ޔުމްނުގެ މައްސަލައިގެ ތަޙުޤީޤު ނިންމައި ރައީސަށް ރިޕޯޓު ފޮނުވައިފި

Loading

June 17, 2025
profile
Facebook
Twitter
WhatsApp

މިދިޔަ އޭޕްރީލް 18ވަނަ ދުވަހުގެ ރޭ ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ޙައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަޙުޤީޤުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރިޕޯޓު ނިންމައި މިއަދު ރައީސަށް ފޮނުވައިފިއެވެ.

މި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ؛ ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރާއި، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަޙުމަދު މުޙައްމަދާއި، ޑރ. މޫސާ މުރާދާއި، ޖަބީން މުޙައްމަދާއި، އާމިނަތު އީނާސްއެވެ. ކޮމިޝަންގެ ރައީސަކީ ޑރ. މުޙައްމަދު މުނައްވަރެވެ.

މިއަދު އެ ކޮމިޝަނުން ރައީސަށް ރިޕޯޓު ފޮނުވާފައި ވީނަމަވެސް، ކޮމިޝަންގެ ނިންމުމަކީ ކޮބައިކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ:

  1. ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމާއި ތަޙުޤީޤުތަކަށް ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން.
  2. ކޮމިޝަނުގެ މަސައްކަތް ކުރިއަގެންދިޔުމާއި ތަޙުޤީޤުތަކުގައި އެހީތެރިވުމަށް ރާއްޖޭން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި ރާއްޖޭން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން.
  3. ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރުގެ ބޭނުންކުރުން.
  4. ހައްޔަރު އަމުރާއި ޖިނާއީ ތަޙުޤީޤުތަކާގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން.
  5. ހާޒިރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫންވެސް ހެތްކެއް ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން.
  6. ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަޙުޤީޤެއް ކޮށްފައިވާނަމަ އެ ތަޙުޤީޤަކަށް ނުވަތަ އެ ނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ ބެލުމުގެދަށުގައި ހުރި ލިޔެކިޔުންތަކާއި ހެތްކާއި ޤަރީނާއާއި އެ ނޫންވެސް މަޢުލޫމާތު ހޯދުން.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް