އީރާން އާއި އިސްރާއީލުގެ ހަނގުރާމައިގެ ފަސްމަންޒަރުތަކަށް ބަލާލާއިރު ކުރިން އެނގިފައި ނުވާ ގިނަ ހަގީގަތްތަކެއް ފެންމަތިވަމުން އެބަ ދެއެވެ. އެންމެ ފުރަތަމަ ފާހަގަކުރެވުނު ކަމަކީ އެމެރިކާގެ ރިޕޯރޓަރުން އިސްރާއީލުން މީޑިއާތަކަށް ކޮށްފައިވާ ރިޕޯރޓްތަކެވެ. އެ ރިޕޯރޓްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި އިސްރާއީލުން ސިއްރު ކޮށްގެން ތިބި ގެއްލުންތައް އެއީ މީގެ ކުރިން އެއްވެސް ތަނަކުން ފެނިފައިނުވާފަދަ ވީރާނާ ކުރުންތަކެކެވެ. ބައެއް ރިޕޯރޓަރުން ބުނެފައިވަނީ ސައިންސްގެ ފިކްޝަން ދައްކުވައިދޭ ފިލްމުތަކުން ވެސް އެފަދަ މަންޒަރުތަކެއް ދެކިފައި ނުވާކަމަށެވެ.
އިސްރާއީލް ވީރާނާ ކޮށްލާފައިވާ މިންވަރު ރައީސް ޓްރަމްޕަށް ވެސް ރަނގަޅަށް އެނގިވަޑައިގަތީ އެންމެ ފަހު ދުވަހުއެވެ. ހަނގުރާމަ ހުއްޓާލަން ރައީސް ޓްރަމްޕް އިއުލާން ކުރެއްވިފަހުންވެސް އިސްރާއީލުގެ ފައިޓަރ ޖެޓްތައް އީރާނަށް ހަމަލާދޭން ހިގައްޖެ ކަން އެނގި ވަޑައިގަތުމުން ނަތަންޔާހޫއަށް ފޯނު ކުރައްވާފައި ހަމަމިހާރު އެ ފައިޓަރ ޖެޓްތައް ގެނައުމަށާއި އީރާނުން ދީފައިވާ ގެއްލުން އަދި އެއްފަހަރު ބަލާލަން އެންގެވި ކަމަށް ވެއެވެ. މުޅި އިސްރާއީލު އެއްކޮށް ނެތިކޮށްލާފާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށާއި އީރާނުގެ ހަމަލާތަކުގެ ގަދަފދަ ކަން މީގެކުރިން އެނގި ވާޑައިގެންފައި ނެތްކަން ހާމަކުރެއްވިއެވެ.
އީރާނުގެ ނިއުކްލިއަރ މަޝްރޫއާބެހޭގޮތުން ވާހަކަދައްކަމުން އިސްރާއީލުގެ މިލިޓްރީގައި 30 އަހަރުވަންދެން ނިއުކްލިއަރ ތަޖްރިބާކާރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ސިމާ ޝައިން ބުނެފައިވަނީ އީރާނުގައި ނިއުކްލިއަރ ބޮން ހެދުމަށް ތައްޔާރުކޮށްފައިހުރި އެތައްސަތޭކަ ސެންޓްރިފިއުޖް ހުރިކަމާއި އެތަކެތި މިހާރު ފޮރުވާފައިވާކަމަށެވެ. ދަ ޓެލިގްރާފަށް އޭނާ މައުލޫމާތު ދީފައިވާ ގޮތުގައި އީރާނުން އެތަކެތ ފޮރުވާފައިވަނީ މުޅި އީރާނުގެ ތެރެއަށް ބަހާލައިގެން އެތަން މިތަނު ގައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް އެތަކެތި ބޭނުން ކުރާނެއެވެ. އެމެރިކާއިން ބޮން އެޅުމުގެ ސަބަބުން އީރާނުގެ މަޝްރޫއު ކުޑަތަންކޮޅެއް ފަސްވެދާނެއެވެ.
