މިދިޔަ ހުކުރު ދުވަހު އިސްރާއީލުން އީރާނަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދިންތާ އެއްދުވަސް ފަހުން މުދާ އުފުލާ ބިޔަ މަތިންދާބޯޓެއް ޝެންގހާއީން ނައްޓާލިއެވެ.
އޭގެ އަނެއް ދުވަހު ޗައިނާގެ ގޮނޑުދޮށު އެއާރޕޯރޓަކުން އޭގެ އަނެއް ފްލައިޓް ނައްޓާލިއެވެ. އެއަށްފަހު ހޯމަ ދުވަހު ހަމަ އޭގެ އަނެއް ފްލައިޓް ޝެންގހާއީ އިން ނައްޓާލިއެވެ. އެ 3 ފްލައިޓް ދަތުރުކުރި މަގަށް ބަލާއިރު ފެންނަނީ ޗައިނާއިން ފުރައިގެން ހުޅަނގަށްގޮސް ކަޒަކިސްތާން ހުރަސްކޮށް ދެކުނަށް މިސްރާބު ޖަހައި އުޒުބަކިސްތާނާއި ތުރުކްމެނިސްތާނު ހުރަސްކޮށް އީރާނާ ދިމާއަށް މިސްރާބު ޖެހިތަނެވެ. އެ ހިސާބުން ރާޑަރުތަކަށް ފްލައިޓްތައް ގެއްލިގެން ދިޔައީއެވެ. އެ ފްލައިޓްތަކާ ދޭތެރޭ އުފެދިފައިވާ ޝައްކުތައް އިތުރު ވެގެންދަނީ ފްލައިޓްތަކުގެ މަންޒިލެއް ކަމަށް ލަގަޒަމްބާރގް ޑިކްލަރ ކޮށްފައިވާތީއެވެ. އެހެންނަމަވެސް އެއިން އެއްވެސް ފްލައިޓެއް ޔޫރަޕްގެ އެއްވެސް ގައުމަކަށް ގޮސްފައެއް ނުވެއެވެ.
އެ ފްލައިޓްތައް އޮޕަރޭޓްކުރި ލަގްޒަމްބާރގްގެ ކުންފުނި ކާރގޯލަކްސް އިން ބުނެފައިވަނީ އެކުންފުނީގެ ފްލައިޓްތައް އީރާނުގެ އެއާރސްޕޭސްގެތެރެއަށް ވަދެފައި ނުވާނެ ކަމަށެވެ. އެކަމަކު އެ ފްލައިޓްތަކުން އުފުލި މުދަލުގެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.
އިސްރާއީލާއި އީރާނާ ދެމެދު ވަރުގަދައަކަށް ހަމަލާތައް ބަދަލުކުރަމުންގެންދާ މި ދަނޑިވަޅުގައި ޗައިނާއިން އީރާނާ ދިމާއަށް މި ފޮނުވީ ކޮން އެއްޗެއްތޯ ސުވާލުތަކެއް ވަނީ އުފެދިފައެވެ. އޭވިއޭޝަންގެ ތަޖްރިބާކާރުން ބުނެފައިވާ ގޮތުގައި މިބާވަތުގެ 747 މަރުކާގެ މުދާ އުފުލާ މަތިންދާބޯޓުތައް ބޭނުންކުރަނީ ސަރުކާރުގެ ކޮންޓްރެކްޓްތަކުގެ ދަށުން މިލިޓްރީ ސާމާނު އުފުލުމަށެވެ.
އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ޗައިނާއިން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެކަން އެނގޭކަމަށް ޔުނިވަރސިޓީ އޮފް އެކްސްޓަރގެ ލެކްޗަރަރ އެންޑްރިއާ ގިސެއްލީ ބުނެފައި ވެއެވެ. ޗައިނާއާއި އީރާނަކީ އެމެރިކާއިން ބޭނުންވާގޮތަށް ދުނިޔޭގެ ގައުމުތައް ބައްޓަންކުރުމަށް އެއްބަސްނުވާ ސިޔާސީ ބައިވެރިންނެވެ. އަދި އީރާނަކީ އެންމެ ގިނައިން ޗައިނާއަށް ތެޔޮ ފޯރުކޮށްދޭ ގައުމުވެސް މެއެވެ. އަންދާޒާކުރެވިފައިވާ ގޮތުގައި އީރާނުން ޗައިނާއަށް ދުވާލަކު 2 މިލިއަން ފީފާގެ ތެޔޮ ފޯރުކޮށްދެއެވެ. މި ސަބަބަށްޓަކައިވެސް އީރާނުގެ ހަމަޖެހުމަށް ޗައިނާއިން ވިސްނާނެއެވެ.
އީރާނުންވެސް މި ހާލަތުގައި ޗައިނާގެ އެހީ ބޭނުންވާނެއެވެ. އީރާނުގެ ސަރުކާރު ވެއްޓިއްޖެނަމަ މުޅި މެދު އިރުމަތި ގޮތްނޭންގޭ ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ގެނބިގެންދާނެއެވެ. ގިސެއްލީ ބުނެފައިވެއެވެ.
ބައިނަލް އަގްވާމީ ފާޑުކިއުންތަކަށް ފަރުވާލެއް ބެހެއްޓުމަކާ ނުލައި ޗައިނާއިން ގެންދަނީ ބެލެސްޓިކް މިސައިލް އުފައްދަން ބޭނުންކުރާ ވަސީލަތްތައް އީރާނަށް ފޯރުކޮށްދެމުންނެވެ. އެހެންނަމަވެސް މި ވަގުތު އީރާނަށް ސީދާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމެރިކާއާއެކު އުފެދިފައިވާ ވިޔަފާރީގެ މައްސަލަތައް ފުނިޖެހިފައިވާއިރު ޗައިނާއިން ވިސްނާލަން ޖެހޭނެ ކަމެކެވެ. އީރާނުން އިސްރާއީލަށް ދެމުންގެންދާ ހަމަލާތަކުގައި ޗައިނާގެ ހަތިޔާރު ނުވަތަ ޗައިނާއިން އީރާނަށް އެހީތެރިވެދޭކަން ސާބިތު ކުރެވިއްޖެނަމަ އެމެރިކާއާއި ޗައިނާގެ ގުޅުމަށް އިތުރު ނުތަވަސްކަން ކުރިމަތި ވެގެން ދާނެއެވެ.