އިސްރާއީލާއި އީރާނާ ދެމެދު ކުރެވެމުންދާ ހަނގުރާމައިގާ އީރާނުގެ ވައިގެ ބަނދަރުތައް ބަންދުކޮށްފާ ހުރުމުގެ ސަބަބުން މިއަހަރު އީރާނުން ހައްޖަށް ދިޔަ 85000 ހައްޖާޖީން ސައޫދީ އެރޭބިޔާއިން ނުނިކުމެވި ތިބެންޖެހިއްޖެއެވެ.
މިކަން އެނގިވަޑައިގަތުމުން އީރާނުގެ ވައިގެ ބަނދަރުތައް ހުޅުވި އެ ހައްޖާޖީންނަށް އެނބުރި ގައުމަށް ދެވޭ ދުވަހަކާ ހަމަޔަށް އެމީހުންނަނީ ސައޫދީ އެރޭބިއާ ސަރުކާރުގެ ޚާއްސަ ޝާހީ މެހެމާނުންގެ ގޮތުގައި ސައޫދީ ސަރުކާރުގެ ފަރާތުން މިހާރު ވަނީ ހަމަޖައްސަވާފައެވެ. އަދި އެމީހުންނަށް އެއްވެސް ދަތި އުދަނގުލެއް ކުރިމަތި ނުވާނެގޮތުގެ މަތިން މައްކާއާއި މަދީނާ ކައިރީގައިހުރި ސައޫދީގެ ޝާހީ ގެސްޓްހައުސް ތަކުގައި ކެއިން ބުއިމާއި އެހެނިހެން ބޭނުންތައް ފުރިހަމައަށް ލިބި ދިނުމާއެކު ތިބުމުގެ އިންތިޒާމްވެސް ހަމަޖައްސަވައި ދެއްވާފައެވެ.
ސައޫދީ އެރޭބިއާގެ ވަލީ އަހްދު އިއުލާން ކުރައްވާފައިވަނީ އީރާނުގެ ހައްޖުވެރިންނަކީ އެމީހުންގެ ގައުމަށް އަނބުރާ ދެވޭ ދުވަހަކާހަމަޔަށް ސައޫދީ ސަރުކާރުގެ ޚާއްސަ މެހެމާނުން ކަމުގައެވެ. އެމީހުން ތިބުމާއި ކެއިންބުއިމާއި އަދި އެހެނިހެން ބޭނުންތަކަށް ހުރިހާ ޚަރަދެއް ކުރަމުންގެންދާނީ ސައޫދީ ސަރުކާރުންނެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ އީރާނުގެ ހައްޖޫވެރިންނަކީ ސައޫދީ ސަރުކާރުގެ ޚާއްސަ މެހެމާނުން ކަމުގައި ހަމަޖައްސަވާފައިވަނީ އެއްވެސް ސިޔާސީ ބޭނުމެއްގައި ނޫންކަމަށާއި އެމަނިކުފާނު އަދާކުރައްވަނީ އިސްލާމްދީނުން އެމަނިކުފާނުގެ މައްޗަށް ކަނޑައަޅާފައިވާ ވާޖިބެއް ކަމަށެވެ.