އެމެރިކާގެ އޮފިޝަލުން ނިއުޔޯރކް ޓައިމްސް އަށް މައުލޫމާތު ދީފައިވާ ގޮތުގައި އެމެރިކާއިން ބޮން އެޅުމުގެ ސަބަބުން އީރާނުގެ ނިއުކްލިއަރ 2 ސައިޓަކަށް ވަނީ ގެއްލުން ލިބިފައެވެ. އެހެންނަމަވެސް އެއިން ސައިޓެއްގެ އެތެރެއަށް ގެއްލުން ލިބުނުކަން އެނގޭކަށް ނެތެވެ. އީރާނުން ތައްޔާރު ކޮށްފައިވާ ނިއުކްލިއަރ މެޓީރިއަލްތައް އަދިވެސް ހުރީ އީރާނުގެ ބާރުގެ ދަށުގައެވެ. އީރާނުގެ ނިއުކްލިއަރ ސައިޓްތައް ހަލާކު ކޮށްލެވިއްޖެކަމަށް ރައީސް ޓްރަމްޕް އެ ވިދާޅުވަނީ ވާ ބޮޑުކޮށްގެންނެވެ. އެމެރިކާއިން ދިން ހަމަލާގެ މާކުރިން އީރާނުގެ ފޯރޑޯ ސަރަހައްދުގައި ބިޔަ ލޮރީތަކެއް ހަރަކާތްތެރި ވަމުން ދިޔަ މަންޒަރު ސެޓެލައިޓް ފޮޓޯތަކުން ވަނީ ފެނިފައެވެ.
އެމެރިކާގެ އިންޓެލިޖެންސުން ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް އެމެރިކާގެ އޮފިޝަލުން ސީ އެން އެން ދީފައިވާ މައުލޫމާތު ތަކުގެ ތެދު ދޮގު އަންދާޒާ ކުރުމަށްޓަކައި މާޒީގެ ތާރީޚަށް ބަލާލަން ޖެހެއެވެ.
2000 ވަނައަހަރުގެ ފަހުކޮޅުގައިވެސް އީރާނުގެ ބަންކަރަށް އެމެރިކާގެ ބަންކަރ ބަސްޓަރުން ވަނީ ހަމަލާ ދީފައެވެ. އެ ފަހަރުވެސް އެ ބަންކަރ ފޫއަޅުވާލެވުނު ކަމަކަށް ނުވިއެވެ. އޭގެ ސަބަބު ދެނެގަންނަން އިތުރަށް ކިޔަވާކަށް ނުޖެހެއެވެ. އީރާނަކީ އަލްޓްރާ ހައި ޕާރފޯރމޭންސް ކޮންކްރީޓްގެ ދާއިރާގައި ވަރަށް ކުރިއަރާފައިވާ ގައުމެކެވެ.
ނެދަރލޭންޑްގައި މި މަހު 24 ވަނަ ދުވަހު ބޭއްވުނު ނޭޓޯ ވެރިންގެ ސަމިޓްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ވިދާޅުވެފައިވަނީ އީރާނުގެ ނިއުކްލިއަރ މަޝްރޫއު އެއްކޮށް ނިންމާ ނުލެވޭ ކަމަށާއި އީރާނުން ޔުރޭނިއަމް މުއްސަނދި ކުރަން ފަށައިފިނަމަ އަނެއްވެސް ހަމަލާ ދޭނެ ކަމަށެވެ. ޚާރިޖީ އަދި މިލިޓްރީ ސިޔާސަތުތައް ބިނާކުރުމުގައި އެމެރިކާއިން ގެންގުޅުނު އިންޓެލިޖެންސް މިންގަނޑުތައް އެއްފަރާތް ކުރުމަށްފަހު ހަމައެކަނި އަރިހުގައި ގެންގުޅުއްވާ ހައެއްކަ ބޭފުޅުންގެ ރައުޔުގެ މައްޗަށް އެ ކަންތައްތައް ތަންފީޒު ކުރައްވަމުން ގެންދަވާ ކަހަލަ ވިސްނުންފުޅެއް ރައީސް ޓްރަމްޕް ގެންގުޅުއްވާކަން ދޭހަވާގޮތަކަށް ބައެއް މީޑިއާ ޚަބަރުތައް އިބާރާތް ކުރަމުންދާތަން މިހާރު ފެނެއެވެ.