ބާންބޫން (ދެވަަނަ ބައި)

Loading

June 25, 2025
profile
Facebook
Twitter
WhatsApp

”ދަރިފުޅާ!ސަމީރުގެ…..މޫނު…..އަޅަން.“ ބަފައިބެއަށް މިހެން ބުނެވުނީ ވަރަށް އުނދަގުލުންނެވެ.

ޝަމްހާއަށް ރޮއިގަނެވުނީ އެވަގުތުއެވެ. ސަމީރުގެ މޫނުގައި ބޮސްދޭން ގުދުވިގޮތަށް ބާރަށް އެ މޫނުގައި ހިފައި ބައްދައިގަނެވުނެވެ.

”އެކަކުވެސް ގާތްވެގެން ނުވާނެ! މީ އަހަރެންގެ މީހެއް! ދާންއުޅޭ އެންމެން.“ ހިނދުކޮޅަކަށް ނަމަވެސް ޝަމްހާގެ ބުއްދި ފިލައިދިޔައެވެ.

ޝަމްހާ މަސަލަސްކުރެވޭތޯ ރަޝީދާއި ޝަމްހާގެ ބޭބެ ޝަމްޢޫން މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް ޝަމްހާއަށް ލިބިފައިހުރީ އާދައިގެ ބާރެއްނޫނެވެ. ސަމީރުގެ މޫނުން ޝަމްހާގެ އަތް ދޫވީ ޚަބަރުހުސްވެގެން އޭނާ ވެއްޓެން ދިއުމުންނެވެ.

ހޮސްޕިޓަލަށް ގެނެވުނުއިރު މާ ބޮޑަށް ލަސްވެއްޖެއެވެ. ޝަމްހާ މި ދުނިޔެއަށް އިތުރަށް ލާނެ ނޭވާއެއް ނެތެވެ. އެ ހިތުގައި އިތުރަށް ޖަހާނެ ވިންދެއް ނެތެވެ. އެ މޫނުމަތިން ބުނާކަހަލައެވެ. ”ސަމީރަކީ އަހަރެންގެ މީހެކެވެ. މި ދުނިޔޭގެ އެކަކަށްވެސް އަހަރެން ސަމީރާ ވަތްކެއް ނުކުރެވޭނެއެވެ.“

އެ ދެމަފިރިންގެ ހުރި ހަމައެކަނި ނިޝާން ހިނދުކޮޅެއްގެ ތެރޭގައި ޔަތީމުވީއެވެ. މައިންބަފައިން މުސްކުޅިވީ ދުވަހު ދޮށީ ދަރިފުޅު، ސަމީރު މި ދުނިޔޭން ވަކިވީއެވެ. ހުރި ހަމައެކަނި ކޮއްކޮ ސަލީމު އެކަނިކޮށްފައި ދިޔައީއެވެ. ދަރިއަކަށްވުރެ ހެޔޮ ޅީދަރިފުޅު އެ މީހުންނާ އަބަދަށް ވަކިވީއެވެ.

ޝަމްހާގެ ޖަނާޒާއަށްފަހު ގެއަށް އާދެވުނުއިރު ދަންވެއްޖެއެވެ. އެންމެން ހީނ ސަމާސާކުރަން ތިބޭ ފެންޑާ ވަނީ ފަޅުވެފައެވެ. ސޯފާތަކުގައި އިށީނދެ ތިބީ އެމީހަކު އެމީހެއްގެ އަމިއްލަ ދުނިޔެއަކަށް ގެއްލިފައެވެ. އިސްއުފުލައި އަނގައިންބުނާނެ މީހަކު ނެތެވެ. ބަސް ހުސްވެފައެވެ.

އުފާވެރި އަޑުތަކުން ގުގުމައިލި އެ މާހައުލުން މިހާރު ހަމައެކަނި އިވޭހާވެސް އަޑަކީ ދޭތެރެއަކުން އިވިލާ ވޭނީ ރުއިމެއްގެ އަޑެވެ. ނޭފަތް ދަމައިލާ އަޑެވެ. މަންމައާއި ބައްޕަ ނެތުމުން އިރުއިރުކޮޅުން ޝާންގެ ބަޑިފަޅައިގެންދާ އަޑެވެ. އެ ތުއްތު ސިކުނޑިއަށް ވިސްނައިދީ ހިތްވަރުދޭން ތިބި މީހުންގެ ހާލުވެސް އެންމެ ތަންފުކެއްވެސް ރަނގަޅެއްނޫނެވެ. ނަމަވެސް….

ކަށީގައި ނެތް ހިތްވަރު ނެރެގެން އެމީހުން ޖެހޭނީ އެ ތުއްތު ކުއްޖާއަށް އަޅައިލުންދީ ލޯބިން ބޮޑުކުރާށެވެ.

ޝަމްޢޫންނަށް އިނދެވުނީ ގަބުވެފައެވެ. އޭނާ އެ އައީ ހުރި ހަމައެކަނި ކޮއްކޮ އެ ދެ އަތުން ވަޅުލާފައެވެ. އެއްބަނޑުއެއްބަފާ ހުރި ހަމައެކަނި ފުރާނައެވެ. މައިންބަފައިން ނެތް ދުނިޔޭގައި އެއީ އޭނާގެ ދިރުމެވެ. ބުރަކަށީގައި އުފުލަމުންދާ ބަރެއް ފަދައިން އޭނާ އެ ހަނދާންތައް އުފުލާނެއެވެ. ޝަމްހާގެ ހަމައެކަނި ނިޝާން ކަމުގައިވާ ޝާންގެ ހައްގުގައެވެ. އެންމެ ފަހު ނޭވާޔާ ހަމައަށެވެ.

(ނިމުނީ)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް