އިޒްރޭލުން ހުކުރު ދުވަހު ފަތިހު އީރާނަށް ދޭން ފެށިހަމަލާތަކާ ގުޅޭ ފަހުގެ ބައެއް އަޕްޑޭޓް ތަކަށް ބަލާއިރު،ހަމަލާތަކަށް ފަސްދުވަސް ވެފައިވާއިރު ދެފަރާތުންވެސް އަދިވެސް ދޫނުދީ ގެންދަނީ ހަމަލާތައް ދެމުންނެވެ. ހަމަލާތަކުގައި އީރާނުން 224 މީހުން ޝަހީދުވެފައިވާއިރު އިޒްރޭލުން މަރުވިކަމަށް އެމީހުން ބުނަނީ 24 މީހުންނެވެ.
ކެނެޑާގެ ރިސޯޓް ރަށެއް ކަމަށްވާ އަލްބާޓާގައި މިހާރު ކުރިޔަށްދާ އެންމެ ކުރިއަރާފައިވާ 7 ގައުމު ހިމެނޭ ގްރޫޕް ޖީ7 ގެ ސަމިޓް ބައްދަލުވުން ދޫކުރައްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ހެނދުނު ފުރާވަޑައިގެންފައި ވެއެވެ. އެއްދުވަސް ކުރިން ޓްރަމްޕް ފުރާވަޑައިގެންނެވީ ހަނގުރާމަ ހުއްޓުވާލުމާ ބެހޭ އެގްރީމަންޓެއްގެ މަސައްކަތުގައިތޯ ދެންނެވުމުން ވިދާޅުވެފައިވަނީ ފުރާވަޑައިގަންނަވަނީ ”އެޔަށްވުރެ މާބޮޑު“ ކަމަކާ ގުޅިގެން ކަމުގައެވެ.
އޭގެ ކުރިން ޓްރަމްޕް ވަނީ އީރާނުގެ ވެރިރަށް ތެހެރާން ”ހުސްކުރުމަށް“ އަންގާފައެވެ. ޓްރަމްޕް މިހެން ބުނިއިރު ތެހެރާނުގެ މެދުތެރޭގެ އާބާދީ އެކަނިވެސް 10 މިލިއަން އަށް އަރައެވެ.އަދި ވަށައިގެންވާ އެހެން ސަރަހައްދުތަކުގައި 14 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެއެވެ.
ޖީ7ގެ ސަމިޓްގެ ބައިވެރިން ވެސް ވަނީ ހަނގުރާމަޔަށް އަވަސް ނިމުމެއް ގެނައުމަށް ގޮވާލާފައެވެ. ޖީ7ގެ ސަމިޓްގެ ގުޅިފައިވާ ބަޔާނަށް ފުރަތަމަ ޓްރަމްޕް ތާއީދު ނުކުރާ ކަމަށް ވެއެވެ. ނަމަވެސް ޓްރަމްޕް ސޮއިކުރީ ބަޔާނުގެ ޑްރާޕްޓް ބަދަލު ކުރުމުން ކަމަށްވެއެވެ.
އިޒްރޭލުގެ ހަމަލާތަކާގުޅިގެން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ވަރަށް ބޮޑަށް ފަހަތަށް ޖެއްސިފައިވާ ކަމަށް ނަތަންޔާހޫ ބުނެފައި ވެއެވެ.އީރާނުގެ މުހިންމު ތިން ނިއުކްލިއާ ފެސިލިޓީ އަކަށް ހަމަލާދީ އެތައް ސައިންޓިސްޓުންނެއް މަރާލެވިފައިވާ ކަމަށް ނަތަންޔާހޫ ބުނެފައި ވެއެވެ.
އިޒްރޭލުން އެންމެ ފަހުން ހަމަލާދީފައިވަނީ އީރާނުގެ އެނާޖީ އޮނިގަނޑު ކަމަށްވާ ތެޔޮ ނަގާތަންތަނަށެވެ. މިތަނަކީ ގޭސްނަގާ ދުނިޔޭގެ އެންމެ ބޮޑު ސަރަހައްދު ކަމަށްވާ ”ދެކުނު ޕާސް“ ވެސް ހިމެނޭ ސަރަހައްދެވެ.ގޭސް އަދި ތެޔޮ ނަގާ މިބޮޑު ސަރަހައްދަކީ އީރާނާ ޤަތަރުން ހިއްސާކުރާ ސަރަހައްދެކެވެ.
