2017ވަނަ އަހަރުގެ ތެރޭގައި ލިޓަސް ސަރވިސް ސެންޓަރުތެރޭގައި ގުރޫޕަކުން ހަމަލަދިން މުޙައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ މީހުން ބަންދުނުކުރުމަށް ހައިކޯޓުން ދެވަނަ ފަހަރަށް ނިންމި ނިންމުން ބާތިލުކޮށް، އެ މީހުން ބަންދުކުރަން ސުޕްރީމްކޯޓުން އަމުރުކޮށްފިއެވެ.
ރ. މީދޫ، ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވަނީ ޅ. ކުރެންދޫ އަސުރުމާގޭ އަޙުމަދު ޒަޔާނާއި، މ. ލޮނުމިދިލިގޭ އަފްރާޙު ޢަބްދުރައްޒާޤާއި، އަދި މ. ދިމިޝްޤު، ޢުޘްމާން ޝަރީފުގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.
މީގެ އިތުރުން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދަޢުވާ ވަނީ ހަތަރު މީހެއްގެ މައްޗަށް އުފުލާފައެވެ. އެއީ؛ ލ. ގަން، ތުނޑި، ނަންނާރިގޭ ޖުނައިހު ޢަބްދުﷲއާއި، ދަފްތަރު ނަމްބަރު 1746، ސިމާޙް މޫސާއާއި، ސ. ފޭދޫ، ވެސްޓަންވިލާ، ޙަސަން މަޙްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ މުޙައްމަދު ޝާޒުގެ މައްޗަށެވެ.
2024ވަނަ އަހަރުގެ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ނިންމީ އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ އެންމެންވެސް ޝަރީޢަތް ނިމެންދެން ބަންދުކުރަން އެދުނެވެ. ނަމަވެސް ހައިކޯޓުން އޭރު ނިންމާފައިވަނީ ޝަރީޢަތް ނިމެންދެން އެ މީހުން ބަންދުކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެހެންވެ، ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމްކޯޓަށް ހުށަހަޅާފައެވެ.
ސުޕްރީމްކޯޓުން ފުރަތަމަ ނިންމީ އެ މީހުން ބަންދު ނުކުރަން ހައިކޯޓުން ނިންމާފައިވަނީ ގާނޫނުން ބޭރު ސަބަބުތަކެއް ދެއްކުމަށްފަހު ކަމަށެވެ. އެހެންކަމުން، އެ މައްސަލާގައި ހައިކޯޓުން އަލުން ގޮތެއް ކަނޑައަޅަން ސުޕްރީމް ކޯޓުން އޭރު ވަނީ އަންގާފައެވެ.
ނަމަވެސް ހައިކޯޓުން އަނެއްކާވެސް ނިންމީ އެ މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރާނެ ތަނެއް ނެތްކަމަށެވެ. ހައި ކޯޓުން ނިންމީ އެ މީހުން އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެއްކެއް ހުރިކަމުގެ ތަފްސީލެއް ދައުލަތުން ހުށަހަޅާފައި ނުވާކަމަށެވެ.
އެހެންކަމާއެކު، ދައުލަތުން އަނެއްކާވެސް ވަނީ ހައިކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު ޢަލީ ރަޝީދުގެ ރައުޔުގައި ވިދާޅުވެފައިވަނީ، ދަޢުވާލިބޭ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ބައެއް ކަމަށާއި އެމީހުންގެ މައްޗަށް ކުރެވެނީ މުޖުތަމަޢެއްގައި ހިނގާނެ އެންމެ ބޮޑު ކުށުގެ ތުހުމަތު ކަމަށެވެ. އަދި އެ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ހުށަހެޅި ހެކިތަކަކުން ތުހުމަތުތަކަށް ބާރު ލިބޭކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ޢަލީ ރަޝީދުގެ މި ރައުޔަށް، ފަނޑިޔާރު ޑރ. އިބްރާހީމް މުޙައްމަދު ތާއީދުކުރެއްވިއެވެ. އެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ ހައިކޯޓުގެ ނިންމުން ބާތިލުކޮށް، ދަޢުވާލިބޭ މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ހައިކޯޓުން އިތުރަށް ގޮތެއް ކަނޑައަޅަންދެން ރިމާންޑް ޖަލެއްގައި އެ މީހުން ބަންދު ކުރުމަށެވެ.