ޕައިލެޓުންނަށް މި ވަގުތު ވަޒީފާގެ ފުރުސަތު ނެތުމާއި އަދި އިތުރަށް ފުރުސަތުތައް ހުޅުވެމުންނުދާތީ، މި ދާއިރާއިން ކިޔެވުމަށް ލޯނުގެ ފުރުސަތު ހުޅުވާނުލާނެކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޕައިލެޓުކަން ކިޔަވައިގެން ވަޒީފާ ނުލިބޭ މައްސަލަ ހައްލުކުރަން ސަރުކާރުން ކުރަނީ ކޮން ކަމެއްތޯއާއި ޕައިލެޓުކަން ކިޔަވަން ލޯނަށް ހުޅުވާލާނެތޯ، ދިވެހިރާއްޖޭގެ އަޑުގެ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ކެޑޭޓް ޕައިލެޓުން ލައިގެން ރާއްޖޭގައި އެއްވެސް އެއަރލައިނެއް އޮޕަރޭޓު ނުކުރޭވެނެ ކަމަށާއި، އަދި އެހެން ގައުމުތަކުގައިވެސް މަސައްކަތްކުރުމުގެ ފުރުސަތު ލިބެނީ ތަޖުރިބާހުރި ޕައިލެޓުންނަށް ކަމަށެވެ.
ޕައިލެޓުންނަށް ވަޒީފާ ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި މިހާރު އޮންނަ މިންގަނޑަށްވުރެ އިތުރަށް ވަޒީފާ ދޭން އެއަރލައިން އޮޕަރޭޓަރުންނަށް އަންގާފައި ވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެެވެ.
މިނިސްޓަރ ވިދާޅުވީ، މިހާރުވެސް ގައުމަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ޕައިލެޓުކަން ކިޔަވަން ފުރުސަތު އޮތީ ދީފައި ކަމަށާއި، އެހެންކަމުން މި ދާއިރާއިން ކިޔެވުމަށް ލޯނު ނުދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މި ދާއިރާއިން ކިޔެވުމަށް ލޯނު ހަމަޖެހި، ނަމަވެސް ކިޔަވަން ނުގޮސް ތިބި ދަރިވަރުންނާއި ބެލެނިވެރިންނާ ވާހަކަދައްކައިގެން ކޯސް ބަދަލުކުރުމުގު ފުރުސަތު ހުޅުވައިލުމުން ބައެއް ކުދިން ކޯސް ބަދަލުކޮށްފައިވެސް ވާކަމަށެވެ.
ކަން މިހެން އޮތުމާއެކު، ދެން ލޯނު ދޫކުރާނީ ގައުމަށް ބޭނުންވާ އެހެން ދާއިރާތަކުން ކިޔެވުމަށް ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.