ޗައިނާއާއި ރަޝިޔާގެ ރައީސުންގެ ނުސީދާ މެސެޖެއް ރައީސް ޓްރަމްޕަށް

Loading

Facebook
Twitter
WhatsApp

އެމެރިކާއިން އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހނގުރާމަ ހޫނުކުރަން މަސައްކަތްކުރަމުން ގެންދާއިރު ޗައިނާއާއި ރަޝިޔާއިން އެއް އަޑަކުން ހަނގުރާމަ ހުއްޓާލަން ގޮވާލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ބުރާސްފަތު ދުވަހު ދެ ބޭފުޅުން ފޯނުން ދެއްކެވި ވާހަކައިގައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވިސްނުންފުޅު ހުރީ އީރާނާ ދެކޮޅަށް އިސްރާއީލުންކުރާ ހަނގުރާމައިގާ އިސްރާއީލާ އެކު ބައިވެރި ވުމަށެވެ. ޗައިނާއާއި ރަޝިޔާގެ ރައީސުންގެ ވާހަކަފުޅުން އެމެރިކާގެ ބާރު ނޫން  އެހެން ބާރުތައްވެސް ހުރިކަން ހާމަކޮށްދީފިއެވެ. ދެ ރައީސުންގެ ވާހަކަފުޅުގައި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަކީ ޔޫ އެން ގެ ޗާރޓަރާ އަދި ބައިނަލް އަގްވާމީ ގާނޫނުތަކާއި ޚިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށް ވިދާޅުވެ ވަރަށްބޮޑަށް އެ ހަމަލާތައް ކުށްވެރި ކުރެއްވިއެވެ. ހުޅަނގުގެ އެހެން މީޑިއާތަކެކޭ އެއްފަދައިން ސީ އެން އެން އިން ވެސް އިސްރާއީލުން އީރާނަށް ދިން ހަމަލާއަކީ ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމާ އެއްފަދަ ކަމަކަށް ހަދަން އުޅޭކަހަލައެވެ. އަދި އެކަމަށް އިޝާރާތްކޮށް ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުން ބެއިޖިންގ އިން މިހާތަނަށްވެސް ކުށްވެރި ނުކުރާކަން ފާހަގަ ކޮށްފައި ވެއެވެ.

ދެ ރައީސުންގެ ވާހަކަފުޅާ ގުޅިގެން ނެރެފައިވާ ބަޔާނުގައި އިސްރާއީޅުގެ ހަމަލާ ކުށްވެރިކުރުން ފިޔަވައި އެ ވާހަކަފުޅުގެ މާގިނަ ތަފްސީލުތަކެއް ޗައިނާގެ ރައީސް ދެއްވާފައެއް ނުވެއެވެ. އެހެންނަމަވެސް ހަނގުރާމަ ފުޅާވެ މެދުއިރުމަތީގެ އެހެން ގައުމުތަކަށް ފެތުރިގެން ދިއުމުގެ ކުރިން އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށާއި އަދި ދުނިޔޭގެ ހަމައެކަނި ސުޕަރޕަވަރުން ބޭނުންނަމަ އިސްރާއީލަށް ނުފޫޒުފޯރުވޭނެކަން ފާހަގަ ކުރައްވައި އެ ނުފޫޒުގެ ބޭނުންކުރަންވެސް ގޮވާލައްވަފައި ވެއެވެ.

ބެއިޖިނުން ދެކޭގޮތުގައި މެދުއިރުމަތީގެ ހަމަޖެހުން ނަގާލަމުން ގެންދަނީ އެމެރިކާއިންނެވެ. ޝެންގހާއި އިންޓަރނޭޝަނަލް ސްޓަޑީސް ޔުނިވަރސިޓީގެ ލިއު ޒޯންގްމިން ދެކޭގޮތުގައި މިފަހަރު މެދުއިރުމަތީގައި އުފެދިގެން މިއުލޭ ދެކޮޅުވެރިކަން މެދުވެރި ވުމާއި އަދި ދުވަހެއް ދުވަހަކަށް ހޫނުވަމުން ދިއުމުގެ އަސްލަކީ ރައީސް ޓްރަމްޕް އެވެ. އެމެރިކާގެ މެދުއިރުމަތީގެ ސިޔާސަތުވެސް ރައީސް ޓްރަމްޕް އޮޅުވާލައިފިއެވެ. އަދި  މެދުއިރުމަތީގައިތިބި އެމެރިކާގެ ބައިވެރިންގެ މެދުގައިވެސް އެމެރިކާގެ ލީޑަރޝިޕްއަށް އިތުބާރު ނެތިއްޖެއެވެ. ޗައިނާގެ ބައެއް މުހައްލިލުންގެ ނަޒަރުގައި އެމެރިކާއިންދަނީ އިސްރާއީލއާއި އީރާނުގެ ހަނގުރާމައިގެތެރެއަށް ގެނބެމުންނެވެ.

އެމެރިކާގެ ލީޑަރޝިޕްއާދޭތެރޭ ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ މި ދަނޑިވަޅަކީ ޖުމުލަގޮތެއްގައި އޭޝިއާގައި ޗައިނާއިން ކާމިޔާބު ދައުރެއް އަދާކުރަން ހުޅުވޭ ރަނގަޅު ފުރުސަތެކެވެ.

އިސްރާއީލާއި އީރާނުން ބަދަލުކުރަމުން ގެންދާ ހަމަލާތަކަށް އެހެން ބައެއް މީޑިއާތަކުން ހާމަކުރަމުން ގެންދާ ޚަބަރުތަކަށް ބަލާއިރު ޚާއްސަގޮތެއްގައި އިސްރާއީލަށް ލިބެމުންދާ ގެއްލުންތައް ބޮޑުކަން ފާހަގަކޮށްފައި ވެއެވެ. އިސްރާއީލުގެ އެންމެ މުހިންމު ރިސާރޗް ސެންޓަރ ވެއިޒްމަން އިންސްޓިޓިއުޓް އޮފް ސައިންސްގެ ބިޔަ އިމާރާތް އެވަނީ އީރާނުގެ މިސައިލް ހަމަލާގައި އެއްކޮށް ވީރާނާ ކޮށްލާފައެވެ. އިސްރާއީލުން ދެކޭގޮތުގައި އެ އިމާރާތަކީ އިސްރާއީލުން ސައިންސާއި ތަރައްގީގެ މަގުގައި ހޯދަމުން ގެންދާ ކާމިޔާބީ ތަކުގެ އެންމެ އުސް މުންނާރެވެ.  

ހުޅަނގުގެ ބައެއް މީޑިއާތަކުން މި ހިނދުގައިވެސް ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްފައިވާ އެއްކަމަކީ އީރާނުގައި އަންހެނުން އެއްފަރާތް ކޮށްފައިވާކަން ދުނިއަށް ދައްކަން އުޅުމެވެ. އެހެންނަމަވެސް ހަނގުރާމައިގެ ޚަބަރުތަކާގުޅިގެން ފެންނަ މަންޒަރުތަކުގައި އީރާނުގެ މިލިޓްރީގައިވެސް އަންހެނުން ކުރިއަރާފައިވާ މިންވަރު ހާމަވެގެން ދެއެވެ. މިލިޓްރީގައި މަސައްކަތް ކުރުން މަޖުބޫރު ކޮށްފައި ނެތަސް އެ ފުރުސަތު އޮތީ ހުޅުވާލާފައެވެ. އަދި މިހާރުވެސް އޮފިސަރުންނާއި ސަޕޯރޓް ސްޓާފުންގެ ގޮތުގައި ގިނަ އަދަދެއްގެ އަންހެނުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ވާހަކަދައްކަމުން މެދުއިރުމަތީގައި ހުރި އެމެރިކާގެ މިލިޓްރީ އެއްވެސް ބޭސް އަކަށް އީރާނުގެ ހަމަލާތައް ދިފާއު ކުރުމުގެ ގާބިލުކަން ލިބިފައި ނުވާނެކަމަށް އެމެރިކާގެ މިލިޓްރީގެ ކުރީގެ ޖެނެރަލް އަކު ވަނީ ހާމަކޮށްފައެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް