21 ޖޫން 2022ވަނަ ދުވަހު ގަލޮޅު ބޯޅަދަނޑުގައި ފާހަގަކުރި ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ހަރަކާތްތަކަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލާގައި ހިމެނޭ ބައެއް ފަރާތްތަކަށް ދަޢުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
މިކަން ހާމަކޮށް، އެ އޮފީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ކަމުގައި ހިމެނޭ ބައެއް ފަރާތްތަކުން ދަޢުވާ މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހަޅާފައި ވާކަމަށެވެ.
މި ދަޢުވާ މުރާޖަޢާ ކުރުމަށްފަހު އެ އޮފީހުން ނިންމާފައިވަނީ، ޔޯގާ ހަރަކާތުގެ ބައިވެރިންނަށް ސީދާ ހަމަލަދީ އެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭފަދަ ޢަމަލުތައް ހިންގާފައިނުވާ ފަރާތްތަކުގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އެފަދަ ޢަމަލެއް ހިންގާފައިވާ ކަމަށް ހެތްކާއި ޤަރީނާ ލިބިފައިވާ ފަރާތްތަކުގެ މައްސަލަތައް ކުރިއަށްގެންދާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
މި ދަޢުވާ މުރާޖަޢާ ކުރުމުގައި ރިޢާޔަތްކޮށްފައިވާ ކަންކަމުގެ ތެރޭގައި؛ މި ކަމަކީ ޔޯގާއާމެދު އުފެދުނު ޖަޒުބާތެއްގެ ތެރޭން ހިނގައިދިޔަ ކަމަކަށްވުމާއި، މި މައްސަލަ ކޯޓުގައި ކުރިއަށްނުގެންދެވި ދިގު މުއްދަތެއް ފާއިތުވެފައިވުމާއި، މި ކަމުގައި ބައިވެރިވި ފަރާތްތަކަކީ ކުށުގެ ވެށީގައި އުޅޭ ބަޔަކަށް ނުވުމާއި، އެ ފަރާތްތަކުން މުޖުތަމަޢުގައި އަދާކުރާ ދައުރު ހިމެނޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލާގައި ދެން ކޯޓުގައި ކުރިއަށްގެންދާނީ؛ ޔޯގާ ހަރަކާތުގެ ބައިވެރިންނަށް ހަމަލަދީ، އެ މީހުންގެ ހިތުގައި ބިރުވެރިކަން އުފައްދުމުގައި ބައިވެރިވިކަމަށް ހެތްކާއި ޤަރީނާ ލިބިފައިވާ މީހުންގެ މައްޗަށް ކޮށްފައިވާ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާކަމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.