭރުގައި ޕާޝިއަން ބަހުން ޚަބަރުތައް ގެނެސްދޭ މީޑިއާ އައުޓްލެޓް ތަކުގައި މަސައްކަތްކުރާ ނޫސްވެރިންނަށްވެސް އިރާނު ސަރުކާރުން އަންނަނީ ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.
އީރާނާއި އިޒްރޭލަކީ ޒަމާންވީ ދެ ދުޝްމަނުންނެވެ. އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ނައްތާލުމަށް ކަމަށް ބުނެ ޖޫން 13ވަނަ ދުވަހު އިޒްރޭލުން ވަނީ އީރާނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށާފައެވެ. މިހަމަލާތަކުގައި އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންޓިސްޓުން ތިބި ތަންތަނުގެ އިތުރުން ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް އިޒްރޭލުން ހަމަލާ ދީފައިވެއެވެ. ރައްދުގައި އީރާނުން ވެސް ވަނީ ވަރުގަދަ ޙަމަލާތަކެއްދީ، ގިނަ އަދަދެއްގެ ޔަހޫދީން މަރައިލައި، ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

12ދުވަހަށް ދެމިގެން ދިޔަ ޙަމަލާ ބަދަލު ކުރުންތައް މެދުކަނޑާލާފައި ވަނީ ޖޫން 24ވަނަ ދުވަހުއެވެ. ޔަހޫދީންގެ ޙަމަލާތަކުގައި އިރާނުން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,054އަށް އަރާއިރު، ޒަޚަމްވި މީހުންގެ އަދަދު 4,476އަށް އަރައެވެ.
އިޒްރޭލުން ހަމަލާތައް ދީފައި ވަނީ އެ މީހުންގެ އެންމެ އިސްބައިވެރިޔާ އެމެރިކާގެ މަދަދާ އެއްބާރުލުމާއި އެކުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް