ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް، ޒަމްޢަތު އަޙްމަދު ވަޙީދު އައްޔަންކުރައްވައިފިއެވެ.
މި މަގާމަށް ޒަމްޢަތު އައްޔަންކުރައްވާފައި ވަނީ، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 6ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.
2006ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ ޒަމްޢަތުގެ ނަން ފާސްވީ 56 މެމްބަރުންގެ ވޯޓުންނެވެ.
ޒަމްޢަތު ވަނީ އިސްލާމިކް ޔުނިވަރސިޓީން ނޫސްވެރިކަމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލް ކުރައްވައިފައެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަގާމެއް ހުސްވެފައިވަނީ، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމުގައި ކުރިން ހުންނެވި އާމިނަތު އަމީނާގެ ދައުރު ހަމަވުމުންނެވެ.