އިޒްރޭލުން އީރާނުގެ ތެޔޮވަޅުތަކަށް ހަމަލާ ދިނުމަށް ގަސްތުކޮށް އެކަން ކުރިޔަށް ގެންދާއިރު، އެޔާ ހަމަ އެކުއެކީ އީރާނުގެ މީޑިޔާ ގެ މުހިންމު ތަންތަނަށްވެސް ދަނީ ހަމަލާތައް އަމާޒު ކުރަމުންނެވެ. ނަމަވެސް އަދި އީރާނުގެ އަޑު ކަނޑުވާ ލެވޭ ގޮތެއް ނުވެއެވެ.އީރާނުގެ ސްޓޭޓް ޓެލެވިޒަންއިމާރާތަށް ދިން ހަމަލާގައި ނިއުސް އެޑިޓަރަކާ އެޑްމިނިސްޓްރޭޓިވް މުވައްޒަފަކު ވަނީ މަރުވެފައެވެ.
މިހަމަލާތަކާ ގުޅިގެން އީރާނުންވެސް ވަނީ އިޒްރޭލުގެ މައި ދެ ޓީވީ ޗެނެލެއް ހުސްކުރުމަށް އަންގާފައެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ސުޕްރީމް ލީޑަރު އާޔަތުއްލާ އަލީ ޚާމަނާއީ އަވަހާރަ ކޮށްލެވިދާނެތޯ ސުވާލުކުރުމުން ނަތަންޔާހޫ ވަނީ އާނއެކޭ ބުނެފައެވެ.އަދި އިޒްރޭލުގެ ހަމަލާތުގެ ނަތީޖާއެއްގެ ގޮތުން އީރާނުގެ ވެރިކަމުގެ ”ރެޖީމް“ ބަދަލުވުން އެކަށީގެންވާކަމަށް ނަތަންޔާހޫ ބުނެފައި ވެއެވެ.
ނަމަވެސް ކުރިން ހަބަރުތައް ބުނި ގޮތުގައި އަލީ ޚާމަނާއީ އަވަހާރަ ކޮށް ނުލުމަށް ޓްރަމްޕް އެދިފައި ވެއެވެ.
އީރާނުން މިއަދު ހެނދުނު އިޒްރޭލަށް ދެފަހަރެއްގެ މަތިން މިސައިލް ހަމަލާތަކެއްދީފައި ވެއެވެ.ނަމަވެސް މި ހަމަލާތަކުގައި މީހަކު މަރުވެފައި ނުވާކަމަށް އިޒްރޭލުން ރިޕޯޓް ކޮށްފައި ވެއެވެ. މިއީ ފަސްދުވަހުގެ ތެރޭ އީރާނުން ދިން ނުވަ ވަނަ ހަމަލާތަކެވެ.
އަދި މިއަދު ހެނދުނު ވަނީ އިޒްރޭލުގެ ރައްކާތެރި ބިންގަރާސް ތަކާ ޝެލްޓާ ތަކުގައި ތިބި އެންމެނަށް ނިކުމެވޭނެ ކަންވެސް އަންގާފައެވެ.
އިޒްރޭލުން ރޭދިން ހަމަލާތަކުގައި އީރާނުގެ އަލަށް އައްޔަން ކުރެވުނު ޗީފް އޮފް ސްޓާފް އަލީ ޝަދްމާނީ ވަނީ އަވަހާރަ ކޮށްލާފައެވެ.ޝަދްމާނީ އެމަގާމަށް އައްޔަން ކުރެވުނީ ހުކުރު ދުވަހު ފަތިހުގެ ހަމަލާތަކުގައި އަވަހާރަވި އޭރު ހުންނެވި ޗީފް އޮފް ސްޓާފްގެ ބަދަލުގައެވެ. ޝަދްމާނީ އަވަހާރަކޮށްލެވުނީ ”ވަރަށް މުޖައްރިބް“ އިންޓެލިޖަންސް މައުލޫމާތު ތަކަކާގުޅިގެން، ތެހްރާންގެ މެދުތެރޭގައި ހުރި،އެވަގުތު އިސްވެރިން ތިބި ކޮމާންޑް ސެންޓަރަކަށް ދިން ހަމަލާ ތަކެއްގައި ކަމަށް އިޒްރޭލުގެ ޑިފެންސް ބާރު ކަމަށްވާ އައިޑީއެފުން ބުނެފައިވެއެވެ. ޝަދްމާނީ އަވަހާރަވިކަން އަދި އީރާނުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ތެހްރާން ގައިތިބި އިންޑިޔާގެ ހުރިހާ ކިޔަވާކުދިން އެސިޓީން ބޭރަށް ގެންދެވިފައިވާ ކަމަށް އިންޑިޔާއިން ވަނީ ބުނެފައެވެ.އިންޑިޔާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ކުދިން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރަނީ އަރުމީނިޔާ މަގުންނެވެ. ކިޔަވާކުދިން ފިޔަވާ އެހެން އިންޑިޔާގެ ރައްޔިތުންވެސް އަމިއްލަޔަށް އަވަހަށް އީރާނުން ފުރުމަށް ވަނީ އަންގާފައެވެ. އިންޑިޔާ ކަޝްމީރުގެ ވަރަށް ގިނަ ޒުވާނުން އީރާނަށް ކިޔަވަން ދެއެވެ.
