ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ މުޢާމަލާތަކީ ޤާނޫނާ ޚިލާފަށް ހިންގާ މަކަރުވެރި ސްކީމެއްކަމަށް، ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.
ޤާނޫނު ނަންބަރު 02/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީއާ ބެހޭ ޤާނޫނު)ގެ ދަށުން އެކުލަވާލާފައިވާ ”އިންވެސްޓްމަންޓް ފަންޑު ރަޖިސްޓްރީކޮށް ހިންގުމާބެހޭ ޤަވާޢިދު“ގައި ވާގޮތުން މިފަދަ ސްކީމްތައް ހިންގަންވާނީ ސީއެމްޑީއޭގައި ރަޖިސްޓްރީކޮށް ހުއްދަ ނަގައިގެންނެވެ.
ނަމަވެސް މި ބަޔާނުގައި ބުނެފައިވާގޮތުގައި، ޖެމްކިއު ސްކީމަކީ ރަޖިސްޓްރީކޮށްގެން ހިންގާ ސްކީމެއް ނޫނެވެ.
އަދި ދިވެހި ފުލުހުންގެ ޚިދުމަތުން ބޭރު ޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތުގެ އަލީގައި، މި ސްކީމަކީ އޮޅުވާލައިގެން ހިންގާ މަކަރުވެރި ސްކީމެއްކަން ވަނީ ކަށަވަރުކުރެވިފައި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އަދި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 319ވަނަ މާއްދާގެ ދަށުން، މިފަދަ ސްކީމްތަކުގައި ބައިވެރިވުމުގެ ޙައްޤު ވިއްކައިލުމަކީވެސް ޤާނޫނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ވާކަމަށް ވަނީ ބުނެފައެވެ.
އެހެންކަމާއެކު، މި ސްކީމް ހިންގައި، ޕްރޮމޯޓްކޮށް އަދި ސްކީމުގައި ބައިވެރިވާން މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތައް ހޯދައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ސީއެމްޑީއޭއާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ކުރަމުންދާކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.