ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން ހިންގާ ”އޮޕަރޭޝަން ހަމަމަގު“ އައްޑޫ ސިޓީގައި ފަށައިފިއެވެ.
މި އޮޕަރޭޝަނުގައި އިމިގްރޭޝަނުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުން، ކޮންމެ މުއައްސަސާއަކުން 25 އޮފިސަރުން ބައިވެރިވެއެވެ. 13 ޓީމަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި އައްޑޫ ސިޓީގެ ހުރިހާ އަވަށެއް ބަލައިފާސްކުރާނެއެވެ.
މި އޮޕަރޭޝަނުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙުމަދު ފަޞީޙާއި އެ އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމުގެ އިތުރުން މިފަދަ އޮޕަރޭޝަންތަކުގެ މަގުސަދުތަކުގެ ތެރޭގައި، އާންމު ޞިއްޙަތަށް ނުރައްކާވާފަދަ ކަންކަން ކުރުމުގައި ބިދޭސީން ހަރަކާތްތެރިވޭތޯ ބަލައި، އެފަދަ ކަންކަން ހުއްޓުވުމާއި އެފަދަ މީހުންނަށް ފިޔަވަޅުއެޅުން ހިމެނޭކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މީގެ އިތުރުން، އިމިގްރޭޝަނުން ދަނީ ހުއްދަނެތި ވިޔަފާރިތައް ހިންގުމުގައި އުޅޭ ބިދޭސީން ދެނެގަތުމަށްވެސް ޚާއްޞަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.