ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ޙައްވާ ޔުމްނު ވެއްޓުނު މައްސަލަ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އާންމުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
ރައީސް މުޢިއްޒު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ލިބިވަޑައިގެންފައި ވާކަމަށާއި، އެ ރިޕޯޓު، އޮތްގޮތަށް އާންމުކުރަން އިރުޝާދުދެއްވާފައި ވާނެކަމަށެވެ.
މި މައްސަލާގައި ފުލުހުންގެ ތަޙުޤީޤާމެދު އާންމުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން، އެ މައްސަލަ ބެލުމަށްޓަކައި ޚާއްޞަ ކޮމިޝަނެއް ރައީސް އުފެއްދެވީ އޭޕްރީލް މަހުގެ ފަހުކޮޅުއެވެ.
މި ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ:
- ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމާއި ތަޙުޤީޤުތަކަށް ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން.
ކޮމިޝަނުގެ މަސައްކަތް ކުރިއަށްގެންދިޔުމާއި ތަޙުޤީޤުތަކުގައި އެހީތެރިވުމަށް ރާއްޖޭން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި ރާއްޖޭން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން.
ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރުގެ ބޭނުންކުރުން.
ހައްޔަރު އަމުރާއި ޖިނާއީ ތަޙުޤީޤުތަކާގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން.
ހާޒިރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫންވެސް ހެތްކެއް ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން.
ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަޙުޤީޤެއް ކޮށްފައިވާނަމަ އެ ތަޙުޤީޤަކަށް ނުވަތަ އެ ނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ ބެލުމުގެދަށުގައި ހުރި ލިޔެކިޔުންތަކާއި ހެތްކާއި ޤަރީނާއާއި އެ ނޫންވެސް މަޢުލޫމާތު ހޯދުން.