އެމްޓީސީސީން ހިއްކާފައިވާ ރަސްމާލޭގެ ބިމުގެ އަގަށްވާ 1.6 މިލިއަން ޑޮލަރު ދިނުމަށް ހުކުމްކޮށްފި

Loading

June 20, 2025
profile
Facebook
Twitter
WhatsApp

އެމްޓީސީސީން ހިއްކާފައިވާ ރަސްމާލޭގެ ބިމުގެ 10 ހެކްޓަރަށްވާ 1.6 މިލިއަން ޑޮލަރު ދިނުމަށް، އެ މަސައްކަތާ ފުރަތަމަ ހަވާލުވި ކުންފުނި ކަމަށްވާ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން (ސީއެމްސީ)ގެ މައްޗަށް ސިވިލްކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ސިވިލްކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ، ސީއެމްސީން އެ ފައިސާ އެމްޓީސީސީއަށް ދައްކާފައި ނުވާތީ އެ ކުންފުނިން އެ ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.

މި މައްސަލާގައި ސިވިލްކޯޓުން ކުރި ހުކުމުގައި ވަނީ، މި ފައިސާ 1 މަސްދުވަހުގެ ތެރޭގައި ސީއެމްސީން އެމްޓީސީސީއަށް ދައްކައި ޚަލާޞްކުރުމަށް އަންގައިފައެވެ.

ރަސްމާލޭގެ ނަމުގައި ހިއްކަމުންދާ ކ. ފުށިދިއްގަރު ފަޅުން ބިން ހިއްކުމަށް ޝްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީސީ)އާ ހަވާލުކޮށްގެން ޑިސެމްބަރު 2023ގައި ފެށި މި މަޝްރޫޢުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކާފައިވަނީ އެމްޓީސީސީންނެވެ.

މި މަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ބިން، 8 މަސްދުވަހުގެ ތެރޭގައި ހިއްކައި ނިމޭނެކަމަށް ސަރުކާރުން އޭރު ބުނެފައި ވީނަމަވެސް، މަޝްރޫޢަށް 1 އަހަރާއި 2 މަސްދުވަހަށްވުރެ ގިނަ ދުވަސް ވީއިރު ހިއްކިފައިވަނީ 100 ހެކްޓަރުގެ ބިންކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަސްމާލޭން 11،000 ގޯއްޗާއި 26،000ށްވުރެ ގިނަ ފުލެޓު ދޫކުރައްވާނެކަމަށާއި، މީގެ އިތުރުން ވިޔަފާރިއާއި އިންޑަސްޓްރިއަލް އެކި ބޭނުންތަކަށް ބިން ދޫކުރައްވާނެކަން އިޢުލާންކުރައްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް