އަންނަ ސެޕްޓެމްބަރު ފަހުކޮޅު 4000 ފުލެޓު އޭގެ ޙައްޤުވެރިންނާ ހަވާލުކުރެވޭނެ ކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، ފުލެޓުތައް ނިމެމުންދާ ވަރަކަށް އެގްރީމެންޓުގެ ކަންކަން ނިންމައި، ވެރިފަރާތާ ހަވާލުކުރަމުން ގެންދާނެ ކަމަށެވެ.
”މިގޮތަށް ހަވާލުކުރަމުން ގެންދާއިރު، ޕްރޮޖެކްޓުގެ ސްކޯޕް ތެރޭގަ ހިމެނިފައެއްނުވޭ ފެނާ ނަރުދަމާއާ ކަރަންޓާ ގުޅުމުގެ މަސައްކަތެއް. އެހެންވީމަ އަޅުގަނޑުމެން މިހާރު ސްޓެލްކޯއާ އެމްޑަބްލިއުއެސްސީއާ ގުޅިގެން ވީހާވެސް އަވަހަކަށް އެ ޚިދުމަތްތައް ދިނުމުގެ މަސައްކަތް ކުރިއަށް މި ދަނީ.“ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ފުލެޓުތައް އޭގެ ވެރިންނާ ހަވާލުކުރެވޭއިރު އެ މަސައްކަތްތައް ނިމޭނެކަމަށާއި، އަދި ޖުލައި މަހުގެ ތެރޭގައި އެގްރީމެންޓް ހެދުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އަދި ފުލެޓު ހަވާލުކުރުން ކުރިއަށްދާނީ، މަސައްކަތް ނިމެމުންދާ ވަރަކަށް ހަވާލުކުރަމުންގޮސް ސެޕްޓެމްބަރުގެ ނިޔަލަށް ހުރިހާ ފުލެޓުތަކެއް ހަވާލުކުރެވޭ ގޮތަށް ކަމަށް، ގެދޮރުވެރިކަމާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.