ކިޑްނީ ބައްޔާމެދު ސަމާލުވުމަށް ޑޮކްޓަރުންގެ އިލްތިމާސެއް

Loading

June 21, 2025
profile
Facebook
Twitter
WhatsApp

ކިޑްނީ ބަލީގެ އެއްވެސް އަލާމަތްތައް ފެނިއްޖެނަމަ، ވީހާވެސް އަވަހަކަށް ޓެސްޓްކުރުމަށް، މި ބައްޔާބެހޭ ޑޮކްޓަރުން އިލްތިމާސްކުރައްވައިފިއެވެ.

ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން، އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓަންޓް އިން ނެފްރޮލޮޖީ ޑރ. އިބްރާހީމް ޝިހާމާއި، އެ ހޮސްޕިޓަލުގެ ނެފްރޮލޮޖީ ޑިޕާޓްމަންޓުގެ މެޑިކަލް އޮފިސަރު ޑރ. އާމިނަތު މިޒްނާ ވަނީ މިކަމާ ގުޅޭގޮތުން ގިނަ މަޢުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ.

މިގޮތުން، އައިޖީއެމްއެޗްގައި 130 މީހުން، އަދި ހުޅުމާލޭ ހޮސްޕިޓަލުގައި 55 މީހުން ޑަޔަލިސިސް ހަދަމުންދާއިރު، ޑަޔަލިސިސްއަކީ ގަވާއިދުން ކޮންމެ ހަފުތާއަކު 2 ފަހަރު ނޫނީ 3 ފަހަރު ހަދަންޖެހޭ އެއްޗެއް ކަމަށް ޑރ. ޝިހާމް ވިދާޅުވިއެެވެ.

ޑރ. ޝިހާމް ވިދާޅުވީ، ކިޑްނީގެ ފަންކްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ނުވަތަ ފެއިލްވުމުން ޑަޔަލިސިސް ހެދުމަކީ ދާއިމީ ހައްލެއް ނޫންކަމަށެވެ. އެހެންކަމާއެކު، ބަލީގެ އަލާމަތެއް ފެނިއްޖެނަމަ ލަސްނުކޮށް ޓެސްޓުކުރުމަށް އޭނާ ވަނީ ލަފާދެއްވާފައެވެ.

ކިޑްނީ ބަލީގެ އަލާމަތްތަކާ ބެހޭގޮތުން ޑރ. އާމިނަތު މިޒްނާ ވިދާޅުވީ ބޮޑެތި އަލާމަތްތައް އާންމުކޮށް ފެންނާނީ ބަލީގެ އެންމެ ފަހު މަރުހަލާގައި ކަމަށެވެ. އެގޮތުން އާދަޔާޚިލާފަށް ވަރުބަލިވުމާއި ހޮޑުލެވުން، އަދި ފައި ދުޅަވުންފަދަ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އަދި ހަކުރުބަލި ހުންނަނަމަ ބަލި ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުމާއި، ކަސްރަތުކުރުމާއެކު ކެއުންވެސް ޑޮކްޓަރުގެ ލަފާގެ މަތިން ބައްޓަންކުރަންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަށް މަސައްކަތް ކުރުމަށްވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

އޭނާ ފާހަގަކުރެއްވިގޮތުގައި، ރާއްޖޭގައި ކިޑްނީ ބަލި ޖެހޭ މީހުންގެ ތެރޭން ގިނަ މީހުންނަކީ ހަކުރުބަލި ހުންނަ މީހުން ކަމަށް ވީނަމަވެސް، ޅައުމުރުގައި ދިމާވާ ކަމަކުންވެސް ކިޑްނީ ބަލި ޖެހިދާނެކަމަށެވެ.

އެހެންކަމާއެކު، މި ބަލިން ރައްކާތެރިވުމުގެ ގޮތުން ކަސްރަތުކުރުމާއި ލޭގެ ޕްރެޝަރަށް މައްޗަށް ދިޔަނުދީ ހިފެހެއްޓުމާއި، މިންހެޔޮ ކާނާ ބޭނުންކުރުމުގެ މުހިންމު ކަމުގެ މައްޗަށް އޭނާ ވަނީ އަލިއަޅުވާލައްވައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް