ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ޙައްވާ ޔުމްނު ވެއްޓުނު މައްސަލަ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އާންމުކޮށްފިއެވެ.
ރިޕޯޓު އާންމުކޮށްފައި މި ވަނީ، އެ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ރައީސަށް ހުށަހެޅުމާއެކު، އެ ރިޕޯޓު އާންމުކުރަން އެމަނިކުފާނު އެންގެވުމާ ގުޅިގެންނެވެ.
ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރިން ވިދާޅުވީ، ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ލިބިވަޑައިގެންފައި ވާކަމަށާއި، އެ ރިޕޯޓު އޮތްގޮތަށް އާންމުކުރަން އިރުޝާދުދެއްވާފައި ވާނެކަމަށެވެ.
އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ބަޔަކު ޔުމްނު ވައްޓާލީކަމަށް ނުބެލެވޭ ކަމަށާއި، އަދި ޔުމްނު ވެއްޓުމުގައި ރައުދު އަޙްމަދު ފިޔަވައި އެހެން މީހެއްގެ ބައިވެރިވުން ޢަމަލީގޮތުން ނުވަތަ އެ ނޫން ގޮތަކަށްވެސް އޮތްކަމަށް ނުބެލެވޭ ކަމަށެވެ. އަދި ރައުދު ގަސްދުގައި ޔުމްނު ވައްޓާލި ކަމަށްވެސް ކޮމިޝަނުގެ ތަޙުޤީޤަށް ނުފެންނަކަމަށް ރިޕޯޓުގައިވެއެވެ.
މިގެ އިތުރުން، މި މައްސަލާގައި ޔުމްނުގެ ބަޔާނެއް ނެގިފައި ނުވާކަންވެސް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް ކޮށްފައިވަނީ، އެހީއަށް ބޭނުންވެފައިވާ މީހަކަށް، އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދަޢުވާއެވެ.
![]()
