ލޭންޑިންގ ކްރާފްޓް ބަންޑުންޖަހައިލި ހާދިސާގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރު 2 ޢަލީ ޙާމިދު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ވޮރަންޓް އޮފިސަރު 2 ޢަލީ ޙާމިދު އަވަހާރަވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަތް ވަރަށް ފުން ހިތާމައެއް ކަމަށެވެ.
ޙާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ޚިދުމަތްކުރައްވާފައި ކަމަށާއި، އޭނާ އަވަހާރަވީ ޤައުމީ ޚިދުމަތުގައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމާއެކު، މި ހިތާމައިގައި ބައިވެރިވެވަޑައިގެން، މަރުޙޫމުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލެއްވުމަށާއި ޢާއިލާއަށް ކެތްތެރިކަން އިތުރުކޮށްދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.