އީރާނުގައި ތިބި ޕާކިސްތާނުގެ އެތައްސަތޭ ކިޔަވާ ކުދިންވެސް ކިޔެވުން ދޫކޮށް އެއްގަމު މަގުން ގައުމަށް ވަންނަން މަސައްކަތް ކުރަމުން ދާކަމަށް ޚަބަރު ލިބެއެވެ.ޕާކިސްތާނުގެ އެސިސްޓަންޓް ކޮމިޝަނަރު ވިދާޅުވި ގޮތުގައި އިރާނާ ޕާކިސްތާނާ ދެމެދުގައިވާ ”ތަފްތާން ބޯޑަރު“ ހުރަސްކޮށް މިހާރުވެސް 214 ކިޔަވާކުދިން ވަނީ އެގައުމަށް އެނބުރި އައިސްފައެވެ.މީގެ އިތުރުން ހައްޖުވުމަށް މައްކާއަށް ދިޔަ މީހުންގެ ތެރެއިން 500 މީހަކުވެސް ވަނީ ހަމަ އެބޯޑަރުން ގައުމަށް އެތެރެވެފައެވެ.
ޕާކިސްތާންގެ ރައްޔިތުން މިވަގުތު އީރާނަށް އެރުން ވަނީ މަނާކޮށްފައެވެ.
މިހާރު ދެން އުފެދޭ އެންމެ ބޮޑު ސުވާލަކީ އީރާނުގެ ނިއުކްލިއަރ މައި ސައިޓް، ބޮމެއް އަޅައިގެން ހަލާކު ކޮށްލެވޭ ފަދަ ބާރުގަދަ ބޮމެއް އެމެރިކާއަށް ލިބިގެންވޭތޯ މިސުވާލެވެ.މިތަން ހުންނަނީ ފަރުބަދަ ތަކެއްގެ އަޑީގައި ކަމަށްވާއިރު،ކިހާ އަޑީކަން ހާމަ ކޮށްފައި ނުވާ ކަމަށްވެއެވެ.އުތުރު އީރާނުގެ ޤުމް ފަރުބަދަ ތަކުގައި ތައްޔާރު ކޮށްފައިވާ ފެސިލިޓީ ހުންނަނީ ބިމުންފެށިގެން 80 ނުވަތަ 90 މީޓަރު އަޑީގައި ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
ބައެއް އެނަލިސްޓުން ބުނާގޮތުގައި އިންޓެލިޖެންސް މައުލޫމާތު ހޯދައިގެން އީރާނުގެ އެކި ކޮމާންޑަރުން މަރަމުން އިޒްރޭލުން މިހާރު އެގެންދަނީ އާންމުގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ މަގުސަދުގައެވެ.
އިޒްރޭލުން ކުޅެމުންގެންދަނީ ”ސައިކޮލޮޖިކަލް ވޯފެއާ“އެއްކަމަށް އެނަލިސްޓުން ބުނެފައިވެއެވެ. ނިއުކްލިއާ ޕްރޮގްރާމް އާއި އަދި މިލިޓަރީ އެއްވެސް ފެސިލިޓީއަކާ ނުގުޅޭ އާންމުން މަރަމުން ގެންދާތީ އާންމުން ތިބީ ރުޅިއައިސްފައެވެ.