މަސްތުވާތަކެތީގެ މައްސަލަ ހުއްޓުވޭނީ އެކަމަށްޓަކައި ހެދިފައިހުރި ހުރިހާ މުއައްސަސާއެއް ގުޅިގެން އެއް ލަނޑުދަނޑިއަކަށް މަސައްކަތްކޮށްގެން ކަމަށް، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.
ނަވީން ވިދާޅުވީ، މިކަން ހުއްޓުވުމަށްޓަކައި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
މި ގޮތުން، އެމީހުންނަށް ދޭންޖެހޭ ފަރުވާ ދިނުމާއި، އެ ތަކެއްޗަށް އޮންނަ ޑިމާންޑް މަދުކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށާއި، އެއްވެސް ގޮތަކަށް ޑިމާންޑް އޮންނަ ކަމަށްވާނަމަ އެކަން ހުއްޓުވުމަށް ދަތިތަކާ ކުރިމަތިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ނަވީން ވިދާޅުވީ، ފުލުހުންނަކީ ކިތަންމެ ބޮޑު ރިސްކެއް ނަގައިގެންވެސް އެ ކަންކަން ހުއްޓުވަން ތިބޭ ބައެއް ކަމަށާއި، ނަމަވެސް އެކަމުގައި ކަމާބެހޭ އެހެން މުއައްސަސާތަކުގެ އެހީތެރިކަންވެސް ބޭނުންވާނެ ކަމަށެވެ.
މީގެ އިތުރުން، ރާއްޖެއަށް ގެންނަ ބައެއް މުދަލުގެ ތެރޭގައި މަސްތުވާތަކެތި ގެންނާތީ، އަވަށްޓެރި ބައެއް ޤައުމުތަކުގެ އިންޓެލިޖެންސާއި ލޯ އެންފޯރސްމަންޓާ ގުޅިގެން އެ ތަކެތި ހުއްޓުވުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.