އެމެރިކާއިން އީރާނަށް ހަމަލާ ދިނުމާއިމެދު ގޮތެއް ނިންމާނީ ދެ ހަފްތާ ފަހުން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާއިއެކު މިމުއްދަތުގެ ތެރޭގައި މަޝްވަރާ ކޮށްގެން ހަމަލާތައް ހުއްޓުވުމަކާހަޔަށް ގެންދެވޭތޯ އެކިފަރާތްތަކުން އަވަސް ވެގަނެފައިވާ ކަމަށް ޚަބަރު ލިބެއެވެ.
އެމެރިކާއިން އުންމީދު ކުރާކަމަށްވަނީ އިރާނުގެ މިސައިލް އުފައްދާ ކާރުޚާނާފަދަ ތަންނަށް އިޒްރޭލުން ހަމަލާދީ ބޮޑެތި ގެއްލުންތައް ލިބިފައިވުމާއިއެކު ގޮތް ދޫކޮށް، އިރާނުން ހިފަހައްޓަމުން އައި ޝަރުތުތައް ދޫކޮށްލާނެ ކަމަށެވެ.
އެމެރިކާއިން ހަގުރާމައިގެ ތެރެޔަށް ވަދެފިނަމަ ހަނގުރާމަ ފުޅާވެ ސަރަހައްދުގެ އެހެން ގައުމުތައްވެސް ހަނގުރާމައިގެތެރެޔަށް ވަންނާނެކަން އެއީ ޔަގީން ކަމެކެވެ. އެހެން ކަމުން ސޯޝަލް މީޑިޔާގައި ޒާތްޒާތުގެ ބިރުދެއްކުމުގެ މެސެޖް ތައް ލިއުއްވުމަށްފަހުވެސް ޓްރަމްޕް، މަޝްވަރާތަކަށް ފަހުފުރުސަތެ ދެއްވީކަމަށް ޚަބަރުތައް ބުނއެވެ.
އިރާނާއެކު ހަތް ގައުމަކުން ބޯޑަރު ހިއްސާކުރެއެވެ.އެގައުމުތަކަކީ އިރާޤް، ތުރުކީވިލާތް،އަޒަރުބައިޖާން ،އާމީނިޔާ،ތުރުކްމެނިސްތާން .އަފްޢާނިސްތާން އަދި ޕާކިސްތާނެވެ. މީގެ ތެރެއިން ޕާކިސްތާނަކީ ސަރަހައްދުގެ ނިއުކްލިއަރ ބާރެކެވެ.
މިމަޝްވަރާތަކުގައި ބައިވެރިވުމަށްޓަކާ އިގިރޭސިވިލާތް،ޖާމަނީ އަދި ފްރާންސްގެ ޚާރިޖީ ވަޒީރުން ވަނީ ހުކުރު ދުވަހު ޖެނީވާ އަށް ދަތުރު ކުރައްވާފައެވެ. މިވާހަކަ ތަކުގައި އީޔޫ އިންވެސް ބައިވެރި ވާނެއެވެ. މިބޭފުޅުންގެ އުންމީދަކީ އިރާނުގެ އޮފިޝަލުންވެސް ބައްދަލް ވުންތަކަށް ހާޒިރުވެ ކުރިއެރުމެއް ހާސިލް ކުރެވޭނެ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު އިޒްރޭލުގެ ހަމަލާތައް ފެށުމާއެކު އިރާނުން ބުނަމުން އަންނަނީ އިޒްރޭލުގެ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު އިތުރު މަޝްވަރާތަކެއްގައި އިރާނުން ބައިވެރި ނުވާނެކަމުގައެވެ.
ހަމަލާތައް ހުއްޓާލުމަށް އެމެރިކާއިން އިޒްރޭލަށް މިހާތަނަށް ގޮވާލާފައެއް ނުވެއެވެ. އަދި ޓްރަމްޕް ނަތަންޔާހޫ އަށް ދިން މެސެޖަކީ ހަމަލާތައް ކުރިޔަށް ގެންދާށޭ ކަމަށް ޓްރަމްޕް އަމިއްލަފުޅަށްވެސް ހާމަ ކުރައްވާފައި ވެއެވެ.
އިޒްރޭލާ އެމެރިކާއިން ބޭނުން ވަނީ އިރާނުން ޔުރޭނިއަޕް ފައްކާކުރުމުގެ މަސައްކަތް ހުއްޓާލުމަށެވެ. ނަމަވެސް އިރާނުން ބުނަނީ އެކަން ހުއްޓާނުލާނެކަމަށާ އެކަމަކީ ހަކަތައިގެ ބޭނުމަށް ކުރިޔަށް ގެންދާ މަސައްކަތެއް ކަމުގައެވެ.